ކުޅިވަރު

ޓީމް ޕްރޮފައިލް: ސައުދީ އަރަބިއާ

  • ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރު ގަދަ 16 އަށް ދަތުރުކުރި
  • މިއީ ވޯލްޑް ކަޕްގައި ވާދަކުރާ 6 ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ؛ އާޖެންޓީނާ، މެކްސިކޯ، ޕޮލެންޑް

ޓީމުގެ ތާރީހް

ސައުދީ އަރަބިއާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި އެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕްގައި ސައުދީ އަރަބިއާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

އޭގެ ފަހުން، ދެން ކުޅެވުނު 1998، 2002 އަދި 2006 ގެ ވޯލްޑް ކަޕްގައި ވާދަކޮށް ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭގޮތެއް ނުވި އެވެ. އަދި އޭގެފަހުން، ދެން ކުޅެވުނު 2010 އާއި 2014 ގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިނުވެ އެވެ.

އެކަމަކު، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެ، އެ މުބާރާތަށް ކޮލިފައިވި އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރަޝިއާ އަތުން ބަލިވިއިރު، ދެން ކުޅެވުނު މެޗުގައި އުރުގުއޭ އަތުން ބަލިވީ 1-0 އިންނެވެ. އެކަމަކު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެފްރިކާގެ ގަދަބާރު މިސްރު އަތުން މޮޅުވީ 2-1 އިންނެވެ. މިސްރު ބަލިކުރިޔަސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ.

ސައުދީ އަރަބިއާ އިން ވަނީ އޭއެފްސީ އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފަ އެވެ. އެއީ 1984، 1988 އަދި 1996 ވަނަ އަހަރު އެވެ. އޭގެފަހުން އެޓީމުގެ ފުޓްބޯޅައިގެ ކާމިޔާބީ ދަށްވެ މިހާރު އޭޝިއާގެ އެހެން ގައުމުތަކާ ވާދަކޮށް ތައްޓާ ހަމައަށް ނުދެވެ އެވެ. 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ދެވަނަ ބުރުގައި ކުޅުނުއިރު އޭގެ ކުރީ ދެފަހަރު ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިންގައި ސައުދީ ވަނީ ކުޅުނު ދެބުރުގެ އެއްވަނަ ހޯދާފަ އެވެ. ދެވަނަ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކުރިއިރު ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ތިންވަނަ ބުރުގައި އެޓީމު ވަނީ 10 މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށްފަ އެވެ. ދެ މެޗު އެއްވަރުވިއިރު ބަލިވީ އެންމެ މެޗަކުންނެވެ.

ދެ ބުރުގައި ކުޅުނު 18 މެޗުގެ ތެރެއިން އެޓީމު ހަމައެކަނި ބަލިވީ ރަށުން ބޭރުގައި ޖަޕާން އަތުންނެވެ. ދެބުރުގައި 34 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 10 ގޯލެވެ.

ސާލެމް އަލް-ދައުސާރީ

ވިންގަށް ކުޅެމުން އަންނަ އަލް-ހިލާލްގެ ފޯވާޑް އަލް-ދައުސާރީ އަކީ އެޓޭކުގެ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއްކަން އޭނާ އަންނަނީ ސާބިތުކޮށްދެމުންނެވެ.

މީގެ 10 ވަރަކަށް އަހަރުކުރީން ގައުމީ ޓީމަށް ކުޅެންފެށި އަލް-ދައުސާރީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 50 މެޗުގައި 15 ލަނޑު ޖަހައިދީފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ދެވަނަ މުބާރާތެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ސައުދީ އިން ކުޅުނު ތިން މެޗުގައި އަލް-ދައުސާރީ ކުޅެފައިވާއިރު، ގްރޫޕް ސްޓޭޖުގައި މިސްރު އަތުން ފަހު ވަގުތު އެ ޓީމު މޮޅުވި ލަނޑު ޖެހީ އޭނާ އެވެ.

ކްލަބް ކެރިއަރުގައި ނިމިދިޔަ ސީޒަނުގައި ސައުދީ ލީގުގައި އޭނާ ކުޅުނު 21 މެޗުގައި ނުވަ ލަނޑުޖަހައި، އިތުރު ފަސް ގޯލްޖެހުމަށް އެހީތެރިވެދިނެވެ.

ސަލްމާން އަލް-ފަރާޖް

މިހާރުގެ ކޯޗު ހާވް ރެނާޑްގެ ގޭމް ޕްލޭންގައި އެންމެ މުހިއްމު ކުޅުންތެރިއަކީ އަލް-ހިލާލް އަދި ސައުދީ އަރަބިއާ ޓީމުގެ ކެޕްޓަން ސަލްމަން އަލް-ފަރާޖް އެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ވަނީ މިދިޔަ އަހަރުތަކުގައި އެއް ފެންވަރެއްގައި ކުޅެފައެވެ. އެންމެ ފަހުގެ ސައުދީ ސުޕަ ކަޕާއި، ސައުދީ ލީގުގެ ޗެމްޕިއަންކަން ހިލާލް ކާމިޔާބުކުރިއިރު އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ އަލް-ފަރާޖްގެ ދެވަނަ މުބާރާތެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިސްރު ކޮޅަށް ސައުދީން ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑުޖަހައިދިނީ އަލް-ފަރާޖް އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 56 މެޗު ކުޅެ، ހަތް ލަނޑު ޖަހައިދީފަ އެވެ.

ކޯޗު: ހާވް ރެނާޑް

ފްރާންސަށް އުފަން ރެނާޑް ވަނީ މީގެކުރިން މޮރޮކޯ އާއި އައިވަރީ ކޯސްޓްގެ އިތުރުން ޒެމްބިއާ އަށް ކޯޗުކޮށްދީފަ އެވެ. އަދި ފްރާންސްގެ ބައެއް ކްލަބުތަކަށް އިރުޝާދު ދީފައިވެ އެވެ. އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ޒެމްބިއާ އަދި އައިވަރީ ކޯސްޓް އާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލުމެވެ.

ރެނާޑްގެ އިރުޝާދުގެ ދަށުން ސައުދީން ކުޅުނު 27 މެޗުގެ ތެރެއިން 15 މެޗުން މޮޅުވިއިރު، ބަލިވީ އެންމެ ހަތަރު މެޗުންނެވެ. އަނެއް އަށް މެޗުން ވީ އެއްވަރެވެ. އުމުރުން 54 އަހަރުގެ ރެނާޑް ސައުދީގެ ޓީމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހު އެވެ.