ކުޅިވަރު

ޓީމް ޕްރޮފައިލް: އާޖެންޓީނާ

  • ދެ ވޯލްޑް ކަޕް ކާމިޔާބުކޮށް ތިން ފައިނަލުގައި ބަލިވި
  • މިއީ އާޖެންޓީނާ ވޯލްޑް ކަޕްގައި ކުޅޭ 18 ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ ޕޮލެންޑް، މެކްސިކޯ، ސައުދީ އަރަބިއާ

ޓީމުގެ ތާރީހް

ފުރަތަމަ ވޯލްޑް ކަޕްގައި 1930 ވަނަ އަހަރު ފައިނަލުގައި އުރުގުއޭ އަތުން އާޖެންޓީނާ ބަލިވި އެވެ. އޭގެފަހުން 1990 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުން ވެސް އާޖެންޓީނާ ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ތަށި އާޖެންޓީނާ އިން ކާމިޔާބުކުރީ 1-3 އިން ނެދަލެންޑްސް ބަލިކޮށްގެންނެވެ. އެޓީމުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދީ ފައިނަލުގައި ހުޅަނގު ޖަރުމަނާ ވާދަކޮށް 2-3 އިން މޮޅުވެގެންނެވެ.

22 މުބާރާތުގެ ތެރެއިން ވޯލްޑް ކަޕްގައި އެޓީމު ނުކުޅެނީ ހަތަރު މުބާރާތުގަ އެވެ. އެއީ 1938، 1950، 1954 އަދި 1970 އެވެ. ފަހުގެ ތާރީހެއްގައި އާޖެންޓީނާ ވޯލްޑް ކަޕްގައި އެންމެ ދަށްކޮށް ފެނުނީ 2002 ވަނަ އަހަރު އެވެ. އެފަހަރު ގްރޫޕް ސްޓޭޖުން ކެޓިއިރު 2006 އަދި 2002 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ފްރާންސާ ވާދަކުރި މެޗުން އާޖެންޓީނާ ބަލިވީ 3-4 އިންނެވެ.

އާޖެންޓީނާ އިން ވަނީ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން 15 ފަހަރު ހޯދާފަ އެވެ. އެޓީމާ އެއްވަރަށް ކޮޕާ އެމެރިކާ ކާމިޔާބު ކުރެވުނީ ހަމައެކަނި އުރުގުއޭއަށެވެ. ކޮންފެޑެރޭޝަންސް ކަޕްގައި ވާދަކޮށް 1992 ވަނަ އަހަރު އާޖެންޓީނާ ޗެމްޕިއަންކަން ހޯދި އެވެ. އާޖެންޓީނާ އިން ވަނީ ހަ މުބާރާތެއްގައި ވާދަކޮށް މިހާތަނަށް 21 ތަށި ކާމިޔާބުކޮށްފަ އެވެ.

ކޮލިފައިވީ ކިހިނެއް؟

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ބްރެޒިލްގެ ފަހަތުން އާޖެންޓީނާ އަށް ލިބުނީ ދެވަނަ އެވެ. ކޮލިފައިންގައި ކުޅުނު 17 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެ ހަ މެޗު އެއްވަރުކުރި އެވެ. ކޮލިފައިންގެ 17 މެޗުގައި އާޖެންޓީނާ ވަނީ 27 ގޯލު ޖަހާފަ އެވެ. ބައިކޮޅަށް ވަނީ އަށް ގޯލެވެ.

ކޮލިފައިންގައި އާޖެންޓީނާ އެއްމެޗު މަދުން ކުޅުނީ ބްރެޒިލްއާ ދެކޮޅަށް ކުޅެން އޮތް މެޗު ކެންސަލް ކުރުމުންނެވެ. އެ މެޗު ކުޅެމުން ދަނިކޮށް ބްރެޒިލްގެ ހެލްތު އޮފިޝަލުން ދަނޑަށް އަރައި މެޗު ހުއްޓުވީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ކޮވިޑް ޕްރޮޓޮކޯލްއާ ހިލާފުވިކަމަށް ބުނެ އެވެ. ފަހުން މެޗު ރީޝެޑިއުލް ކުރުމުގެ ބަދަލުގައި ބްރެޒިލް އާއި އާޖެންޓީނާ އިން ވެސް ނިންމީ ފީފާ އަށް ޖޫރިމަނާގެ ފައިސާ ދައްކާށެވެ. އެހެން ހެދީ ދެޓީމު ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމާ އެކު އިތުރު މެޗެއް ނުކުޅެންވެގެންނެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

އާޖެންޓީނާ ޓީމުގެ ހިތަކީ ލިއޮނަލް މެސީ އެވެ. މެސީގެ ވަށައިގެން އެޓީމުގައި ތިބީ އެއް ފެންވަރެއްގެ މޮޅެތި ކުޅުންތެރިންނެވެ. އާޖެންޓީނާގެ ޓީމުގެ ފެންވަރު އެޓީމުގެ ނަތީޖާތަކުން ވެސް ފުދެ އެވެ. އެޓީމު ވަނީ 2019 ޖުލައި މަހުން ފެށިގެން ބަލިނުވެ 35 މެޗު ހަމަކޮށްފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ އިޓަލީ އަތުގަ އެވެ. 37 މެޗާ އެކު އިޓަލީ މި ރެކޯޑް ހެދީ މިދިޔަ އަހަރު އޮކްޓޫބަރު މަހު އެވެ.

ރޮޑްރީގޯ ޑި ޕޯލް

ޑި ޕޯލް އަކީ އާޖެންޓީނާގެ މެދުތެރޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ޑި ޕޯލް، 28، ގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ މިދިޔަ އަހަރު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު އެވެ. އެ މުބާރާތުގެ ފައިނަލުގައި ބްރެޒިލް ބަލިކުރި ލަނޑު އެންހެން ޑި މާރިއާ ޖެހީ ޑި ޕޯލް ދިން މޮޅު ޕާހަކުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅުނު 17 މެޗުގެ ތެރެއިން 16 މެޗުގައި ޑި ޕޯލް ވަނީ ކުޅެފަ އެވެ. 2018 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ޑި ޕޯލް ވަނީ އެޓީމަށް ކުޅުނު 43 މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަނަނީ އެތުލެޓިކޯ މެޑްރިޑަށެވެ.

އެމީ މާޓީނޭޒް

އަހަރުގެ މާޓީނޭޒް ވަނީ އެންމެ ފަހުގެ ކޮޕާ އެމެރިކާ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދާފަ އެވެ. މިހާތަނަށް މާޓީނޭޒް ވަނީ 18 މެޗުގައި އާޖެންޓީނާގެ ގޯލު ބަލަހައްޓާފަ އެވެ.

މާޓީނޭޒް ކްލަބް ލެވެލްގައި ވިދުން ގަދަވީ 2020 ވަނަ އަހަރު އެސްޓަން ވިލާ އަށް ބަދަލުވި ހިސާބުންނެވެ. އޭގެކުރިން 2012 ވަނަ އަހަރު އާސެނަލާ ގުޅުމަށް ފަހު އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބުނީ މަދުންނެވެ. އެހެންވެ އާސެނަލްގެ ލޯނު އުސޫލުން ހަ ޓީމަށް ކުޅުނެވެ. އާސެނަލުން މާޓީނޭޒް އެސްޓަން ވިލާ އަށް ވިއްކާލީ 2020 ސެޕްޓެމްބަރު މަހު އެވެ.

ކޯޗު: ލިއޮނެލް ސްކަލޯނީ

44 އަހަރުގެ ސްކަލޯނީ އާޖެންޓީނާގެ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ސްކަލޯނީ ވަނީ އާޖެންޓީނާ އަށް މިދިޔަ އަހަރުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަމާއި ކޮންމެބޮލް-ޔޫއެފާ ކަޕް އޮފް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

2018 އޮގަސްޓް މަހުން ފެށިގެން ސްކަލޯނީގެ ކޯޗުކަމުގައި އާޖެންޓީނާ ކުޅުނު 49 މެޗުގެ ތެރެއިން 33 މެޗުން މޮޅުވި އެވެ. 12 މެޗު އެއްވަރުވިއިރު ބަލިވީ ހަތަރު މެޗުންނެވެ.