ކުޅިވަރު

ޓީމް ޕްރޮފައިލް: މެކްސިކޯ

  • އެންމެ ފަހުން ކުޅުނު ހަތް ވޯލްޑް ކަޕްގައި ވެސް ކެޓީ ދެވަނަ ބުރުން
  • މެކްސިކޯ ވަނީ މީގެކުރިން 16 ވޯލްޑް ކަޕްގައި ކުޅެފަ
  • ގްރޫޕުގައި ދެން ހިމެނެނީ ޕޮލެންޑް، ސައުދީ އަރަބިއާ އަދި އާޖެންޓީނާ

ޓީމުގެ ތާރީހް

ފުރަތަމަ ވޯލްޑް ކަޕްގައި 1930 ވަނަ އަހަރު ވާދަކޮށް މެކްސިކޯ ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ. ވޯލްޑް ކަޕްގައި އެޓީމަށް މޮޅެއް ލިބުނީ 32 އަހަރު ފަހުން 1962 ގަ އެވެ. އެ މުއްދަތާ ހަމައަށް ހަތަރު ވޯލްޑް ކަޕްގައި އެޓީމު ވާދަކޮށް މޮޅެއް ނުހޯދުނެވެ. މެކްސިކޯ އަންނަނީ 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ވާދަކުރަމުންނެވެ. މެކްސިކޯ އަކީ 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ވާދަކުރަމުން އަންނަ ހަ ގައުމުގެ ތެރެއިން ގައުމެކެވެ. މެކްސިކޯ ޖެހިޖެހިގެން ކުޅުނު ހަތް ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ އެވެ. އެކަމަކު ދެވަނަ ބުރުގެ މެޗުން ކޮންމެ ފަހަރަކު ވެސް ބަލިވަނީ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސައުތު ކޮރެއާ އާއި ޖަރުމަނު އަތުން މެކްސިކޯ މޮޅުވި އެވެ. ބަލިވީ ސްވިޑެން އަތުންނެވެ. ދެވަނަ ބުރަށް ދަތުރުކޮށް ކެޓީ ބްރެޒިލް އަތުން 0-2 އިން ބަލިވުމުންނެވެ. އޭގެކުރިން 2014 ވަނަ އަހަރު އެޓީމު ކެޓީ ނެދަލެންޑްސް އަތުންނެވެ.

މެކްސިކޯ އިން ވަނީ ސަރަހައްދީ މުބާރާތް ކަމަށްވާ ކޮންކާކަފް ގޯލްޑް ކަޕް 11 ފަހަރު ކާމިޔާބުކޮށްފަ އެވެ. ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި 10 ފަހަރު މެކްސިކޯ ވަނީ ކުޅެފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި 1993 އަދި 2001 ވަނަ އަހަރު ވަނީ ބަލިވެފަ އެވެ. ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ހަތް މުބާރާތުގައި ވާދަކޮށް 1999 ވަނަ އަހަރު އެޓީމު ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.

ކޮލިފައިވީ ކިހިނެއް؟

ރޭންކިންގެ ކުރީގައި އޮތުމުން ކޮލިފައިންގެ ފުރަތަމަ ބުރުގައި މެކްސިކޯ ވާދަކޮށްފައެއްނުވެ އެވެ. ފައިނަލް ބުރުގައި ވާދަކޮށް ކެނެޑާގެ ފަހަތުން އެޓީމަށް ލިބުނީ ދެވަނަ އެވެ. ކެނެޑާއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ދެވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ.

ކޮލިފައިންގެ 14 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކުރި އެވެ. ހަތަރު މެޗު އެއްވަރުވިއިރު ބަލިވީ ދެ މެޗުންނެވެ. ކޮލިފައިންގައި މެކްސިކޯ 17 ގޯލު ޖެހިއިރު ބައިކޮޅަށް އަށް ގޯލު ވަނީ ވަދެފަ އެވެ.

ގުއިލެރްމޯ އޮޗޯއާ

ވޯލްޑް ކަޕެއް ކުޅޭނަމަ ސަޕޯޓަރުންގެ ލޮލުގައި އަޅައިގަންނަ އެއް ކުޅުންތެރިއަކީ މެކްސިކޯގެ ކީޕަރު އޮޗޯއާ އެވެ. މިއީ މެކްސިކޯއާ އެކު ވޯލްޑް ކަޕްގައި އޮޗޯއާ ކުޅޭނެ ފަސް ވަނަ ފަހަރެވެ. 37 އަހަރުގެ ގޯލްކީޕަރު މިހާރު ކުޅެމުން އަންނަނީ އެގައުމުގެ ކްލަބް އެމެރިކާ އަށެވެ. ޔޫރަޕްގައި އޮޗޯއާ ވަނީ ސްޕެއިންގެ މަލާގާ އާއި ގްރަނާޑާ އަދި ބެލްޖިއަމްގެ ސްޓެންޑާޑް ލީގެ އަށް ކުޅެފަ އެވެ.

އޮޗޯއާ އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 20 އަހަރުގަ އެވެ. 2005 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ 130 މެޗު މިހާތަނަށް މެކްސިކޯ ޓީމަށް ކުޅެފަ އެވެ. މިދިޔަ މުއްދަތުގައި އޮޗޯއާ ބެންޗުކުރެވޭ ފެންވަރުގެ ކީޕަރެއް މެކްސިކޯގައި އުފެދިފައެއް ނެތެވެ. އެހެންވެ މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް މެކްސިކޯގެ ގޯލު ބަލަހައްޓާނީ އޮޗޯއާ އެވެ.

ހާވިން ލޮޒާނޯ

ގައުމީ ޓީމަށް 2016 ވަނަ އަހަރު ކުޅެން ފަށައި ލޮޒާނޯ، 27، ވަނީ 59 މެޗުގައި 16 ގޯލު ޖަހައިފަ އެވެ. މިދިޔަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯ އިން ޖަރުމަނު ބަލިކުރީ ލޮޒާނޯ ޖަހައިދިން ގޯލުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލޮޒާނޯ ހޯދި އެވެ. ދެވަނަ ވޯލްޑް ކަޕަށް ނުކުންނައިރު މިފަހަރުގެ ކޮލިފައިންގައި ލޮޒާނޯ ވަނީ 10 މެޗު ކުޅެފަ އެވެ.

ލޮޒާނޯ ވަނީ ކުރިން ޕީއެސްވީ އަށް ކުޅެ އެ ކްލަބާ އެކު ނެދަލެންޑްސްގެ ލީގު ކާމިޔާބުކޮށްފަ އެވެ. ނަޕޯލީ އަށް ބަދަލުވެ 2020 ވަނަ އަހަރު އިޓާލިއަން ކަޕް ކާމިޔާބުކުރި އެވެ. އަދި، 2018 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.

ކޯޗު: ޖެރާޑޯ މާޓީނޯ

ކްލަބް ލެވެލްގައި 500 އަށް ވުރެ ގިނަ މެޗު ކުޅުނު ނަމަވެސް މާޓީނޯ އާޖެންޓީނާގެ ސީނިއާ ޓީމަށް ކުޅުނީ އެންމެ މެޗެކެވެ. މާޓީނޯ އަންނަނީ 1998 ވަނަ އަހަރުން ފެށިގެން ކޯޗުކަން ކުރަމުންނެވެ. އޭނާ ކޯޗުކޮށްދިން ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި ބާސެލޯނާ އާއި އާޖެންޓީނާ ހިމެނެ އެވެ. ބާސެލޯނާގައި އަހަރެއްހާ ދުވަސް ހޭދަކުރިއިރު ކާމިޔާބުކުރެވުނީ ސްޕެނިޝް ސުޕަ ކަޕެވެ. އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާގެ ދެ ފައިނަލުގައި ކުޅެ ބަލިވީ އެވެ.

މާޓީނޯގެ ކޯޗުކަމުގައި މެކްސިކޯ ކުޅުނު 61 މެޗުގެ ތެރެއިން 40 މެޗުން މޮޅުވި އެވެ. 11 މެޗު އެއްވަރުވިއިރު ބަލިވީ 10 މެޗުންނެވެ.