ކުޅިވަރު

ޓީމް ޕްރޮފައިލް: ޕޮލެންޑް

  • 1974 އަދި 1982 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި
  • މިއީ ޕޮލެންޑް ވޯލްޑް ކަޕްގައި ވާދަކުރާ ނުވަ ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ މެކްސިކޯ، ސައުދީ އަރަބިއާ، އާޖެންޓީނާ

ޓީމުގެ ތާރީޙް

ޕޮލެންޑް ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ 1938 ވަނަ އަހަރު އެވެ. އެފަހަރު ދެވަނަ ބުރަށް އެޓީމު ދަތުރުކުރި އެވެ. އެ ބުރުގައި ކެޓީ ބްރެޒިލް އަތުންނެވެ. އޭގެފަހުން 1974 ވަނަ ވޯލްޑް ކަޕުން ފެށިގެން ޖެހިޖެހިގެން ހަތަރު މުބާރާތުގައި ވާދަކުރި އެވެ. އެއީ ޕޮލެންޑުގެ ފުޓްބޯޅައިގެ ރަން ޖީލެވެ. 1974 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ އެޓީމު ހޯދީ ބްރެޒިލް ބަލިކޮށްގެންނެވެ. 1982 ވަނަ އަހަރު މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ޕޮލެންޑް ވަނީ ފްރާންސް ބަލިކޮށްފަ އެވެ. އަނެއްކާ ވެސް ކޮލިފައިނުވެ 16 އަހަރު ހޭދަވުމަށް ފަހު ދެން ކުޅުނީ 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ދެމުބާރާތުގައި ވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

އޭގެފަހުން ކުޅުނު ދެ ވޯލްޑް ކަޕަށް އެޓީމު ކޮލިފައިނުވެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ފަސޭހަ ގްރޫޕެއްގައި ހިމެނި އެޓީމަށް ދެވަނަ ބުރަށް ނުދެވުނެވެ. ކޮލަމްބިއާ އާއި ސެނެގޯލް އަތުން ބަލިވިއިރު މޮޅެއް ލިބުނީ ހަމައެކަނި ޖަޕާން އަތުންނެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް ވަނީ ހަތަރު ފަހަރު ކުޅެފަ އެވެ. އެޓީމަށް އެންމެ ކުރިއަށްދެވުނީ 2016 ވަނަ އަހަރު ކުއާޓާ ފައިނަލާ ހަމައަށެވެ. މިދިޔަ އަހަރު އޮތް ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

ޕޮލެންޑަށް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1972 ވަނަ އަހަރު މިއުނިކް އޮލިމްޕިކް މުބާރާތް ކާމިޔާބުކުރުމެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިންގައި އިންގްލެންޑުގެ ފަހަތުން ދެވަނަ ލިބި ޕޮލެންޑް ޖެހުނީ ޕްލޭއޮފްގައި ވާދަކުރާށެވެ. އެ ގްރޫޕުގައި ކުޅުނު 10 މެޗުގެ ތެރެއިން ޕޮލެންޑް ބަލިވީ ދެ މެޗުންނެވެ. ހަ މެޗު އެއްވަރުކުރި އިރު 10 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. ކޮލިފައިންގައި ޕޮލެންޑުން 30 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 19 ގޯލެވެ.

ޕްލޭއޮފް ސެމީ ފައިނަލް މެޗުން ޕޮލެންޑް މޮޅުވި ކަމަށް ނިންމީ ރަޝިއާ ސަސްޕެންޑް ކުރުމުންނެވެ. ވޯލްޑް ކަޕަށް ޕޮލެންޑް ކޮލިފައިވީ ޕްލޭއޮފް ފައިނަލްގައި 2-0 އިން ސްވިޑެން ބަލިކޮށްގެންނެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

ޕޮލެންޑް ޓީމުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީއާ އެކު އެޓީމުގައި މުހިއްމު ކުޅުންތެރިން އެބަތިއްބެވެ.

ވޮޒްޝިއޭ ޝެޒްނީ

ޔުވެންޓަސް އަށް ކުޅޭ އުމުރުން 32 އަހަރުގެ ޝެޒްނީ އަކީ އެޓީމުގެ ގޯލުގައި މޮޅު ކުޅުމެއް ދައްކާ ކީޕަރެކެވެ. 2009 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް 66 މެޗު ޝެޒްނީ ވަނީ ކުޅެފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޕޮލެންޑް ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުގައި ޝެޒްނީ ކުޅުނެވެ. އެކަމަކު އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޝެޒްނީ އަށް ނުކުޅެވެ އެވެ. ޕޮލެންޑް ސަޕޯޓަރުންގެ އުއްމީދަކީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އަނިޔާއިން ރަނގަޅުވެ ޝެޒްނީ ޓީމާ ގުޅުމެވެ.

ޕިއޮޓްރޭ ޒިއެލިންސްކީ

28 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ޒިއެލެންސްކީ އަކީ ލެވަންޑޯސްކީ އަށް ބޯޅަ ސަޕްލައި ކޮށްދިނުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިޔާ އެވެ. ކްލަބް ކެރިއަރުގެ ކުރީކޮޅު ވިދުން ފަނޑުވި ނަމަވެސް 2016 ވަނަ އަހަރު ނަޕޯލީ އަށް ބަދަލުވެ ޒިއެލެންސްކީ އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަޕޯލީ އަށް 300 އަށް ގިނަ މެޗު ކުޅެދީފައިވާއިރު 40 އަށް ވުރެ ގިނަ ގޯލު ވަނީ ޖަހައިފަ އެވެ.

ގައުމީ ޓީމުގައި ޒިއެލެންސްކީ ވަނީ 74 މެޗު ކުޅެ ނުވަ ގޯލު ޖަހައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ޕޮލެންޑް ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުގައި ޒިއެލެންސްކީ ވަނީ ކުޅެފަ އެވެ. ސްވިޑެން ބަލިކޮށް ޕޮލެންޑް ވޯލްޑް ކަޕަށް ކޮލިފައިވި މެޗުގައި އެޓީމުގެ ފަހު ގޯލު ޖެހީ ޒިއެލެންސްކީ އެވެ.

ކޯޗު: ޒެސްލޯ މިކްނިއާޒް

ޕޮލެންޑުގެ ކްލަބްތަކުގައި ފުޓްބޯޅަ ކުޅުނު ނަމަވެސް ގައުމީ ޓީމަކުން ޒެސްލޯ ފެނިފައެއްނުވެ އެވެ. ޒެސްލޯ އަންނަނީ 2003 ވަނަ އަހަރުން ފެށިގެން ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ. 2017 އިން 2020 އަށް ޒެސްލޯ ވަނީ ޕޮލެންޑުގެ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފަ އެވެ. އޭގެފަހުން އޭނާ ފެނުނީ ޕޮލެންޑުގެ އެންމެ ކާމިޔާބު ކްލަބް ލެގިއާ ވާސޯ އިންނެވެ.

މި އަހަރުގެ ޖެނުއަރީ މަހު ޕޮލެންޑާ ހަވާލުވެ ޒެސްލޯގެ ކޯޗުކަމުގައި އެގައުމު އަދި ކުޅުނީ އަށް މެޗެވެ. އެތަނުން ތިން މެޗުން މޮޅުވެ ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެއްވަރުވީ ދެ މެޗުންނެވެ.