ކުޅިވަރު

މެސީ: ފަހު ފުރުސަތު ރަނަށް ހަދަން ކެތްމަދުވެފައި

ލިއޮނެލް މެސީގެ ހުނަރާއި ކާމިޔާބީގެ ވާހަކަ ފަށާފަ ނިންމާނެ ކޮޅެއް ވެސް ނޭނގެ އެވެ. ގިނަ ބައެއްގެ ނަޒަރުގައި މެސީ އަކީ ދުނިޔެ މިހާތަނަށް ނުދެކޭހާ ހުނަރުވެރި ކުޅުންތެރިއެކެވެ. މެސީ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކުން ވެސް ބުނެދެނީ އެކަމެވެ. މެސީ ވަނީ ދުނިޔޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ހޯދާފަ އެވެ.

ސެންޓްރަލް އާޖެންޓީނާ އަށް އުފަން މެސީގެ ސިއްހީ މައްސަލައަކާ ގުޅިގެން އުމުރުން 13 އަހަރުގައި ސްޕެއިނަށް ދިރިއުޅުން ބަދަލުކުރި އެވެ. ސްޕެއިނަށް ބަދަލުވެ މެސީ އެންމެ ފުރަތަމަ ގުޅުނީ ބާސެލޯނާގެ އެކަޑެމީއާ އެވެ. ބާސެލޯނާގެ ސީނިއާ ޓީމުން ފުރުސަތު ހޯދައި މެސީ ފުރަތަމަ މެޗު ކުޅުނީ 2004 ވަނަ އަހަރު އޮކްޓޫބަރު މަހު އެވެ. އޭގެފަހުން މިދިޔަ އަހަރުގެ ޖުލައި މަހު ބާސެލޯނާ ދޫކޮށްލުމާ ހަމައަށް އެ ކްލަބުގައި މެސީ 35 ތަށި ހޯދި އެވެ.

ބާސެލޯނާގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވާ ކުޅުންތެރިއަކީ މެސީ އެވެ. އޭނާ ވަނީ އެ ކްލަބާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށް ސްޕެނިޝް ލީގު 10 ފަހަރު ކާމިޔާބުކޮށްފަ އެވެ.

ސްޕެނިޝް ލީގު ތާރީހުގައި ލަނޑު ލިސްޓުގެ އެއްވަނައިގައި މެސީ އޮތީ 474 ގޯލާ އެކު އެވެ. ލަލީގާ ގައި މެސީ ހެދި 36 ހެޓްރިކާއި ޗެމްޕިއަންސް ލީގުގައި ހެދި އަށް ހެޓްރިކަކީ ރެކޯޑެކެވެ. އާޖެންޓީނާ އަށް ކުޅުނު 164 މެޗުގައި ޖެހި 90 ގޯލާ އެކު މެސީ އަކީ ދުނިޔޭގެ ލަނޑު ލިސްޓުގެ ތިން ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ.

ގައުމީ ޓީމާ އެކު މެސީ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދާފަ އެވެ. އެފަހަރު ފައިނަލުގައި ހިތްދަތި ގޮތަކަށް ޖަރުމަނު އަތުން ބަލިވިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ހޯދި އެވެ. މެސީ އަށް ސީނިއާ ޓީމާ އެކު ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. އަދި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ކޮންމެބޮލް-ޔޫއެފާ ކަޕް އޮފް ޗެމްޕިއަންސް އާޖެންޓީނާ މިއަހަރު ވަނީ ހޯދާފަ އެވެ. އެ މެޗުގައި އާޖެންޓީނާ މޮޅުވީ ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އަތުންނެވެ.

ކްލަބް ފުޓްބޯޅައިގައި މެސީ ވަނީ ސްޕެނިޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފަ އެވެ. އަދި އާޖެންޓީނާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 14 ފަހަރު މެސީ ހޯދި އެވެ. އަދި ޔޫރަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް މެސީ ވަނީ ހަ ފަހަރު ހޯދާފަ އެވެ. މިއީ އެހެން އެއްވެސް ކުޅުންތެރިއަކަށް އަރާ ހަމަކުރެވިފައިނުވާ ކާމިޔާބީތަކެކެވެ.

މިއީ އާޖެންޓީނާއާ އެކު މެސީ ނުކުންނަ ފަސް ވަނަ ވޯލްޑް ކަޕެވެ. މިދިޔަ ހަތަރު ވޯލްޑް ކަޕްގެ ތެރެއިން މެސީ އަށް ގޯލެއް ނުޖެހުނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް މުބާރާތުގަ އެވެ. މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މެސީ ވަނީ ކުޅުނު 11 މެޗުގައި ހަ ގޯލު ޖަހައި ނުވަ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި މެސީ މިހާތަނަށް 19 މެޗު ކުޅެފައިވާއިރު ޖަހާފައިވަނީ ހަ ގޯލެވެ.