ކުޅިވަރު

ލެވަންޑޯސްކީ: ވޯލްޑް ކަޕް ގޯލަކަށް ކެތްމަދުވެފައި

ރޮބާޓް ލެވަންޑޯސްކީ އަކީ މި ޖީލު ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. އޭނާއަކީ 2000 ވަނަ އަހަރުގެ ފަހުން ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު، ކެރިއަރުގައި 600 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. ކޮންމެ ޓީމެއްގައި ވެސް ލެވަންޑޯސްކީ ފާހަގަކުރެވެނީ ގޯލާ ރައްޓެހި ކުޅަދާނަ ފޯވާޑެއްގެ ގޮތުގަ އެވެ. އެކަމަކު ލެވަންޑޯސްކީގެ ގޯލު ޖެހުމުގެ ދިގު ލިސްޓުގައި ވޯލްޑް ކަޕް ގޯލެއް ނެތެވެ. އޭނާ އަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބުނީ ހަމައެކަނި 2018 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ލެވަންޑޯސްކީ އަށް ގޯލެއް ނުޖެހުނު އިރު ޕޮލެންޑަށް އަނެއް ބުރަށް ދެވޭގޮތެއްނުވި އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ އިތުރުން ލެވަންޑޯސްކީ ވަނީ 2012 އަދި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑަށް ކުޅެފަ އެވެ. ޔޫރޯގެ ދެ މުބާރާތުގައި ކުޅުނު 11 މެޗުގައި ލެވަންޑޯސްކީ ފަސް ގޯލު ޖެހި އެވެ. ވޯލްޑް ކަޕްގެ ގޯލެއް ނެތަސް އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު 37 މެޗުގައި 30 ގޯލު ޖަހާފަ އެވެ. މިފަހަރުގެ ކޮލިފައިންގައި ކުޅުނު ނުވަ މެޗުގައި ލެވަންޑޯސްކީ ވަނީ ނުވަ ގޯލު ޖަހައި ހަތަރު ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

2008 ވަނަ އަހަރު ޕޮލެންޑުގެ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް ކުޅުނު 134 މެޗުގައި ލެވަންޑޯސްކީ ވަނީ 76 ގޯލު ޖަހާފަ އެވެ. އެގައުމުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ވެސް ލެވަންޑޯސްކީ އެވެ.

ލެވަންޑޯސްކީ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ 2005 ވަނަ އަހަރު ޕޮލެންޑުގެ ޔޫތު ޓީމުތަކުންނެވެ. ޔޫރަޕްގައި ލެވަންޑޯސްކީ ވިދަންފެށީ 2010 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކުރުމަށް ފަހު އޭނާ ދެން ބަދަލުވީ ގަދަބާރު ބަޔާން މިއުނިކަށެވެ. ލެވަންޑޯސްކީގެ ގޯލު ޖެހުމުގެ ހުނަރު އެންމެ ފުރިހަމަކޮށް ފެނުނީ ވެސް އެ ކްލަބުގަ އެވެ. ބަޔާންގައި އަށް ސީޒަން ހޭދަކުރުމަށް ފަހު މިއަހަރު ލެވަންޑޯސްކީ ބަދަލުވީ ބާސެލޯނާ އަށެވެ. މި ސީޒަނުގައި ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ލެވަންޑޯސްކީ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑާ އެކު ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދުމަށް ފަހު ބަޔާނަށް ބަދަލުވެ އޭނާ ހޭދަކުރި އަށް ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަން ހޯދި އެވެ. މީގެ އިތުރުން ބަޔާންއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ޖަރުމަނު ކަޕާއި ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.

ޔޫރަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް މިދިޔަ ދެ އަހަރު ވެސް ހޯދީ ލެވަންޑޯސްކީ އެވެ. ބަޔާންގައި ހޭދަކުރި އަށް ސީޒަނުގެ ތެރެއިން ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހަތް ފަހަރު ލެވަންޑޯސްކީ ހޯދި އެވެ. ޕޮލެންޑުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 10 ފަހަރު ހޯދާފައިވާއިރު 2011 ވަނަ އަހަރުގެ ފަހުން އެ މަގާމް ލެވަންޑޯސްކީ އަށް ނުލިބުނީ ހަމައެކަނި 2018 ވަނަ އަހަރު އެވެ.

ލެވަންޑޯސްކީ ހޯދި އިންޑިވިޖުއަލް އެންމެ ބޮޑު ކާމިޔާބީއަކީ 20-2019 ވަނަ ސީޒަނުގެ ޔޫއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ކޮވިޑާ ގުޅިގެން އެ އަހަރު ބެލޮންޑިއޯ އެވޯޑް ކެންސަލް ކުރުމުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފް ލެވަންޑޯސްކީ އަށް އަދި ލިބޭގޮތެއްނުވެ އެވެ.