ކުޅިވަރު

އެރިކްސެން: އާދަޔާ ހިލާފު ހިތްވަރުން އަނެއްކާވެސް ހުރި ހިސާބަށް

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހިތުގެ ހިނގުން ހުއްޓި އެރިކްސެން އިމަޖެންސީކޮށް ދަނޑުން ބާލައިގެން ދިޔަ މަންޒަރަކީ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތުގައި އަދިވެސް ކުރެހިފައިވާ ހިތްދަތި މަންޒަރެކެވެ. ހިތަށް ދިމާވި މައްސަލައާ ގުޅިގެން ފަރުވާ ހޯދުމަށް އެރިކްސެން ޖެހުނީ ޑިވައިސް އެއް ލައްވާށެވެ. މި ޑިވައިސް ލައްވައިގެން އިޓާލިއަން ލީގުގައި ކުޅުމުގެ ފުރުސަތު ނެތުމުން މިއަހަރުގެ ޖެނުއަރީ މަހު އިންޓަ މިލާން ދޫކޮށް އެރިކްސެން ބަދަލުވީ އިނގިރޭސި ކްލަބް ބްރެންޓްފޯޑަށެވެ. އެ ކްލަބުގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު މިދިޔަ ޓްރާންސްފާ ބާޒާރުގައި އޭނާގެ ސޮއި ހޯދީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ.

އެރިކްސެން އަކީ މޮޅު މިޑްފީލްޑަރެކެވެ. ޑެންމާކްގެ މެދުތެރޭގައި ދައްކާ މޮޅު ކުޅުން މި ސީޒަނުގައި ޔުނައިޓެޑްގައި ވެސް އެރިކްސެން އަންނަނީ ދައްކަމުންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މުހިއްމު ހިސާބަކުން ޓީމާ ވަކިވާން ޖެހުނަސް އެރިކްސެން އަށް ޓަކައި ކުރި ހިތްވަރާ އެކު ޑެންމާކް ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހު ވޯލްޑް ކަޕަށް ނުކުންނައިރު ޑެންމާކަށް އޮތް ހިތްހަމަޖެހުމަކީ ފަރުވާއަށް ފަހު އެރިކްސެން އަލުން ގައުމީ ޓީމާ ގުޅުމެވެ. ޔަގީނުންވެސް މިފަހަރުގެ ވޯލްޑް ކަޕްގައި އެރިކްސެން ފެނުން ވެގެންދާނީ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު އުފަލަކަށެވެ.

2010 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ އެރިކްސެން ވަނީ އެގައުމަށް ކުޅުނު 117 މެޗުގައި 39 ގޯލު ޖަހާފަ އެވެ. ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެރިކްސެން ވަނީ ރެކޯޑް އަދަދަކަށް ފަސް ފަހަރު ހޯދާފަ އެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެރިކްސެން ގައުމީ ޓީމު ތަމްސީލުކުރަން ފެށީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެންނެވެ.

އޭގެފަހުން އެރިކްސެން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ޑެންމާކަށް ކުޅެފަ އެވެ. އެރިކްސެން ގައުމީ ޓީމަށް ކުޅުނު ބައިނަލްއަގްވާމީ ހަތަރު މުބާރާތުގައި ވަނީ 10 މެޗު ކުޅެ އެއް ގޯލު ޖަހައިފަ އެވެ.

ހިތުގެ މައްސަލައާ ގުޅިގެން ވޯލްޑް ކަޕް ކޮލިފައިންގައި ޑެންމާކް ކުޅުނު 10 މެޗުގެ ތެރެއިން އެރިކްސެން އަށް ކުޅެވުނީ އެންމެ ތިން މެޗުގަ އެވެ. އެއީ 2021 ވަނަ އަހަރު އިސްރާއީލްގެ އިތުރުން މޯލްޑޯވާ އަދި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އޭގެފަހުން މިދިޔަ އަހަރުގެ ޖޫން މަހު ހިތުގެ މައްސަލަ ދިމާވެ ކޮލިފައިންގެ ބާކީ ބައިގައި އެރިކްސެން ޑެންމާކް ޓީމުން ނުފެނެ އެވެ. އެކަމަކު ފަރުވާ އަށް ފަހު އެނބުރި އައިސް އެރިކްސެން ވަނީ މިއަހަރު ގައުމީ ޓީމުގައި އަށް މެޗު ކުޅެފަ އެވެ. އެއީ ޔޫއެފާ ނޭޝަންސް ލީގުގެ ހަ މެޗާއި އެކުވެރިކަމުގެ ދެ މެޗެވެ.

އުނދަގޫ ދުވަސްތަކަކަށް ފަހު ވޯލްޑް ކަޕަށް ނުކުންނައިރު އެރިކްސެން ހުރީ އޭނާ ގައުމީ ޓީމުގައި ކުރިން ދެއްކި މޮޅު ކުޅުން ތަކުރާރުކުރެވޭ ފެންވަރުގަ އެވެ.