މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ގޯލުތަކުން ފީފާ ވޯލްޑް ކަޕްގައި މިރޭ ނެދަލެންޑްސް އިން 0-2 ގެ ނަތީޖާއަކުން ސެނެގޯލް ބަލިކޮށްފި އެވެ.
މެޗަށް ނުކުތްއިރު ނެދަލެންޑްސް އަށް ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖަހައިދިން މެމްފިސް ޑިޕާއި އިނީ ބެންޗުގަ އެވެ. ކޮލިފައިންގައި 12 ލަނޑު ޖެހި ޑިޕާއި ބެންޗުގައި ބޭންދީ އަނިޔާ އިން ރަނގަޅުވެ މެޗު ފިޓްނެސް އެވަރަށް ނެތުމުންނެވެ. ސެނެގޯލް މުބާރާތުގައި ވާދަކުރަނީ އަނިޔާގެ ސަބަބުން ކެޕްޓަން ސަޑިއޯ މާނޭ ނުލަ އެވެ.
މެޗު ފަށައިގެން ސެނެގޯލުން ވަނީ އަވަސް ކުޅުމަކާ އެކު ނެދަލެންޑްސް އަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު ކީޕަރު ޓެސްޓުކޮށްލެވޭ ވަރުގެ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. މި ހާފުގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތު ލިބުނީ ނެދަލެންޑްސްގެ ފްރޭންކި ޑި ޔޮން އަށެވެ. އޭރިޔާ ތެރެއިން ހުހަށް ލިބުނު ބޯޅައިގެ ބޭނުން ޑި ޔޮން އަށް ނުކުރެވުނީ ގޯލަށް ޖެހުން މާބޮޑަށް ލަސްކުރުމުންނެވެ.
ނެދަލެންޑްސް އިން މެޗުގެ ދެ ގޯލު ޖެހީ ފަހުކޮޅު އެވެ. 84 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ކޯޑީ ގަކްޕޯ އެވެ. އޭރިޔާ ބޭރުން ފްރޭންކި ޑި ޔޮން ނަގައިދިން ހުރަސް ގަކްޕޯ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
މިއީ ފުރަތަމަ ވޯލްޑް ކަޕްގައި ގަކްޕޯގެ ފުރަތަމަ ގޯލެވެ. ގަކްޕޯ އަކީ މި ސީޒަނުގައި އަޔަކްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ވޯލްޑް ކަޕްގެ ކުރިން ގަކްޕޯ ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ.
ނެދަލެންޑްސްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ ޑޭވީ ކްލާސެން އެވެ. ޑިޕާއި ފޮނުވާލި ހަމަލާ ސެނެގޯލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ކްލާސެން ވަނީ ހުސް ގޯލަށް ބޯޅަ ވައްދާލާފަ އެވެ.
މެޗުގައި ސެނެގޯލުން ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް ނެދަލެންޑްސްގެ ގޯލްކީޕަރު އަންޑްރިއެސް ނޮޕާޓް ވަނީ މަތަކޮށްފަ އެވެ. ނެދަލެންޑްސް ކޮޅަށް ނަތީޖާ އެނބުރުމުގައި ގޯލްކީޕަރުގެ ދައުރު ބޮޑެވެ.
މުބާރާތުގައި މިރޭ 12 ޖަހާއިރު ކުޅޭނީ އެމެރިކާ އާއި ވޭލްސް އެވެ.