ކުޅިވަރު

މިފަހަރުގެ ވޯލްޑް ކަޕުން ބުނެދެނީ އަންހެނުންނަށް ވާނެކަން

Nov 22, 2022

ލިޔުނީ: އަބްދުﷲ އަޝްރަފް

އަންހެނުންނަށް ވަކި ކަހަލަ ކަންކަން ނުކުރެވޭނެކަން އެއީ ޒަމާނުއްސުރެ ވަރަށް ގިނަ ބަޔަކު ދެކެމުން އައި ގޮތެވެ. އެކަންކަން އަންހެނުންނަށް ކުރެވިދާނެ ކަމަށް ގަބޫލުކުރާ މީހުންގެ ތެރޭގައި ވެސް ހިޔާލުތަފާތުވާ އެއް ކަމެއް އޮވެ އެވެ. ފިރިހެނުން ކުރާހާ މޮޅަށް އަންހެނުންނަށް ބައެއް ކަންކަން ކުރެވިދާނެ ކަމާ މެދު އެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އެކަމާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް އޮތް ރަގަޅު ޖަވާބެކެވެ.

ދުނިޔޭގައި ބޭއްވޭ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތުގައި އަންހެން މެޗް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފުރަތަމަ ފަހަރަކީ މިއީ އެވެ. ވޯލްޑް ކަޕަށް ގަރުނެއް ވުމުގެ ކުރިން މި ޝަރަފް ހަ އަންހެން ރެފްރީއަކު މިފަހަރު މިއޮތީ ހޯދައިފަ އެވެ. އެއީ ހެޑް ރެފްރީގެ ގޮތުގައި ހަރަކާތްތެރިވާނެ ތިން އަންހެން ރެފްރީންނާއި، އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނެ ތިން އަންހެން ރެފްރީންނެވެ.

މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވަގުތެއްގައި މިފަދަ ފުރުސަތެއް އަންހެނުންނަށް ލިބުމަކީ އެ މަސައްކަތަށްވެސް ލިބޭނެ ކުރިއެރުމެކެވެ. މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ހާއްސަ އިންތިޒާމްތަކެއްގެ ތެރެއިން އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މިފަހަކަށް އައިސް އާންމުކޮށް ހިނގާ ކަމެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕުން އަންހެން ރެފްރީންނަށް ފުރުސަތު ދިނުން ވެސް އެއީ އެފަދަ ކަމެކެވެ. އެކަމަކު ފީފާގެ އިސް އޮފިޝަލުންގެ ވާހަކަތަކުން އެނގޭ ގޮތުގައި ކަން އޮތީ އެހެނެއް ނޫނެވެ.

ފީފާގެ ރެފްރީންގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ޕިއަރ ލުއިޖީ ކޮލީނާ ބުނެފައިވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި އަންހެން ރެފްރީންނަށް ފުރުސަތުދީފައިވަނީ ވަކި ޖިންސަކަށް ވީތީ ނޫންކަމަށާއި، އެމީހުންގެ ކިބައިގައި ހުރި ކޮލިޓީއަށް ބެލުމަށް ފަހުގައި ކަމަށެވެ.

"މިއީ މީގެ އެތައް އަހަރެއް ކުރިއްސުރެ ފެށިގެން ކުރަމުން އައި މަސައްކަތެއްގެ ނިމުން. މިހެން ކަން އޮތްއިރު އަހަރެމެން ވަރަށް ސާފުކޮށް ބުނެދޭން ބޭނުންވަނީ ރެފްރީން ހޮވުމުގައި އަހަރެމެންނަށް މުހިންމުވަނީ ކޮލިޓީއޭ. ވަކި ޖިންސެއްގެ މީހަކަށް ވުމެއް ނޫނޭ. އަހަރެން އުއްމީދުކުރަނީ ފިރިހެނުންގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުން މޮޅު އަންހެން ރެފްރީންނަށް ފުރުސަތު ދިނުމަކީ މާ ހާއްސަ ކަމަކަށް މިފަހަރު ވިޔަސް ކުރިއަށް އޮތް ތަނުގައި އެކަން އާންމުކަމަކަށް ވެގެންދާނެ ކަމަށް." އިޓަލީއަށް އުފަން ކުރީގެ މަޝްހޫރު ރެފްރީ ކޮލީނާ މިދިޔަ މެއި މަހު ވިދާޅުވެފައިވެ އެވެ.

"އެމީހުންނަށް ވޯލްޑް ކަޕުން ފުރުސަތު ލިބުން ހައްގު. އެމީހުން އައީ ވަރަށް މަތީ ފެންވަރުގެ މެޗްތަކުގައި އެއް ފެންވަރެއްގައި ޕާފޯމްކުރަމުން. މި މުބާރާތުން އަހަރެމެން އެމީހުންނަށް ފުރުސަތުދިނީ އެ ސަބަބަށްޓަކައި. އެއީ އަހަރެމެންނަށް މުހިންމު އެއްޗަކީ" ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ރެފްރީގެ މަގާމު ޖެހިޖެހިގެން ހަ ފަހަރު ހޯދާފައިވާ 62 އަހަރުގެ ކޮލީނާ އިތުރަށް ވިދާޅުވެފައިވެއެވެ.

ކޮލީނާގެ ވާހަކަތަކުން ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ވޯލްޑް ކަޕްގެ މެޗެއްގައި އިންސާފުކުރަން ހުންނަ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ފީފާއިން ގަބޫލުކުރާ ހުރިހާ ކަމެއް މި މުބާރާތަށް ހޮވި ހަ އަންހެން ރެފްރީންގެ ކިބައިގައި ވެސް ހުރިކަމެވެ. އެ މީހުން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު އިވެންޓަށް ހޮވިފައި އެވަނީ ރެފްރީކަން ކުރުމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި މަގްބޫލުކަން ހޯދާފައިވާ ފިރިހެން ކިތަންމެ ރެފްރީންނެއް ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.