ކުޅިވަރު

ވޯލްޑް ކަޕްގެ ތާރީހް ބަދަލުކޮށްލި ހަ އަންހެނުން

Nov 22, 2022

ލިޔުނީ: އަބްދުﷲ އަޝްރަފް

މިފަހަރުގެ ވޯލްޑް ކަޕްގައި ހެޑް ރެފްރީންގެ ގޮތުގައި ފްރާންސް، ރުވާންޑާ އަދި ޖަޕާނަށް ނިސްބަތްވާ ތިން އަންހެން ރެފްރީން އިންސާފުކުރަން ތައްޔާރުވަމުން އަންނަ އިރު އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ފެންނާނެ ތިން އަންހެން ރެފްރީން ނިސްބަތްވަނީ މެކްސިކޯ، ބްރެޒިލް އަދި އެމެރިކާއަށެވެ.

ވޯލްޑް ކަޕްގެ ތާރީހް ބަދަލުކޮށްލާނެ ހަ އަންހެން ރެފްރީންގެ ތެރެއިން ފުރަތަމަ ކުރު ގޮތަކަށް މި ބަލާލަނީ ހެޑް ރެފްރީންގެ ގޮތުގައި މިފަހަރުގެ މުބާރާތުން ފެންނާނެ ތިން އަންހެން ރެފްރީންގެ ބައެއް ތަޖުރިބާ އާއި އުއްމީދުތައް ހުރި ގޮތަށެވެ.

ޔޮޝީމީ ޔަމަޝީޓާ

ޖަޕާނަށް އުފަން ޔޮޝީމީ ޔަމަޝީޓާ ވަނީ 2019 ވަނަ އަހަރު ފްރާންސްގައި ބޭއްވި އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ވަނީ ރެފްރީކަންކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓްގައި އެމެރިކާ އާއި ސްވިޑެން ބައްދަލުކުރި މެޗުގައި ޔަމަޝީޓާ ރެފްރީކަންކުރި އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ޔަމަޝީޓާގެ ނަން މިއަހަރު ލިޔެވޭ އިރު މިއަހަރު އިތުރު އެހެން ދެ ޝަރަފެއް ވެސް އޭނާ ވަނީ ހޯދާފަ އެވެ. އެއީ އޭއެފްސީ ޗެމްޕިއަންސް ލީގާއި ޖަޕާނުގެ ޖޭ ލީގުގައި ފުރަތަމަ ފަހަރަށް އިންސާފުކުރި އަންހެން ރެފްރީއަށް ވުމުގެ ޝަރަފެވެ.

އުމުރުން 36 އަހަރުގެ ޔަމަޝީޓާ އަށް މިފަހަރު މި ލިބުނު ޝަރަފާއެކު ޕްރެޝަރ ވެސް އޮންނާނެކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ފިރިހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ފަހަރަށް އަންހެނުން ރެފްރީކަން ކުރުމަކީ އެންމެންނަށްވެސް ދެވޭ ވަރަށް ވަރުގަދަ މެސެޖެއް. އެ މެސެޖަކީ އަންހެނުންގެ ކިބައިގައިވާ ހުނަރާއި ގާބިލުކަން އަބަދުވެސް އިތުރުވަމުން އަންނަކަން. އެއާ އެކު އަހަރެންނަށް ވެސް އިތުރަށް ހިތްވަރު ލިބޭ" ޔަމަޝީޓާ ބުނެފައިވެއެވެ.

ސަލީމާ މުކަސަންގާ

އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާއަށް އުފަން ސަލީމާ މުކަސަންގާ ފީފާގެ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށީ 2012 ވަނަ އަހަރު އެވެ. ޔަމަޝީޓާއެކޭ އެއްގޮތަށް ސަލީމާ ވަނީ އެންމެ ފަހުން ފްރާންސްގައި އޮތް އަންހެނުންގެ ވޯލްޑް ކަޕާއި، ޖަޕާންގައި މިދިޔަ އަހަރު އޮތް ޓޯކިޔޯ އޮލިމްޕިކްސްގައި ރެފްރީކަން ކޮށްފަ އެވެ.

ރެފްރީއަކަށް ލިބޭނެ އެންމެ މަތީ އެއް ޝަރަފް ސަލީމާއަށް މިފަހަރުގެ ވޯލްޑް ކަޕްގައި ލިބޭއިރު ރެފްރީއަކަށްވުމަކީ އޭނާ އެންމެ ކުރިން ބޭނުންވި ގޮތެއް ނޫނެވެ. މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިއަކަށްވުމަށް ސަލީމާ އެންމެ ޅައިރު ދުށް ހުވަފެން ހަގީގަތަކަށް ނުވީ ބާސްކެޓް ބޯޅަ ކުޅެން ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ.

ރެފްރީއަކަށް ވުމުގެ ނިޔަތް ސަލީމާއަށް ގެންނަން މަޖުބޫރުވީ އެ ހިސާބުންނެވެ. އެކަމަކު އެ ނިންމުން މިއަދު މިވަނީ ސަލީމާގެ ނަސީބަށްވެފަ އެވެ. ސަލީމާ ވަނީ މިއަހަރު ކެމެރޫންގައި ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ވެސް ރެފްރީކަން ކޮށްފަ އެވެ.

ސްޓެފަނީ ފްރަޕާޓް

މިފަހަރުގެ ވޯލްޑް ކަޕްގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު ހަ އަންހެން ރެފްރީންގެ ތެރެއިން ފްރާންސްގެ ސްޓެފަނީ ފްރަޕާޓް އަކީ އެންމެ ގިނަ ބަޔަކު ދަންނަ ރެފްރީއެކެވެ. އުމުރުން 38 އަހަރުގެ ފްރަޕާޓްގެ ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

މިހާތަނަށް ފްރަޕާޓް ރެފްރީކަން ކޮށްފައިވާ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި 2019 ވަނަ އަހަރު ބޭއްވުނު އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި އެމެރިކާ އާއި ނެދަލެންޑްސް ވާދަކުރި މެޗާއި، ހަމަ އެ އަހަރު އޮތް ޔޫއެފާ ސުޕަ ކަޕްގެ ފައިނަލްގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު ހިމެނެ އެވެ. މީގެ އިތުރުން ފްރަޕާޓް ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފިރިހެނުންގެ މުބާރާތުގައި ޔުވެންޓަސް އާއި ޑީނަމޯ ކިއޭވް ވާދަކުރި މެޗުގައި ރެފްރީކަން ކޮށްގެން ތާރީހުން ޖާގަ ހޯދައިފަ އެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު އޮތް ޔޫރަޕް ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑްސް އާއި ލެޓްވިއާ ވާދަކުރި މެޗްގައި ވެސް ސްޓެފަނީ ވަނީ ރެފްރީކަން ކޮށްފަ އެވެ. މިއީވެސް އަދި މިހާތަނަށް އެހެން އަންހެން ރެފްރީއަކަށް ލިބިފައިނުވާ ޝަރަފެކެވެ.

ފްރަޕާޓްގެ ކެރިއަރުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބަކީ 2019 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ތިން އަހަރު ދުނިޔޭގެ އެންމެ މޮޅު އަންހެން ރެފްރީގެ މަގާމު ލިބުމެވެ. ރެފްރީކަން ކުރާއިރު ދަނޑުމަތީގައި ކަންކުރާ ގޮތާއި، ގެންގުޅޭ ވައްޓަފާޅިއަކީ ގިނަ ބަޔަކަށް އޭނާގެ ފަރާތުން އެންމެ ފާހަގަވާ ކަންކަމެވެ.

އެސިސްޓެންޓް ރެފްރީން

މިފަހަރުގެ ވޯލްޑް ކަޕްގައި އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނެ ތިން އަންހެން ރެފްރީންނަކީ، ބްރެޒިލްގެ ނޯޒާ ބެކް، އެމެރިކާގެ ކެތުރީން ނެސްބިޓް އަދި މެކްސިކޯގެ ކަރެން ޑިއަސް މެޑީނާ އެވެ.

ނޯޒާ ބެކް

ބެކް މިހާތަނަށް އެސިސްޓެންޓް ރެފްރީކަންކޮށްފައިވާ ބައިނަލްއަގްވާމީ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަނަ އަހަރު އޮތް އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި، މިދިޔަ އަހަރު އޮތް ޓޯކިޔޯ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވި މެޗުތަކެވެ. މީގެ އިތުރުން ބެކް ވަނީ 2020 ވަނަ އަހަރުގެ ބްރެޒިލްގެ ފުޓްބޯޅަ ލީގުގެ ފައިނަލްގައި ކޮރެންތިއަންސް އާއި ޕަލްމެއިރާސް ވާދަކުރި މެޗްގެ އެސިސްޓެންޓް ރެފްރީކަން ވެސް ކޮށްފަ އެވެ.

ކެތަރިން ނެސްބިޓް

ނެސްބިޓް އަކީ އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު ކަމަށްވާ މޭޖާ ލީގު ސޮކާގައި އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ރެފްރީއެކެވެ. މީގެ އިތުރުން ނެސްބިޓް ވަނީ މިދިޔަ އަހަރު އޮތް ކޮންކާކަފް ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކެނެޑާ އާއި ބާމިއުޑާ ބައްދަލުކުރި މެޗުގައި އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ތާރީހުން ޖާގަ ހޯދައިފަ އެވެ.

ކަރެން ޑިއަސް މެޑީނާ

މެޑީނާގެ ވިދުން ބޮޑަށް ފެނިފައިވަނީ މެކްސިކޯގެ ފުޓްބޯޅަ ލީގުގެ މެޗްތަކުންނެވެ. ދިގު މުއްދަތެއް ވަންދެން އަމިއްލަ ގައުމުގައި އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ މެޑީނާ ފީފާގެ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންކާކަފް ސަރަހައްދުގެ އެކި އުމުރުފުރާތަކުގެ ފުޓްބޯޅަ މުބާރާތްތަކުގައި އެސިސްޓެންޓް ރެފްރީކަން މެޑީނާ ވަނީ ކޮށްފަ އެވެ. މީގެ އިތުރުން މެޑީނާވެސް ވަނީ ޖަޕާންގައި މިދިޔަ އަހަރު ބޭއްވި ޓޯކިޔޯ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ވެސް އެސިސްޓެންޓް ރެފްރީކަން ކޮށްފަ އެވެ.