ކުޅިވަރު

ވޭލްސް އިން އެމެރިކާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ރޭ ދަންވަރު އެމެރިކާއާ ވާދަކުރި މެޗު 1-1 އިން ވޭލްސް އެއްވަރުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާ އިން ވަނީ މޮޅަށް ކުޅޭ ލީޑު ނަގައިފަ އެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓިމޮތީ ވިއާ އެވެ. ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅަ ހޯދުމަށް ފަހު ވިއާ ވަނީ ކީޕަރަށް ފުރުސަތެއް ނުދީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފަ އެވެ. މިއީ ވިއާ އެމެރިކާ ޓީމަށް ޖެހި ހަތަރު ވަނަ ލަނޑެވެ.

ވިއާ އަކީ މިހާރު ލައިބީރިއާގެ ރައީސް ޖޯޖް ވިއާގެ ދަރިކަލެކެވެ. ޖޯޖް ވިއާ ވަނީ 1995 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފަ އެވެ. އޭނާގެ ދަރިކަލުން ވިއާ އެމެރިކާ ތަމްސީލުކުރަން ފެށީ 2015 ވަނަ އަހަރު އެވެ.

ވޭލްސް އިން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެމެރިކާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މި ހާފުގައި ވޭލްސްގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި އެމެރިކާގެ ގޯލްކީޕަރު މެޓް ޓާން މޮޅަށް ކުޅުނެވެ.

ވޭލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން 82 ވަނަ މިނެޓުގަ އެވެ. އެމެރިކާގެ ކުޅުންތެރިއަކު ބޭލް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކުރީ ވެސް ބޭލް އެވެ. ގޯލަށް ފަހު ވޭލްސް އިން ވަނީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ.

އެމެރިކާ އަތުން ޕޮއިންޓެއް ލިބުމަކީ ވޭލްސް އަށް ލިބުނު އުފަލެކެވެ. ވޭލްސް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ 64 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެމެރިކާ ވޯލްޑް ކަޕްގައި ކުޅޭ މިއީ 11 ވަނަ ފަހަރެވެ. ދިގު ތާރީހަކަށް ފަހު އެނބުރި އައިސް ވޭލްސް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުގައި އިންގްލެންޑް އިއްޔެ ވަނީ 2-6 އިން އީރާން ބަލިކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ވޭލްސް ނުކުންނާނީ އީރާންއާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުގެ އުއްމީދެއް ވޭލްސް އަށް ލިބޭނެ އެވެ.