ލައިފްސްޓައިލް

ފައި ނެތަސް މޮޅަށް ބާސްކެޓް ކުޅޭ ކުޅުންތެރިއެއް!

އަހަރެމެން އަބަދުވެސް އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތްތައް މަދުވެގެން ނުވަތަ އުނިވެގެން ޝަކުވާ ކުރަމު އެވެ. ނަމަވެސް ޖޯސިއާ ޖޯންސަން ފަދަ މީހުންގެ ދިރިއުޅުމާ ދޭތެރޭ ވިސްނާލުމުން އަހަރެމެން މި ކުރަނީ ރަނގަޅު ޝަކުވާއެއް ނޫންކަން އަމިއްލައަށް ވެސް ވިސްނޭނެ އެވެ. މިޑްލް ސްކޫލް ދަރިވަރެއް ކަމަށްވާ ޖޯސިއާގެ ހަޔާތުގެ ވާހަކައިން އެފަދަ ލިބެނީ އެފަދަ އިބުރަތެކެވެ.

ޖޯސިއާއަކީ އުފެދުމުގައި ވެސް ދެ ފައި ނެތް ކުއްޖެކެވެ. ނަމަވެސް ދެ ފައިނެތޭ ކިޔާފައި އޭނާ ފުރޮޅުލީގޮނޑީގައި މުޅި އުމުރު ހޭދަކުރާކަށް ބޭނުމެއް ނުވި އެވެ.

އިންޑިއާޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޖޯސިއާއަކީ ނާސަރީ ދައުރުން ފެށިގެން ބާސްކެޓްބޯޅަ ކުޅޭ ކުއްޖެކެވެ. އަދި ފާއިތުވީ އަހަރުތަކުގައި އޭނާ ބާސްކެޓްބޯޅަ ކުޅުން އެއްވެސް މީހަކަށް ހުއްޓުވިފައެއް ނެތެވެ. އަދި މި ޒުވާން ފިރިހެންކުއްޖާއަކީ މިހާރު މޫރޭ މިޑްލް ސްކޫލް ބާސްކެޓްބޯޅަ ޓީމުގެ މުހިއްމު މެންބަރެކެވެ. މިހިސާބަށް އޭނާއަށް އާދެވިފައިވަނީ ހަމަ ޔަގީނުން ވެސް ވަރަށް ހިތްވަރާއި މިންނަތުން އަދި ހުނަރުން ނެވެ.

އެމެރިކާގެ ކެންޓަކީގެ ލޫސްވީލްގައި ދިރިއުޅޭ ޖޯސިއާ ބުނި ގޮތުގައި ސްކޫލް ޓީމަށް އޭނާ ނެގި ވާހަކަ ކޯޗު ބުނުމުން ލިބުނު އުފަލެއް ބުނެދޭން ވެސް ނޭނގެ އެވެ. އަދި މި ޓީމަށް ހޮވުމަކީ އޭނާގެ އަޒުމެއް ކަމަށް ޖޯސިއާ ބުންޏެވެ. ދެފައި ނެތަސް އޭނާއަށް ބާސްކެޓްބޯޅަ ކުޅެވިދާނެކަމާ މެދު އެއްވެސް މީހެއްގެ ހިތުގައި ޝައްކެއް އޮންނާކަށް ޖޯސިއާ ބޭނުމެއް ނޫނެވެ.

އެހެން މީހުންނަށް ޖޯސިއާ އަންގަން ބޭނުންވީ އޭނާއަކީ ވެސް އެހެން މީހުން ކަހަލަ އިންސާނެއް ކަމާއި މި ކުޅިވަރު ކުޅުމުގެ ހުނަރާއި ގާބިލްކަން އެހެން ކުޅުންތެރިންނެކޭ އެއްވަރަށް އޭނާގެ ކިބައިގައި ވެސް ހުރިކަމެވެ.

ޖޯސިއާގެ ކޯޗު ޑަގުއާން ބޮއިޑް އޭނާއަށް ވަރަށް ތައުރީފުކުރި އެވެ. ކޯޗު ބުނި ގޮތުގައި މިޑްލް ސްކޫލްގައި ކިޔަވާ ޖޯސިއާ ކޮންމެ ދުވަހަކުވެސް ޓީމު ފަރިތަކުރާ ތަނަށް ގޮސް ޓީމަށް ކުޅޭ ހިތުން އެތާނގައި އިނދެ އެވެ. އަދި އެހެން ކުޅުންތެރިން ސްޕްރިންޓްސް ހަދާއިރު އޭނާ ވެސް އެމީހުންނާއެކު ދުވަން ބޭނުންވެ އެވެ.

ކޯޗު ބުނި ގޮތުގައި ބާސްކެޓްބޯޅަ ކުޅޭ ކުދިން ކުރާ ކަންތައް ކޮޕީކޮށް އެގޮތަށް ކުޅެން ޖޯސިއާ ވެސް ބޭނުންވެ އެވެ. އެންމެ ފަހުން ޓީމަށް ހޮވި މިހާރު ޖޯސިއާ އަކީ ޓީމަށް ކުޅޭ ކުޅުންތެރިއެއް ކަމަށް ކޯޗު ބުންޏެވެ. އަދި އޭނާ ވެފައިވަނީ އެހެން ކުޅުންތެރިން އިތުރަށް މަސައްކަތްކޮށް ކުރިއަރަން ލިބިފައިވާ ހިތްވަރަކަށް ކަމަށް ވެސް ކޯޗު ބުންޏެވެ.

ޖޯސިއާ އާއެކު ކުޅޭ ކުޅުންތެރިއަކު ބުނިގޮތުގައި ޖޯސިއާ ކުޅޭތަން ފެނިފައި ކުޅުންތެރިއެއްގެ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން އޭނާއަށް އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ.

ޖޯސިއާ ކުޅޭތަން ފެންނަ ކޮންމެ މީހެއްގެ ހިތުގައި ވެސް ޖޯސިއާ އަށް ގަދަރާއި ލޯބި އުފެދެ އެވެ. އޭނާގެ ނުގުޑާފަދަ އަޒުމާއި ހިތްވަރު އަދި ބާސްކެޓްކުޅުމުގެ ހުނަރު ފެނިފަ އެވެ. އޭނާގެ ހަށިގަނޑުގައިވާ ނުކުޅެދުންތެރިކަމަކީ ދުވަހަކުވެސް އޭނާއަށް އޮތް ގޮންޖެހުމެއް ކަމަށް ޖޯސިއާ ގަބޫލު ނުކުރާތީ އެވެ.