ސްރީލަންކާ

ލަންކާގެ އާ ގާނޫނުއަސާސީއަށް ހިޔާލު ހޯދާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް: ރަނިލް

ސްރީލަންކާގައި އަލަށް އެކުލަވައިލާ ގާނޫނު އަސާސީއަށް އާއްމުންގެ ހިޔާލު ހޯދާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ރަނިލް ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިޔާލް ހޯދަން ނިންމީ ގިނަ ބައެއްގެ ހިޔާލު ހޯދުމުގެ އިތުރަށް ޒުވާނުންގެ ހިޔާލް ބޮޑަށް ހޯދަން ބޭނުންވާތީ ކަމަށެވެ. އާ ގާނޫނާއި ދޭތެރޭ އާއްމުން ފޮނުވާ ހިޔާލު ބަލައިގަތުމަށް އިއްޔެ ވެރިރަށް ކޮލަމްބޯގައިވަނީ އޮފީހެއްވެސް ހުޅުވާފަ އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަ އިން އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ލަންކާގެ ސަރުކާރުންވަނީ ގައުމުގެ އެކި ހިސާބުތަކުގައި ވަނީ ހިލޭ ވައި-ފައި ޒޯންތަކެއް ގާއިމްކޮށްފަ އެވެ.

މިދިޔަ އޮގަސްޓް މަހު ލަންކާގައި ބޭއްވި އާއްމު އިންތިޚާބާއި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގައި ރަނިލް ވަނީ ސޯޝަލް މީޑިއާ ބޭނުން ކުރައްވާފަ އެވެ.

ލަންކާގައި އަލަށް އެކުލަވާލާ ގާނޫނު އަސާސީ އަކީ އެ ގައުމުގައި ކުރިއަށް އޮތްތަނުގައި ދާޚިލީ ހަނގުރާމަ ނުކުރެވޭ ގޮތަށް އެކުލަވާލައި ގާނޫނު އަސާސީއެކެވެ. އަދި މި ގާނޫނު އަސާސީއަކީ ތަމަޅައިންނާއި ސިންހަޅައިންގެ މެދުގައި ސުލްހަ ގާއިމް ކުރެވޭގޮތަށް އެކުލަވާލާ ގާނޫނު އަސާސީއެއް ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ސިރިސޭނާ ވަނީ މިއަހަރު ތެރޭގައި އާ ގާނޫނު އަސާސީ އެކުލަވާލައި ނިންމާލުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ސިރިސޭނާ ވިދާޅުވީ ލަންކާގައި ދިރިއުޅޭ ސިންހަޅައިންނާއި ތަމަޅައިން އެއްބަސްވާ ފަދަ ގާނޫނު އަސާސީ އެއް އެކުލަވާލުމަކީ ދަތި ކަމެއް ކަމަށާއި މި ގަރުނުގައި ސުލްހަވެރިކަމާއެކު އުޅެވޭ ފަދަ ގާނޫނު އަސާސީ އެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

މިިދިޔަ ހުކުރު ދުވަހު ބޮޑު ވަޒީރު ރަނިލް ވަނީ ޖަފްނާ އަށް ވަޑައިގެން ތަމަޅައިންނަށް ވެސް ސިޔާސީ ގޮތުން ބާރުތައް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.