ފިނިޕޭޖް

ކުއެންޓިން ޓެރަންޓީނޯ ފިލްމު ހެދުން ހުއްޓާލަނީ

އުމުރުން 59 އަހަރުގެ ހޮލީވުޑްގެ ޑައިރެކްޓަރު ކުއެންޓިން ޓެރަންޓީނޯ ދެން ޑައިރެކްޓް ކުރާނީ އޭނާގެ އެންމެ ފަހު ފިލްމު ކަމުގައި ބުނެފި އެވެ.

ސީއެންއެންގެ ކްރިސް ވޮލެސްއަށް ދިން އިންޓަވިއުއެއްގައި ކުއެންޓިން ބުނީ އޭނާ ފިލްމު ހަދާތާ 30 އަހަރު ވެއްޖެ ކަމަށެވެ. އަދި މިހާރު އެކަން ނިންމާލަން ވަގުތު ޖެހިފައިވާ ކަމަށެވެ.

ކުއެންޓިން ވަނީ މީގެ ކުރިންވެސް އޭނާ ޑައިރެކްޓްކުރުމަށް ބޭނުންވަނީ 10 ފިލްމު ކަމުގައި ބުނެފަ އެވެ. އޭނާ މިހާތަނަށް ނުވަ ފިލްމް ޑައިރެކްޓްކޮށްފައިވެ އެވެ. އެއީ 2007 ވަނަ އަހަރު ނެރުނު "ޑެތް ޕްރޫފް" ނުލަ އެވެ. އެ ފިލްމަކީ ރޮބަޓް ރޮޑްރިގޭޒްގެ "ގްރައިންޑްހައުސް" ޑަބަލް ފީޗާގައި އޭނާގެ ޕްލެނެޓް ޓެރާ އާ އެއްކޮށްލައިގެން ނެރުނު ފިލްމެކެވެ.

"އަރެންނަކީ އެންޓަޓޭނާއެއް. އަހަރެންގެ ބޭނުމަކީ އެންމެން އަހަރެންގެ ފިލްމަށް އެދި އެދި ހުއްޓާ އެކަން ހުއްޓާލަން،" ކުއެންޓިން ޓެރަންޓީނޯ ބުންޏެވެ.

ކުއެންޓިންގެ ކެރިއާ ފަށާފައިވަނީ 1992 ގައި ނެރުނު "ރެސޮވަޔާ ޑޯގްސް" އިންނެވެ.

އޭނާގެ ފިލްމްތަކަށް ވަނީ އެތައް ނޮމިނޭޝަންތަކާއެކު، ޕާމް ޑޯ އެވޯޑާއި ހަތް އެކަޑަމީ އެވޯޑާއި އަށް ގޯލްޑަން ގްލޯބް ފަދަ އެވޯޑްތައް ލިބިފަ އެވެ.

ކުއެންޓިންގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ޕަލްޕް ފިކްޝަން"، "ކިލް ބިލް" ގެ ދެ ފިލްމް، "އިންގްލޯރިއަސް ބާސްޓަޑްސް"، "ޖޭންގޯ އަންޗެއިންޑް" އަދި "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ހިމެނެ އެވެ.