ކުޅިވަރު

ޓީމް ޕްރޮފައިލް: އޮސްޓްރޭލިއާ

  • އެންމެ ފަހުގެ ވޯލްޑް ކަޕްގައި ވެސް ހިމެނުނީ ފްރާންސާއި ޑެންމާކާ އެއް ގްރޫޕެއްގައި
  • މިއީ އޮސްޓްރޭލިއާ އިން ވޯލްޑް ކަޕުގައި ކުޅޭ ހަ ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ, ފްރާންސް، ޑެންމާކް އަދި ޓިއުނީޝިއާ

ޓީމުގެ ތާރީހް

މިއީ އޮސްޓްރޭލިއާ އިން ވޯލްޑް ކަޕުގައި ޖެހިޖެހިގެން ކުޅޭ ފަސްވަނަ ފަހަރެވެ. އެ ޓީމު އެންމެ ފުރަތަމަ ކުޅުނީ 1974 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 32 އަހަރުގެ މެދުކެނޑުމަކަށް ފަހު ކުރިމަތިލި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވެ އެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕެއްގައި އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އެވެ.

އޮސްޓްރޭލިއާ އިން މިހާތަނަށް ވޯލްޑް ކަޕުގައި ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ހަތަރު މެޗުން އެއްވަރުވިއިރު، 10 މެޗުން ވަނީ ބަލިވެފަ އެވެ. މި މުބާރާތުގެ ތާރީހުގައި އެ ޓީމުން 13 ލަނޑުޖަހާފައިވާއިރު، ބައިކޮޅަށް 31 ލަނޑު ވަދެފައިވެ އެވެ.

އޯޝެނިއާ ސަރަހައްދުން ވަކިވެ، އޭޝިއާ ބައްރުގެ ޓީމެއްގެ ގޮތުގައި ކުޅެން ފެށިފަހުން އެ ޓީމުން ވަނީ އެއް ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. އެއީ 2015 ވަނަ އަހަރު އެވެ. އަދި މީގެއިތުރުން، 1997 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ރަނަރަޕް މަގާމް ހާސިލްކޮށްފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އެ ޓީމު ހިމެނުނީ ފްރާންސާއި ޑެންމާކް އަދި ޕެރޫއާ އެއް ގްރޫޕެއްގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސް އަތުން 2-1 އިން ބަލިވިއިރު، ޑެންމާކާ 1-1 އިން އެއްވަރުކުރި އެވެ. ފަހު މެޗުގައި ޕެރޫ އަތުން ބަލިވީ 2-0 އިންނެވެ.

ކޮލިފައިވީ ކިހިނެއް؟

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިވީ ވަރަށް އުނދަގުލުންނެވެ. ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި އޮތް ހުރަސްތަކާ ގުޅިގެން ގިނަ މެޗުތަކެއް ރަށުން ބޭރުގައި ކުޅެން ޖެހުނެވެ.

ކޮލިފައިންގެ ދެވަނަ ބުރުގައި އޮސްޓްރޭލިއާ ކުޅުނު އަށް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެކަމަކު ތިންވަނަ ބުރުގައި ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. މި ބުރުގެ 10 މެޗުގެ ތެރެއިން މޮޅުވީ ހަތަރު މެޗުންނެވެ. ތިން މެޗުން އެއްވަރުވެ ތިން މެޗުން ބަލިވި އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވާން އޮސްޓްރޭލިއާ ޖެހުނީ ޕްލޭއޮފްގައި ވާދަކުރާށެވެ. ކޮންޓިނެންޓަލް ޕްލޭއޮފްގައި އޮސްޓްރޭލިއާ އިން ވަނީ 2-1 އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް ބަލިކޮށްފަ އެވެ. އޭގެފަހުން ކުޅުނު އިންޓަކޮންޓިނެންޓަލް ޕްލޭއޮފް މެޗުގައި ޕެރޫއާ ވާދަކޮށް 0-0 އިން އެއްވަރުވެ، އޮސްޓްރޭލިއާ ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޓް ރަޔާން

އޮސްޓްރޭލިއާގެ ކެޕްޓަންކަން ކުރަމުން އަންނަ ގޯލްކީޕަރު މެޓް ރަޔާން އަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އޭނާގެ ކްލަބު ކެރިއަރުގައި ބްރައިޓަންއާ އެކު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އާސެނަލް ޓީމުން ފުރުސަތު ލިބުނެވެ. އެއަށްފަހު ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅުމަށްފަހު މިހާރު ކުޅެމުން އަންނަނީ ޑެންމާކުގެ ޗެމްޕިއަން ކޯޕަންހޭގަން އަށެވެ.

2012 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާ ޓީމަށް ކުޅެމުން އަންނަ ރަޔާން ވަނީ މިހާތަނަށް 75 މެޗު ކުޅެދީފަ އެވެ. މިއީ ރަޔާން ވޯލްޑް ކަޕްގައި ކުޅޭ ތިން ވަނަ ފަހަރެވެ.

އަޖްޑިން ރުސްޓިޗް

އެޓޭކިން މިޑްފީލްޑްގެ މަގާމަށް ކުޅޭ އަޖްޑިން ރުސްޓިޗް އަކީ އޮސްޓްރޭލިއާ ޓީމުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގައި ކުޅޭ އޮސްޓްރޭލިއާ އަށް ނިސްބަތްވާ މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރުސްޓިޗް މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ހެލާސް ވެރޯނާ އަށެވެ. އޭގެކުރިން، އޭނާ ކުޅުނީ ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓް އަށެވެ. އެންމެ ފަހުގެ ޔޫއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރި ފްރޭންކްފާޓް ޓީމުގައި ރުސްޓިޗް ހިމެނުނެވެ.

ރުސްޓިޗް، 26، އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރު އެވެ. އޭގެފަހުން، މިހާތަނަށް އައިއިރު އޭނާ ވަނީ އޮސްޓްރޭލިއާ އަށް 20 މެޗު ކުޅެދީފަ އެވެ.

ކޯޗު: ގްރަހަމް އާނޯލްޑް

އޮސްޓްރޭލިއާގެ ސީނިއާ ޓީމަށް ކުޅުނު ގްރަހަމް އާނޮލްޑް މީގެ ކުރިން ވަނީ ތިން ފަހަރެއްގެ މަތީން އޮސްޓްރޭލިއާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން، 32 އަހަރަށް ފަހު އޮސްޓްރޭލިއާ އިން ނިކުތް ފުރަތަމަ ވޯލްޑް ކަޕްގައި 2006 ވަނަ އަހަރު މަސައްކަތްކުރީ ކޯޗު ގޫސް ހިޑިންކްގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ.

އާނޯލްޑްގެ އިރުޝާދުގެ ދަށުން އޮސްޓްރޭލިއާ އިން މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން 21 މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވީ ހަ މެޗުންނެވެ. ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.