ރޭސިޒަމް ނުވަތަ ނަސްލީގޮތުން ތަފާތުކުރުމުގެ މައްސަލައެއްގައި ހޮލީވުޑް ޖެހިފައި އޮންނަތާ އެތައް ޒަމާނެކެވެ. ނަމަވެސް މި ވިލާގަނޑެއްގެ އަސަރު މި ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި އިތުރަށް ގޯސްވެފަ އެވެ.
ކަޅު ނަސްލަށް ނިސްބަތްވާ އެކްޓަރުންނާއި ފަންނާނުންނަށް ހޮލީވުޑުގައި ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމުގެ އަޑު މިފަހުން ގަދަވެގެން ގޮސްފައި މި ވަނީ އިހަށް ދުވަހު އިއުލާނުކުރި އޮސްކާ އެވޯޑްސްގެ ނޮމިނޭޝަންސްތަކާ އެކުގަ އެވެ. ގާތްގަނޑަކަށް ޖުމްލަ 21 އެކްޓިން ކެޓަގަރީއަކުން އޮސްކާގައި އެވޯޑް ދޭއިރު މިއިން އެއްވެސް ކެޓަގަރީއަކަށް މިފަހަރު ކަޅު ނަސްލުގެ އެކްޓަރަކު ނޮމިނޭޓެއް ނުވެ އެވެ.
ހުރިހާ އެކްޓިން ކެޓަގަރީތަކަށް ދޮން ނަސްލުގެ އެކްޓަރުން ނޮމިނޭޓްވެފައިވާ މައްސަލަ ކުށްވެރިކޮށް އޮސްކާ ބޮއިކޮޓްކުރުމުގެ ކެމްޕޭނެއް ކަޅު ނަސްލުމުގެ ސެލެބްރިޓީންގެ މެދުގައި ފެށިފެފައި ވަނީ މި ސަބަބާ ހެދި އެވެ. އެގޮތުން މަޝްހޫރު އެކްޓްރެސް ޖާޑާ ޕިންކެޓް މި އަހަރުގެ އޮސްކާ ހަފުލާ ބޮއިކޮޓްކޮށްފައިވާއިރު އެމެރިކާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސްޕައިކް ލީ ވެސް ވަނީ އަންނަ މަހު އޮންނަ އޮސްކާ ހަފުލާ އަށް ނުދާނެކަން އިއުލާނުކޮށްފަ އެވެ.
ސްޕައިކް ލީ އަކީ ދެ ފަހަރެއްގެ މަތިން އޮސްކާ ނޮމިނޭޝަންސް ލިބިފައިވާ ޑައިރެކްޓަރެކެވެ.
ޖާޑާ ޕިންކެޓް އޮސްކާ ބޮއިކޮޓްކޮށްފައިވާއިރު އޭނާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ވިލް ސްމިތަށް ބެސްޓް އެކްޓާ ކެޓަގަރީގައި ނޮމިނޭޝަން ނުލިބުނު މައްސަލަ ގިނަ ބަޔަކު ވަނީ ހޫނުކޮށްލައިފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިދިޔަ އަހަރުގެ ފިލްމު "ކޮންކަޝަން" ގައި ވިލް ސްމިތު ކުޅެފައިވާ ރޯލުން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވާން ޖެހެ އެވެ.
ކަޅު ނަސްލުގެ އެކްޓަރުންނަށް އެކްޓިން ކެޓަގަރީން ނޮމިނޭޝަން ނުލިބުނު މައްސަލަ އޮސްކާގައި މިއަހަރު ހޫނުވެގެން އުޅޭއިރު 2014 ވަނަ އަހަރުގެ ފިލްމުތަކަށް މިދިޔަ އަހަރު ދިން އެވޯޑްތަކުގައި ވެސް އެކްޓިން ކެޓަގަރީއަކަށް ކަޅު ނަސްލުގެ އެކްޓަރަކު ނޮމިނޭޓްވެފައެއް ނެތެވެ.
މި މައްސަލާގައި އޮސްކާ ދިފާއުކޮށް ވާހަކަ ދައްކާ ފަރާތްތަކުން ބުނަމުން ދަނީ އޮސްކާ އެވޯޑަކީ އެކްޓަރެއްގެ މޮޅު ދެރަމިން ކަނޑައެޅުމަށް ދޭ އެވޯޑެއް ކަމަށާއި އެވޯޑް ދެނީ މީހެއްގެ ގައިގެ ކުލައަކަށް ބަލައިގެން ނޫން ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނަމުން ދަނީ ކަޅު ނަސްލުމުގެ އެކްޓަރުންތަކެއް ނޮމިނޭޓްވެފައި މި ފަހަރު ނެތީ ފާއިތުވި ދެ ތިން އަހަރު އޮސްކާ ފެންވަރުގެ ޕާފޯމެންސްތަކެއް ކަޅު ނަސްލުގެ އެކްޓަރުންނަށް ދެއްކިފައި ނުވާތީ ކަމަށެވެ.
އޮސްކާގައި މިހާތަނަށް އެންމެ މޮޅު އެކްޓިން ކެޓަގަރީގައި އެވޯޑް ލިބިފައި ވަނީ ކަޅު ނަސްލުގެ އެންމެ ފަސް އެކްޓަރަކަށެވެ. މަޝްހޫރު ބަތަލާ ހެލީ ބެރީ އަކީ ލީޑް ރޯލަކުން އޮސްކާ ލިބިފައިވާ ކަޅު ނަސްލުމުގެ ހަމައެކަނި އަންހެން ބަތަލާ ވެސްމެ އެވެ.
އެންމެ ފަހުން އޮސްކާގައި މޮޅު އެކްޓަރުގެ އެވޯޑް ލިބުނު ކަޅު ނަސްލުގެ އެކްޓަރަކީ "ދަ ލާސްޓް ކިންގް އޮފް ސްކޮޓްލޭންޑް" ގައި އިޑި އަމީން ގެ ރޯލު ކުޅުނު ފޮރެސްޓް ވިޓެކާ އެވެ.
އޭނާގެ އިތުރުން ޖޭމީ ފޮކްސް އާއި ޑެންޒެލް ވޮޝިންޓަން އަދި ސިޑްނީ ޕޮއިޓިއާ އަކީ އޮސްކާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ކަޅު ނަސްލުމުގެ އެކްޓަރުންނެވެ.