ކުޅިވަރު

ޓީމް ޕްރޮފައިލް: ޓިއުނީޝިއާ

  • ވޯލްޑް ކަޕްގައި އެފްރިކާގެ ގައުމަކަށް ލިބުނު ފުރަތަމަ މޮޅު ހޯދި
  • މިއީ ޓިއުނީޝިއާ އިން ވޯލްޑް ކަޕުގައި ކުޅޭ ހަ ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ، ފްރާންސް، ޑެންމާކް އަދި އޮސްޓްރޭލިއާ

ޓީމުގެ ތާރީހް

އެފްރިކާ ބައްރަށް ނިސްބަތްވާ ޓިއުނީޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1978 ވަނަ އަހަރު އެވެ. އާޖެންޓީނާގައި އެ އަހަރު އޮތް ވޯލްޑް ކަޕްގައި ޓިއުނީޝިއާ ލައްވާލީ ވަރުގަދަ ގުރޫޕެއްގަ އެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާ ވަނީ މެކްސިކޯ އަތުން މޮޅުވެފަ އެވެ. މިއީ ވޯލްޑް ކަޕެއްގައި އެފްރިކާގެ ގައުމަކަށް ލިބުނު ފުރަތަމަ މޮޅެވެ. ދެވަނަ މެޗުގައި ޕޮލެންޑް އަތުން ޓިއުނީޝިއާ ބަލިވި ނަމަވެސް، ގުރޫޕްގެ ފަހު މެޗުގައި ޓިއުނީޝިއާ ވަނީ ވަރުގަދަ ހުޅަނގު ޖަރުމަން އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. އެކަމަކު ޓިއުނީޝިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭ ގޮތެއްނުވި އެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ ތަޖުރިބާ އަށް ފަހު، ޓިއުނީޝިއާ ދެން ކޮލިފައިވީ 20 އަހަރަށް ފަހު، 1998 ގައި ފްރާންސްގައި އޮތް މުބާރާތަށެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޓިއުނީޝިއާ ކެޓީ އެންމެ ޕޮއިންޓަކާ އެކުއެވެ. ޓިއުނީޝިއާ ވަނީ 2002 އާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވެސް ކޮލިފައިވެފަ އެވެ. އެ ދެ ފަހަރު ވެސް ޓިއުނީޝިއާ ގްރޫޕް ސްޓޭޖް ނިންމާލީ އެންމެ ޕޮއިންޓަކާ އެކު އެވެ.

އޭގެފަހުން، ދެން ކުޅެވުނު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ޕެނަމާ އާއި ބެލްޖިއަމް އަދި އިންގްލެންޑާ އެއް ގްރޫޕެއްގައި ހިމެނި މޮޅެއް ލިބުނީ ހަމައެކަނި ޕެނަމާ އަތުންނެވެ. އަނެއް ދެ މެޗުން ބަލިވެ ގްރޫޕް ސްޓޭޖުން ޖެހުނީ އަލްވަދާއު ކިޔާށެވެ.

ކޮލިފައިވީ ކިހިނެއް؟

ޓިއުނީޝިއާ ވަނީ ކޮލިފައިންގެ ދެވަނަ ބުރުގައި އެއްވަނަ ހޯދާފަ އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު ހަތަރު މެޗު ކާމިޔާބުކުރި އެވެ. އެއް މެޗު އެއްވަރުވިއިރު ބަލިވީ ވެސް އެއް މެޗުންނެވެ. ކޮލިފައިންގައި 11 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ދެ ގޯލެވެ.
ތިންވަނަ ބުރު ނުވަތަ ޕްލޭއޮފްގައި ޓިއުނީޝިއާ ވާދަކުރީ މާލީއާ އެވެ. ފުރަތަމަ ލެގްގެ މެޗު މާލީ ދަނޑިގައި 1-0 އިން ކާމިޔާބު ކުރިއިރު ދެވަނަ ލެގްގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެގްރިގޭޓުން ޓިއުނީޝިއާ މޮޅުވީ 1-0 އިންނެވެ.

ވަހްބީ ހަޒްރީ

މިހާރު ފްރާންސްގެ މޮންޓްޕެލިއާ އަށް ކުޅެމުން އަންނަ ހަޒްރީ ވަނީ ކުރިން ބޯޑޯ އާއި ބަސްޓިއާގެ އިތުރުން ރެނެސް އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ސަންޑަލޭންޑަށް ކުޅެފަ އެވެ.

ފްރާންސަށް އުފަން ހަޒްރީ ވަނީ އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމަށާއި، ޓިއުނީޝިއާގެ ޔޫތު ޓީމަށް ވެސް ކުޅެފަ އެވެ. 2013 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް ކުޅުނު 59 މެޗުގައި 20 ލަނޑު ވަނީ ޖަހައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ޓިއުނީޝިއާއާ އެކު ހަޒްރީ، 31، ނިކުންނަ ދެވަނަ މުބާރާތެވެ. މިހާތަނަށް އައިއިރު އޭނާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހަތަރު މުބާރާތުގައި ކުޅެފަ އެވެ.

ޔޫސުފް އެމްސަކްނީ

ޓިއުނީޝިއާގެ ކެޕްޓަން ޔޫސުފް އެމްސަކްނީ މިހާރު ކުޅެމުން އަންނަނީ ގަތަރު ލީގުގެ އަލް-އަރަބީ ސްޕޯޓްސް ކްލަބަށެވެ. އޭގެކުރީން، އެމްސަކްނީ ވަނީ އަލް-ދުހައިލް ސްޕޯޓްސް ކްލަބަށާއި، ބެލްޖިއަމްގެ ޔޫޕެން އަށް ވެސް ކުޅެފައެވެ.

2010 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދި މި ކުޅުންތެރިޔާ އަށް ރަޝިއާ ވޯލްޑް ކަޕް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. މީގެކުރިން އޭނާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހަތް މުބާރާތުގައި ކުޅެފައެވެ. އެމްސަކްނީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 61 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. ވޯލްޑް ކަޕާ ކުރިމަތިލާއިރު އެމްސަކްނީ، 31، ހުރީ ރަނގަޅު ފޯމެއްގަ އެވެ.

ކޯޗު: ޖަލާލް ކަދްރީ

ކަދްރީ ވަނީ މީގެ ކުރިން ޓިއުނީޝިއާގެ އެސިސްޓެންޓް ކޯޗުކަން ކޮށްފަ އެވެ. މިފަހަރު ކޯޗުކަމާ ހަވާލުވެ ތިންވަނަ ބުރުގައި މާލީ ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނެވެ. ކަދްރީގެ ކޯޗުކަމުގައި ޓިއުނީޝިއާ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗު ވީ އެއްވަރެވެ.