ކުޅިވަރު

ޓީމް ޕްރޮފައިލް: ޑެންމާކް

  • އެންމެ ބޮޑު ކާމިޔާބީއަކީ 1992 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ހޯދުން
  • މިއީ ވޯލްޑް ކަޕްގައި ޑެންމާކް ވާދަކުރާ ހަވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ ފްރާންސް، ޓިއުނީޝިއާ އަދި އޮސްޓްރޭލިއާ

ޓީމުގެ ތާރީހް

ފުރަތަމަ ވޯލްޑް ކަޕަށް ޑެންމާކް ކޮލިފައިވީ 1986 ވަނަ އަހަރު އެވެ. އޭގެފަހުން ކުޅުނު އަށް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕަށް އެޓީމު ކޮލިފައިނުވެ އެވެ. އެއީ 1990، 1994، 2006 އަދި 2014 އެވެ. ވޯލްޑް ކަޕްގައި އެޓީމަށް އެންމެ ދުރަށް ދެވުނީ 1998 ވަނަ އަހަރު އެވެ. އެފަހަރުގެ މުބަރާތުގެ ކުއާޓާ ފައިނަލުގައި ބްރެޒިލްއާ ވާދަކޮށް 2-3 ގެ ހަނި ނަތީޖާއަކުން ބަލިވީ އެވެ. ވޯލްޑް ކަޕްގައި އެޓީމު ގްރޫޕް ސްޓޭޖުން ކެޓީ ހަމައެކަނި 2010 ވަނަ އަހަރު އެވެ. އަނެއް ތިން މުބާރާތުގައި ދެވަނަ ބުރަށް ދަތުރުކުރި އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސާއި ޑެންމާކާ ދެކޮޅަށް ކުޅެ އެއްވަރުކޮށް ޕެރޫ ބަލިކުރި އެވެ. ދެވަނަ ބުރުގައި ކްރޮއޭޝިއާ އަތުން ކެޓީ ޕެނަލްޓީ ޖަހައިގެންނެވެ.

ޔޫރޯ 1992 ވަނަ އަހަރު ޑެންމާކުން ކާމިޔާބުކުރީ ސެމީ ފައިނަލުގައި ނެދަލެންޑްސް ބަލިކޮށް އަދި ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޔޫރޯގެ އިތުރުން ޑެންމާކުން ހޯދާފައިވާ ބައިނަލްއަގްވާމީ ކާމިޔާބީއަކީ 1995 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކުރުމެވެ.

ކޮލިފައިވީ ކިހިނެއް؟

ޑެންމާކް ވަނީ ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދާފަ އެވެ. ކޮލިފައިންގެ 10 މެޗުގެ ތެރެއިން އެޓީމު ނުވަ މެޗު ކާމިޔާބުކުރި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. 10 މެޗުގައި 30 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަނީ ތިން ގޯލެވެ. މީގެ ތެރެއިން ދެ ގޯލު ވަނީ ސްކޮޓްލެންޑް އަތުން ބަލިވި މެޗުގަ އެވެ. ދެން އެޓީމު ކޮޅަށް ގޯލެއް ޖެހުނީ ފެރޯ އައިލެންޑަށެވެ. ކޮލިފައިންގައި ޑެންމާކް ޓީމުގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

ޑެންމާކް ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކްރިސްޓިއަން އެރިކްސެން އެވެ. ހިތުގެ މައްސަލައެއް މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވުނަސް އާ ހިތްވަރަކާ އެކު އެރިކްސެން މިހާރު ހުރީ ކުރީގެ ފޯމުގަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ގައުމީ ޓީމާ އެކު އެރިކްސެން އަލުން ފެނުމަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު އުފަލެކެވެ. އެރިކްސެންގެ އިތުރުން އެޓީމުގެ ކެޕްޓަން ސިމޯން ކިއޭ އާއި ކެސްޕާ ޝްމައިކަލް އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ކެސްޕާ ޝްމައިކަލް

ޝްމައިކަލް އަކީ ވޯލްޑް ކަޕަށް ނުކުންނަ ޑެންމާކް ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޝްމައިކަލް ވަނީ މިފަހަރުގެ ކޮލިފައިންގެ 10 މެޗުގައި ވެސް ޑެންމާކް ޓީމުގެ ގޯލު ބަލަހައްޓާފަ އެވެ. ޝްމައިކަލް ބެލެހެއްޓި ގޯލަށް 10 މެޗުގައި ވަނީ އެންމެ ތިން ގޯލެވެ. ހަތް މެޗު ނިންމާލީ ގޯލެއް ނުވަދެ އެވެ.

2013 ވަނަ އަހަރު ޑެންމާކްގެ ސީނިއާ ޓީމުން ފުރުސަތު ހޯދައި ޝްމައިކަލް ވަނީ މިހާތަނަށް އެގައުމަށް 86 މެޗު ކުޅެފަ އެވެ. ޝްމައިކަލް ޑެންމާކާ އެކު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ޔޫރޯ އެވެ.
ޝްމައިކަލްގެ ކުޅުން ފާހަގަކުރެވުނީ 2011 ވަނަ އަހަރު ލެސްޓާ ސިޓީ އަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި 11 އަހަރު ހޭދަކޮށް ޕްރިމިއާ ލީގު ޝްމައިކަލް ކާމިޔާބުކުރި އެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ނީސް އަށެވެ.

ސިމޯން ކިއޭ

ކިއޭގެ ލީޑަޝިޕް ފެނުނީ މިދިޔަ އަހަރު ކުޅުނު ޔޫރޯގައި އެރިކްސެން ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުމާ އެކު ފަރުވާ އަވަސްކުރަން ކުރި މަސައްކަތުންނެވެ. މިގޮތުން އެރިކްސެން އަށް ވަގުތުން ސީޕީއާރް ދިނުމުގެ ކަންކަމުގައި ކިއޭ ހަރަކާތްތެރިވީ އަވަސްކޮށެވެ.

ޑެންމާކް ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު ކިއޭ ވަނީ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މިފަހަރު ޑެންމާކް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ވެސް ކިއޭގެ ދައުރު ބޮޑެވެ. އޭނާ ވަނީ ކޮލިފައިންގެ 10 މެޗުގެ ތެރެއިން ނުވަ މެޗުގައި ކުޅެ ދެ ގޯލު ޖަހައިފަ އެވެ.

ކިއޭ މިހާރު ކުޅެމުން އަންނަނީ އޭސީ މިލާން އަށެވެ. ގައުމީ ޓީމާ 2009 ވަނަ އަހަރު ގުޅި ކިއޭ ވަނީ މިހާތަނަށް 121 މެޗު ކުޅެ ފަސް ގޯލު ޖަހައިފަ އެވެ. ކިއޭ ވަނީ ވޯލްޑް ކަޕްގެ ހަ މެޗު އަދި ޔޫރޯގެ ނުވަ މެޗުގައި ކުޅެފަ އެވެ.

ކޯޗު: ކެސްޕާ ޖޮލްމަންޑް

ޖޮލްމަންޑްގެ ކޯޗުކަމުގައި މިދިޔަ އަހަރު އޮތް ޔޫރޯގެ ސެމީ ފައިނަލަށް ޑެންމާކް ވަނީ ދަތުރުކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި ޑެންމާކް ކުޅުނު 34 މެޗުގެ ތެރެއިން 23 މެޗުން މޮޅުވި އެވެ. ދެ މެޗު އެއްވަރުވިއިރު ބަލިވީ ނުވަ މެޗުންނެވެ.

ޖޮލްމަންޑް ވަނީ ޑެންމާކާއި ޖަރުމަނުގައި ކޯޗުކަން ކޮށްފަ އެވެ. ޑެންމާކް އަކީ އޭނާ އިރުޝާދުދޭ ފުރަތަމަ ގައުމެވެ.