ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް މަޖިލީހުގައި ސުޕާ މެޖޯރިޓީއެއް އޮތަސް ސަޕްލިމެންޓަރީ ބަޖެޓް މިހާރު އޮތް ގޮތަށް ހުށަހެޅުން އެއީ މެމްބަރުންނަށް ލިބިދޭ ގާނޫނީ ހައްގެއް ނޫން ކަމަށާއި މެމްބަރުންނާއި މެދު ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ކޮމިޓީ ރިޕޯޓުގެ ބަހުސްގައި އާދަމް ޝަރީފު ވިދާޅުވި އެވެ.
"މިގޮތަށް ބަޖެޓު ފާސްވެގެން ހިނގައްޖެއްޔާ ރާއްޖެ ބަނގުރޫޓު ވެގެންދާނެ" ޝަރީފު ވިދާޅުވި އެވެ.
ޝަރީފް މިގޮތަށް ވިދާޅުވެފައިވަނީ މިއަހަރު ގެ ބާކީ މިއޮތް ދުވަސްތަކަށް އިތުރު 5.8 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓަށް އިތުރު ކުރުމަށް ބަޖެޓް ކޮމެޓީން ފާސްކުރުމާއި ގުޅިގެންނެވެ.
ބަޖެޓު ބަހުސްގައި ޝަރީފުގެ ފާޑުކިއުންތަކާ ބޮޑެތި ތުހުމަތުތަކެއް އެމްޑީޕީ ސަރުކާރަށާއި ސަރުކާރު މެމްބަރުންނަށް އަމާޒު ކުރެއްވި އެވެ. މިގޮތުން ސަރުކާރުން މިހާރުވެސް ވަނީ ސަޕްލިމެންޓަރީ ބަޖެޓުން ހަރަދު ކޮށްފައި ކަމަށް ވިދާޅުވި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފު މިއަދު ވިދާޅުވީ އަހަރުގެ ބާކީ އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެސްއޯޕީތަކާ އެއްގޮތަށް ސަރުކާރަށް 5.8 ބިލިއަން ރުފިޔާ ހޭދަ ނުކުރެވޭނެ ކަމަށެވެ.
އިތުރަށް ފައިސާ ބޭނުންވަނީ މުސާރައަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ކޭޝްފްލޯ ރަނގަޅުކުރަން ކެޕިޓަލް ބޭނުންވާތީ ކަމަށް ފިނޭންސް އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
މީގެ އިތުރުން މިއަދުގެ ބަހުސްގައި ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރަން އެއްވެސް ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ބޭރުގެ އެހީ ނުލިބުމުން ސަރުކާރުން ފައިސާ ޗާޕުކުރުން ކަމަށެވެ. ނަތީޖާއަކީ ރާއްޖޭގެ އިންފްލޭޝަން އިތުރުވެ ފަގީރުން އިތުރަށް ފަގީރުވާ މަންޒަރާއި މުއްސަނދިން އިތުރަށް މުއްސަނދިވާ މަންޒަރު ފެނުން ކަމަށް ވިދާޅުވި އެވެ.
"ޕެންޝަން ފަންޑުން ލާރި ނަގާ ގޮސް ސަރުކާރު އެއޮތް ހުލިވަނީ. ދެނެއް މި ސަރުކާރަކަށް އެ ފައިސާތަކެއް އަނބުރާ ފަންޑަކަށް ނުލެވޭނެ. ގެއްލުން ވަނީ ރައްޔިތު މީހާއަށް" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވަނީ ސަރުކާރުން އިކޮނޮމިކް އިންފްރާސްޓަރްކްޗާ ކުރިއެރުވުން ފަދަ ތަރައްގީގެ މަޝްރޫއުތަކަށް މަސައްކަތް ނުކުރާކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް ގާތް މީހުންނަށް ބެހުމަށް ދައުލަތުގެ ފައިސާ ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ފަރާތްތަކަށް 1.9 ބިލިއަން ރުފިޔާ ބަހާލާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތްތައް ކުރަމުންދާތާ ހަތަރު އަހަރު ވެއްޖެ. އަދި ބޮލްޓްތައްވެސް އަޅާލާ ނުނިމޭ. މިއީ ގައުމަށް އެންމެ ބޮޑު އާމްދަނީ އެއް ވަންނަ އެއް ތަން" ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކުރީ 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުތައް ފޫނުބެއްދޭތީ 5.8 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓަށް އިތުރު ކުރުމަށް ސަޕްލިމަންޓްރީ ބަޖެޓެއްވެސްވަނީ ބަޖެޓް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.