ކުޅިވަރު

ޓީމް ޕްރޮފައިލް: ފްރާންސް

  • ފީފާ އާއި ޔޫއެފާގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ޔޫރަޕްގެ ހަމައެކަނި ގައުމު
  • މިއީ ފްރާންސް ވޯލްޑް ކަޕްގައި ވާދަކުރާ 16 ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ ކޮސްޓަ ރީކާ، ޑެންމާކް އަދި ޓިއުނީޝިއާ

ޓީމުގެ ތާރީހް

ފްރާންސަކީ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރި ޔޫރަޕްގެ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. އެޓީމު ވަނީ ވޯލްޑް ކަޕް ފައިނަލުގައި ތިންފަހަރު ކުޅެ ދެފަހަރު ތަށި ހޯދާފަ އެވެ. 1998 އަދި 2018 ވަނަ އަހަރު ޗެމްޕިއަންކަން ހޯދިއިރު 2006 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ އަތުން ބަލިވީ އެވެ. އެންމެ ފަހުގެ ޗެމްޕިއަންކަން ފްރާންސް ހޯދީ ފައިނަލުގައި ކްރޮއޭޝިއާ 2-4 އިން ބަލިކޮށްގެންނެވެ.

ވޯލްޑް ކަޕްގައި ފްރާންސް ދެން އެންމެ ކުރިއަށް ދިޔައީ 1958 އަދި 1986 ވަނަ އަހަރު އެވެ. އެ ދެމުބާރާތުގައި ވެސް ފްރާންސަށް ލިބުނީ ތިންވަނަ އެވެ.

ފްރާންސް ވެފައިވަނީ އެޓީމު ވާދަކުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރި ޔޫރަޕްގެ ހަމައެކަނި ގައުމަށެވެ. އެޓީމުން ވަނީ ޖުމްލަ އަށް ރަން މެޑަލް ހޯދާފަ އެވެ. ވޯލްޑް ކަޕްގެ އިތުރުން ޔޫރޯގެ ދެ މުބާރާތާއި ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ފްރާންސް ހޯދި އެވެ. ޔޫރޯގެ ޗެމްޕިއަންކަން 1984 އަދި 2000 ވަނަ އަހަރު ހޯދިއިރު ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކުރީ 2001 އަދި 2003 ވަނަ އަހަރު އެވެ. އަދި ކޮންމެބޮލް-ޔޫއެފާ ކަޕް އޮފް ޗެމްޕިއަންސް އެއް ފަހަރު ހޯދުމުގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގު ވެސް އެގައުމުން ކާމިޔާބުކުރި އެވެ. އެންމެ ފަހުގެ ނޭޝަންސް ލީގުގެ ފައިނަލުން ފްރާންސް މޮޅުވީ ސްޕެއިން އަތުންނެވެ.

ކޮލިފައިވީ ކިހިނެއް؟

ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ. ތިން މެޗުން އެއްވަރުވިއިރު އެއްވެސް މެޗަކުން ބަލިވެފައެއްނުވެ އެވެ.
އަށް މެޗުގައި 18 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަނީ ތިން ގޯލެވެ. ގްރޫޕުގެ ދެވަނަ ހޯދި ޔޫކްރޭންއާ ފްރާންސާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އޮތެވެ.

ހޫގޯ ލޮރިސް

ޓޮޓެންހަމް ހޮޓްސްޕާސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިހާރު އުމުރުން 35 އަހަރުގެ ގޯލްކީޕަރަކީ މިފަހަރު ވެސް ފްރާންސް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަދި ކެޕްޓަނެވެ. 2008 އިން ފެށިގެން ގައުމީ ޓީމަށް ލޮރިސް ވަނީ 139 މެޗު ކުޅެފަ އެވެ.

ޒުވާން އުމުރުގައި ލޮރިސްގެ ވިދުން އެންމެ ގަދަވީ 2008 އިން 2012 އަށް ލިޔޯން އަށް ކުޅުނު ދުވަސްވަރު އެވެ. 2012 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވުމުގެ ކުރިން ލޮރިސް ވަނީ ފްރެންޗް ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ތިންފަހަރު ހޯދާފަ އެވެ.

އޮންޓުއަން ގްރީޒްމަން

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ގްރީޒްމަން އަކީ ގައުމީ ޖާޒީގައި އަބަދުވެސް ތަފާތު ދައްކާ ކުޅުންތެރިއެކެވެ. ފްރާންސް 2016 ވަނަ އަހަރު ޔޫރޯގެ ފައިނަލުގައި ބަލިވިއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ގްރީޒްމަން ވަނީ ހޯދާފަ އެވެ. އަދި 2018 ވަނަ އަހަރު ފްރާންސް ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ލަނޑު ލިސްޓުގެ ދެވަނައިގެ އިތުރުން އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ގްރީޒްމަން ހިމެނުނެވެ. މީގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ގްރީޒްމަން އެވެ.

31 އަހަރުގެ ގްރީޒްމަން އަކީ އެގައުމަށް ތިންވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ގްރީޒްމަން ވަނީ ފްރާންސަށް ކުޅުނު 110 މެޗުގައި 42 ލަނޑު ޖަހައިފަ އެވެ.

ކޯޗު: ޑިޑިއޭ ޑެޝޯމްޕްސް

މީގެ 10 އަހަރު ކުރިން ފްރާންސްއާ ހަވާލުވި ޑެޝޯމްޕްސްގެ ކޯޗުކަމުގައި ވޯލްޑް ކަޕާއި ނޭޝަންސް ލީގު އެގައުމުން ވަނީ ކާމިޔާބުކޮށްފަ އެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ވާދަކުރިއިރު 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ފްރާންސް ބަލިވީ އެވެ.

ކުޅުންތެރިއެއް އަދި ކޯޗުގެ ގޮތުގައި ޑެޝޯމްޕްސްއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރީ މާރިއޯ ޒަގަލޯ އާއި ފްރެންޒް ބެކެންބާ އެވެ. ފްރާންސް 1998 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ޑެޝޯމްޕްސް އަކީ އެޓީމުގެ ކެޕްޓަނެވެ.