ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބޭއްވުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަހްމަދު ޝަކީލު ވިދާޅުވި ގޮތުގައި އަންނަ ބުދަ ދުވަހު އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމެވެ. އެއަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އޮންނާނީ ހުކުމް އިއްވުމެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ.
މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
ޔާމީނަށް ދައުވާކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ޔޫސުފްގެ ނައީމުގެ މަސްލަހަތު އޮތް ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ކުއްޔަށް ދޭން ނިންމާ، އޭނާގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގަ އެވެ.
ޝަރީއަތުގައި ހެކިބަސް ދެއްވަމުން ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވަނީ ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ގަންނަން ބޭނުންވުމުން ޔޫސުފް ނައީމުގެ އަތުން ޑޮލަރު ހޯދައިދީފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑޮލަރު ގަތުމަށް ބޭނުންވާ ދިވެހި ފައިސާ ގެންގޮސްދެއްވި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ޝަރީއަތުގައި ވިދާޅުވެފަ އެވެ.
ދައުލަތުން ވަނީ ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކި އުފައްދަވާ ބައެއް ކަންކަން އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފަ އެވެ.