ފިނިޕޭޖް

ފާހަގަކޮށްލެވޭ ބައެއް ފުޓްބޯޅަ ފިލްމްތައް

ފީފާ ވޯލްޑް ކަޕް ގަތަރުގައި ފެށިގެން ކުރިއަށްދާއިރު ފޯރި ގަދަ މެޗުތަކެއް ދަނީ ފެންނަމުންނެވެ. ކުރިއަށް އޮތް ހަތަރު ހަފްތާގައި ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން ވޯލްޑް ކަޕަށް ހުސްވެ، ސަޕޯޓް ކުރުމުގައި ވަގުތު ހޭދަކުރާއިރު މިއީ އެންމެ ފާހަގަކޮށްލެވޭ ފުޓްބޯޅަ ފިލްމްތަކަށް ބަލާލުން އެންމެ ރަނގަޅު ވަގުތެވެ.

1
 

ވިކްޓަރީ (1981)

މި ފިލްމްގައި ޕެލޭ، ބޮބީ މޯ އަދި އޮސީ އާޑިލެސް ފަދަ ވޯލްޑް ކަޕް ހާސިލްކޮށްފައިވާ ތަރިންނާއެކު މައިކަލް ކޭން، މެކްސް ވިން ސިޑޯ، ސިލްވެސްޓާ ސްޓެލޯން ފަދަ ހޮލީވުޑްގެ ތަރިން ބައިވެރިވެ އެވެ. "ވިކްޓަރީ" ގައި ގަބޫލުނުކުރެވޭ ފަދަ މަރު-ނޫނީ-ހަޔާތް ޕްލޮޓެއް ހިމެނޭއިރު، މީގައި ފެންނަނީ ދެވަނަ ބޮޑު ހަނގުރާމައިގައި އެލައިޑް ޕްރިޒަނާސް އޮފް ވޯ އާއި ނަޓްޒީންނާ ދެމެދު ކުޅެވޭ މެޗެކެވެ. މި ފިލްމަކީ ކަލްޓް ކްލެސިކެއްގެ ގޮތުގައި ބެލެވޭ ފުޓްބޯޅަ ފިލްމެކެވެ.

2
 

ދަ ފާމް (1989)

މި ފިލްމްގައި ގެރީ އޯލްޑްމަން ކުޅެނީ ހޮބީއެއްގެ ގޮތުން ފުޓްބޯޅަ ކުޅޭ "ހުލިގަން" ގޭންގް ލީޑާގެ ރޯލެވެ. މިއީ އިނގިރޭސި ވިލާތުގައި ފުޓްބޯޅަ ސަޕޯޓަރުންނާއި ކުޅުންތެރިން މާރާމާރީއާއި ތަޅާފޮޅުމާއި ހަމަނުޖެހުން ހިންގުމާބެހޭ ގޮތުން ފާހަގަކޮށްލެވޭ ފިލްމެކެވެ. އަދި މި ފިލްމަކީ ގެރީ އޯލްޑްމަންގެ ހަޔާތުގައި މިހާތަނަށް އެންމެ މޮޅު އެކްޓިންއެއް ދެއްކި އެއް ފިލްމްކަމުގައި ބެލެވެ އެވެ.

3
 

ފީވާ ޕިޗް (1997)

"ފީވާ ޕިޗް" އަކީ ކޮލިން ފަތް އާއި ރޫތް ގެމެލް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމަކީ ކޮންމެވެސް ވަރަކަށް ނިކް ހޯންބީގެ މެމޮއާ "ފީވާ ޕިޗް: އަ ފޭންސް ލައިފް" އަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މި ފިލްމްގައި ސްކޫލް ޓީޗަރެއް ކަމުގައިވާ ޕޯލް އޭޝްވޯތް (ކޮލިން) އަކީ އާސެނަލްގެ ވަރަށް ބޮޑު ފޭނެކެވެ. އަދި އޭނާ ލޯބީގެ ގޮތުން އެހެން ޓީޗަރަކާ ގުޅުމަށްފަހު، ފުޓްބޯލް ލީގްގެ ފަސްޓް ޑިވިޟަންގައި ކުޅޭ އާސަނެލަށް ސަޕޯޓްކުރުމަށްޓަކައި އޭނާ ގޮސް ހުސްވެ، އެކަމުގެ ސަބަބުން އޭނާގެ ލޯބީގެ ހަޔާތަށް ކުރާ އަސަރު ފިލްމުން ދައްކައިދެ އެވެ. މި ފިލްމުގައި 1989 ގައި އާސެނަލްގެ ލީގް ކާމިޔާބުކުރި މެޗާ ގުޅުވާފައިވެ އެވެ.

މި ފިލްމަށް ވަނީ 2005 ގައި ޑްރޫ ބެރީމޯ އާއި ޖިމީ ފެލަން އާއެކު ބޭސްބޯލް އަށް ރީމޭކެއް ހަދާފަ އެވެ.

4
 

ޝައޮލިން ސޮކާ (2001)

"ޝައޮލިން ސޮކާ" އަކީ ހޮން ކޮންގެ ސްޓީވަން ޗާއު ހެދި އަދި އެކްޓްކުރި ސްޕޯޓްސް ކޮމެޑީ އެކެވެ.

މި ފިލްމުގައި ކުރީގެ ޝައޮލިން މޮންކެއް، އޭނާގެ ފަސް މޮންކް ބްރަދާސް އެއްކޮށްގެން އެމީހުންގެ ސުޕަ ހިއުމަން މާޝަލް އާޓްސް ހުނަރު ބޭނުންކޮށްގެން ޝައޮލިން ސޮކާ އެންމެނަށް ގެނެސްދެ އެވެ. އަދި މުބާރާތެއްގައި ބައިވެރިވެ، ކޮރަޕްޓް ޓީމަކާއި ޗެއާމަން ބަލިކޮށް، އެ މުބާރާތުން މޮޅުވެ އެވެ. މި ފިލްމަކީ އޭރުގައި ހޮން ކޮންގައި އާއި ސައުތް އީސްޓް އޭޝިއާގައި ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމެވެ. މި ފިލްމްގެ ރިކޯޑް ވައްޓާލާފައިވަނީ ސްޓީވަން ޗައު 2004 ގައި ނެރުނު "ކަންފޫ ހަސަލް" އިންނެވެ.

5
 

ބެންޑް އިޓް ލައިކް ބެކަމް (2002)

މި ފިލްމަކީ ޕަރްމިންދަރް ނާގްރާ، ކީރާ ނައިޓްލީ އާއި ޖޮނަތަން ރީސް މަޔާސް، އަނޫޕަމް ކޭރް އަދި އާޗީ ޕަންޖާބީ ފަދަ ތަރިން ކުޅެފައިވާ ސްޕޯޓްސް ކޮމެޑީ އެކެވެ.

މި ފިލްމްގައި ދައްކައިދެނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ އަންހެން ކުއްޖެއް، މައިންބަފައިންގެ ނުގަބޫލުގައި އޭނާގެ ފުޓްބޯޅަ ކުޅުމުގެ ހުވަފެން ކާމިޔާބު ކުރާ ތަނެވެ. މި ފިލްމަށް ވަނީ ބޮކްސްއޮފީހުގައި 76.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.