ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ ރޮބާޓް ލެވަންޑޯސްކީ އަތުން ބޭކާރުވެ ޕޮލެންޑުން މިފަހަރު ކުޅުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯއާ ވާދަކޮށް 0-0 އިން އެއްވަރު ވެއްޖެ އެވެ.
މި ގްރޫޕުގައި މިއަދު ހަވީރު ސައުދީ އަރަބިއާ އިން ވަނީ ގަދަފަދަ އާޖެންޓީނާ ބަލިކޮށް ސިހުން ގެނުވައިފަ އެވެ. އެހެންވެ މެކްސިކޯ އާއި ޕޮލެންޑުން މިރޭގެ މެޗަށް ނުކުތީ މޮޅެއް ހޯދައި ޕްރެޝަރު ކުޑަކުރުމަށެވެ.
ފުރަތަމަ ހާފުގައި ދެޓީމުން ވެސް ވަނީ އެޓޭކުތައް ކޮށްފަ އެވެ. އެކަމަކު ލިބުނު ފުރުސަތުތައް ގޯލަށް ބަދަލުކޮށްލެވޭ ގޮތެއްނުވި އެވެ.
ޕޮލެންޑަށް ރެފްރީ ދިން ޕެނަލްޓީ ލެވަންޑޯސްކީ އަށް ވައްދާނުލެވުނީ 58 ވަނަ މިނެޓުގަ އެވެ. މިއީ ލެވަންޑޯސްކީ ގޯލަށް ޖަހަން މަސައްކަތްކުރި ބޯޅައަކަށް މެކްސިކޯގެ ހެކްޓާ ހެރޭރާ ކުރީ ފައުލަކަށް، ރެފްރީ ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ. އެކަމަކު ލެވަންޑޯސްކީ ތިރީ ކަނަށް ފޮނުވާލި ޕެނަލްޓީ މެކްސިކޯގެ ގޯލްކީޕަރު ގުއިލާމޯ އޮޗޯއާ މަތަކުރީ އެވެ. ޕެނަލްޓީ ވައްދާނުލެވުމުން ލެވަންޑޯސްކީގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.
ކެރިއަރުގައި 600 އަށް ވުރެ ގިނަ ގޯލު ޖަހައިފައިވާ ލެވަންޑޯސްކީ އަށް އަދި ވޯލްޑް ކަޕްގައި ގޯލެއް ނުޖެހެ އެވެ. މިއީ ލެވަންޑޯސްކީ ވޯލްޑް ކަޕްގައި ކުޅުނު ހަތަރު ވަނަ މެޗެވެ. ފުރަތަމަ ތިން މެޗު ކުޅުނީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެކަމަކު ސެނެގޯލް އާއި ކޮލަމްބިއާ އަދި ޖަޕާނާ ދެކޮޅަށް ކުޅެ ގޯލެއް ނުޖެހުނެވެ.
މެޗުގެ ފަހުކޮޅު ދެޓީމުން ވެސް ލީޑު ނަގަން މަސައްކަތްކުރި އެވެ. އެކަމަކު ގޯލު ޖަހާނެ ހުސް ފުރުސަތެއް އެއްވެސް ޓީމަކަށް ތަނަވަހެއް ނުކުރެވުނެވެ.
ވޯލްޑް ކަޕްގައި މިއަދު ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ފްރާންސާއި އޮސްޓްރޭލިއާ އެވެ.