ބުޅަލުގެ އެކި ވާހަކަތަކަކީ އިންޓަނެޓުން ވަރަށް ގިނައިން ފެންނަ އަދި ބުޅާދެކެ ލޯބިވާ މީހުން ވަރަށް ޝައުގުވެރިކަމާއެކު ކިޔާ ވާހަކަ ތަކެކެވެ. ބުޅާ އެ ސޮރުގެ ބަހުރުވައިން ވާހަކަ ދައްކާ ތަނާއި ރީތިކޮށް ނަލަކޮށް ހެދުން އަޅައިގެން އިންނަ މަންޒަރުތައް ވެސް ބައެއް ވީޑީއޯތަކުން ފެނެ އެވެ.
ނަމަވެސް މިހާރު ވައިރަލް ވެގެން އުޅޭ ވީޑީއޯގައި ފެންނަނީ ބުޅަލެއްގެ ވިސްނުން ތޫނުކަމެވެ. ނުވަތަ އަޖައިބު އިއްތިފާގަކުން އެ ސޮރުގެ އަނިޔާވެފައި އޮތް ފަޔަށް ފަރުވާ ލިބުނު ގޮތެވެ.
މި ވީޑިއޯއަކީ ތުރުކީގެ އިރުމަތީގައި އޮންނަ ޓަޓްވަންގެ ބިޓްލިސް ޓަޓްވަން ސްޓޭޓް ހޮސްޕިޓަލުގެ ސީސީޓީވީ ކެމެރާތަކުން ރެކޯޑް ކޮށްފައިވާ މަންޒަރުތަކެކެވެ.
ވީޑީއޯގައި ފެންނަނީ ހޮސްޕިޓަލު ތެރެއަށް ބުޅަލެއް ވަދެގެން ދަނިކޮށެވެ. އަދި ރިސެޕްޝަން އޭރިއާ ކައިރީގައި މަޑުކޮށްލައިގެން އިންދަ އެވެ. ނަމަވެސް އެއްވެސް މީހަކަށް މި ބުޅާ އެތާނގައި އިންކަމެއް ފާހަގައެއް ނުކުރެވުނެވެ. ބުޅާ ދެކޮޅު ހޯދަމުން ދިޔަ އެވެ. އެސޮރަށް އެހީތެރިވެދޭނެ މީހަކު ހޯދާ ކަހަލަ އެވެ.
އެންމެ ފަހުން އެތާ ރިސެޕްޝަން ޑެސްކު ކައިރީ އިނދެއިނދެ އެކަކުވެސް އަޅާނުލުމުން ކޮރު ޖަހަމުން ޖަހަމުން އެސޮރު ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ދެއެވެ. ވަރަށް ކުޑަކުޑަ ކެހެރިބޯޅައެއްހެން ހީވާ މި ބުޅާ އެސޮރުގެ އަނިޔާވެފައިވާ ފައި ދަމަމުން ހޮސްޕިޓަލުގެ އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ވަންނަމުން ދިޔަ އެވެ. އެގޮތަށް އެސޮރު އުޅެނިކޮށް ނަރުހެއް ކަމަށްވާ އަބޫޒާ އޮޒްދެމިރް އަށް މި ބުޅާ ފެނުނެވެ. އަދި އެސޮރުގެ ފަޔަށް އަނިޔާވެފައިވާތަން ފެނިގެން އެސޮރު ނަގާ ގޮނޑިއެއްގައި ބައިންދައިގެން އެސޮރުގެ ފައިގެ ޒަޚަމް ބަލައި އެތަނުގައި އޮއްޓުއަޅައި ބަނދެދިނެވެ.
އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކޮށްފައިވާ މި ހަބަރުގައި ނާސް އާބޫޒާ ބުނެފައިވާ ގޮތުގައި ބުޅާ ފެނުނުއިރު އެ ސޮރުގެ ފައި އޮތީ ވަރަށް ބޮޑަށް ޒަޚަމް ވެފަ އެވެ. އެހެންވެ އެތަނުގައި ސްޕްލިންޓެއް އަޅާފައި ދޫކޮށްލުމުން އިރުކޮޅަކު އޮވެލާފައި ބުޅާ އަމިއްލައަށް މަޑުމަޑުން ނުކުމެގެން އެ ދިޔަ ތާކަށް ދިޔައީ ކަމަށް ނަރުސް ބުންޏެވެ.
ނަރުސް ބުނި ގޮތުގައި އޭގެ ދެ ތިން ދުވަހެއް ފަހުން އެ ބުޅާ އަނެއްކާވެސް ހޮސްޕިޓަލަށް އައެވެ. އެ ދުވަހު ބުޅަލުގެ ފައި އަލުން ޗެކް ކުރުމަށްފަހު ފައިގައި އަޅާފައިވާ އޮއްޓުގަނޑު ނައްޓާލަ ދިން ކަމަށް އޭނާ ބުންޏެވެ.
ނަރުސް ލަފާ ކުރަނީ މިއީ މީހަކު އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ނޫން ކަމަށާއި މަގުމަތީގައި އުޅޭ ބުޅަލެއް ކަމަށެވެ. ނަމަވެސް ބުޅަލުގެ ވިސްނުން ރަނގަޅުކަމުން ހޮސްޕިޓަލުގެ ގިނަ ސްޓާފުން މި ބުޅާ ދެކެ ވަރަށް ލޯބިވެ "ޑާވްސޯ"ގެ ނަމުން އެސޮރަށް ވަނީ ނަން ދީފަ އެވެ. "ޑާވްސޯ"އަކީ ހޮސްޕިޓަލުގެ މުވައްޒަފުން އެޑޮޕްޓްކޮށްގެން ގެންގުޅެނިކޮށް މަރުވެފައިވާ ބުޅަލަކަށް ކިޔާ ނަމެކެވެ.
މި ބުޅަލުގެ އާދަޔާޚިލާފު ތޫނު ވިސްނުމުން ވަރަށް ހައިރާންވި ކަމަށް ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވެއެވެ.