ލައިފްސްޓައިލް

ޑޮކްޓަރަކަށް ހެދިގެން ހޮސްޕިޓަލުގައި މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި

ތުރުކީ އަންހެނަކު ޑޮކްޓަރަކަށް ހެދިގެން އަހަރެއްހާ ދުވަހު ހޮސްޕިޓަލެއްގައި މަސައްކަތް ކުރިފަހުން ފަޅާއަރައިފި އެވެ. އުމުރުން 20 އަހަރުގެ އައިޝާ އޮޒްކިރާޒް އަކީ ހައި ސްކޫލް ގްރެޖުއޭޓެކެވެ. ނަމަވެސް އޭނާ ޑޮކްޓަރަކަށް ހެދިގެން ހޮސްޕިޓަލެއްގައި ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަހަރެއްހާ ދުވަސް ހޭދަކޮށްފައި ވެއެވެ.

އޮޒްކިރާޒް އާއެކު މަސައްކަތްކުރި ޑޮކްޓަރުން ކައިރީގައި އޭނާ ބުނެފައިވަނީ އޭނާއަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށެވެ. ނަމަވެސް މިއީ ވެސް ކަނޑައެޅިގެން ދޮގެކެވެ. އޭނާ ހޮސްޕިޓަލަށް މަކަރު ހަދައި އޮޅުވާލައި އެތަނުގައި އެއް އަހަރު ވަންދެން މަސައްކަތްކުރި ފަހުން ފަޅާއެރީ ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުންނަށް އޭނާގެ ގާބިލް ކަމާމެދު އުފެދުނު ޝައްކުތަކުގެ ސަބަބުންނެވެ.

ތުރުކީގެ ވެރިކަންކުރާ ރަށް އިސްތަންބޫލް އާއި 68 ކިލޯމީޓަރު ދުރުގައި އޮންނަ ޗާކެޒްކޯއީ ސްޓޭޓް ހޮސްޕިޓަލްގެ ވަޒީފާއަކަށް އޭނާ އެޕްލިކޭޝަން ހުށަހެޅީ ފޭކް ޑޮކިއުމެންޓްތަކަކާ އެކުގަ އެވެ. މި ޑޮކިއުމަންޓްތަކުގައިވާ ގޮތުން އޭނާ ކިޔެވީ އިސްތަންބޫލް ޔުނިވަސިޓީގެ ޖާޕާ މެޑިކަލް ސްކޫލުންނެވެ. މިއީ ކަނޑައެޅިގެން ދޮގެކެވެ.

ހަގީގަތުގައި އޮޒްކިރާޒްއަކީ ހައި ސްކޫލް ނިންމާފައި ހުރި މީހެކެވެ. މެޑިކަލް ސްޓޫޑެންޓެއް ނުވަތަ އިންޓާން އެއްވެސް ނޫނެވެ.

ހޮސްޕިޓަލުގައި އޮޒްކިރާޒް މަސައްކަތް ކުރަން ފެށުމާއެކު އެތާނގައި މަސައްކަތްކުރާ މެޑިކަލް ސްޓާފުންނަށް އޭނާ އުޅޭ ގޮތުން އޭނާގެ ގާބިލްކަމާ މެދު ޝައްކުވާން ފެށި އެވެ. އަދި ވަރަށް އާދައިގެ މެޑިކަލް ސުވާލުތައްކޮށް އޭނާއަށް މެޑިކަލް ރޮނގުން އެނގެނީ ކިހާވަރަކަށް ކަން ބަލަން ފެށި އެވެ.

މެޑިކަލް ސްޓާފުން ކުރާ ސުވާލުތަކަށް އޮޒްކިރާޒް އަބަދުވެސް ދެނީ ގޯސް ޖަވާބެވެ. އެހެންވެ އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭކަން އެންމެންނަށް ވެސް ޔަގީންވި އެވެ. އެހެންވެ އޮޒްކިރާޒް އާ މެދު ޝައްކުތައް އުފެދިގެން ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކުން ކަމާ ބެހޭ އިދާރާތަކަށް މިކަން ރިޕޯޓްކުރި އެވެ. އަދި އެފަރާތުން އޮޒްކިރާޒް ދިރިއުޅޭ ގެ ބަލާ ފާސް ކުރި އެވެ.

ފުލުހުންނަށް އެގެއިން ފޭކް ޔުނިވަސިޓީ އައިޑީ ކާޑުތަކާއި ޑިޕްލޮމާ ފަދަ އެއްޗެތި އޮޒްކިރާޒްގެ ގެއިން ފެނުނެވެ. އަދި އެހެން އެތައް ހޮސްޕިޓަލެއްގެ އައިޑީ ކާޑުތައް ވެސް ހަމަ އެގެއިން ފެނުނެވެ. އަދި އެކި އެކި ހޮސްޕިޓަލުތަކުގެ މެޑިކަލް/ސާޖިކަލް ޔުނިފޯމްތަކާއި އެމީހުން ލާ އެކި އެކި އަންނައުނު ވެސް އެގެއިން ފެނުނެވެ.

އޮޒްކިރާޒް ދޮގުހަދާ އޮޅުވާލައިގެން އުޅުނީ ހަމައެކަނި ހޮސްޕިޓަލަކަށް ނޫނެވެ. އޭނާގެ މައިންބަފައިންނަށް ވެސް އޮޒްކިރާޒް އުޅުނީ އޮޅުވާލައިގެންނެވެ. އެމީހުން ކައިރީގައި ވެސް އޭނާ ބުނެފައިވަނީ އޭނާއަކީ ޑޮކްޓަރެއް ކަމަށެވެ.

ފަޅާއެރުމުން އޮޒްކިރާޒް ވަނީ އޭނާގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. އޭނާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ ހައި ސްކޫލްގައި ކިޔެވިއިރު އާއިލާއިން ބޭނުންވީ އޭނާ މެޑިކަލް ސްކޫލަށް ގޮސް ޑޮކްޓަރީކަން ކިޔަވާށެވެ.

"އާއިލާގެ މީހުން ގަބޫލުކޮށްގެން ތިބީ އަހަންނަކީ ވަރަށް ވިސްނުންތޫނު ދަރިވަރެއް ކަމަށާއި މެޑިކަލް ސްކޫލަށް ވަދެވޭ ވަރުގެ މޮޅު މާކްސް އަހަންނަށް ލިބޭނެކަމަށް. ނަމަވެސް ޔުނިވަސިޓީ އިމްތިހާނުން އަހަރެންނަށް ވީ ނާކާމިޔާބު. އެހެންވެ އާއިލާގެ މީހުން ރުއްސަންވެގެން އަހަރެން މަންމަ އާއި ދޮންބައްޕަ އަދި ކޮއްކޮމެން ކައިރީ އަހަރެން ބުނިން ކާޕާ މެޑިކަލް ފެސިލިޓީން އަހަންނަށް ޖާގަ ލިބިއްޖޭ. އެހެން ކިޔާފަ ފޭކް ޑޮކިއުމަންޓްސް ތައްޔާރުކޮށް އާއިލާގެ މީހުންނަށް ވެސް އެ ޑޮކިއުމެންޓްސް ދެއްކީ،" އޮޒްކިރާޒްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އޮޒްކިރާޒް ފޭކް ޑޮކިއުމަންޓްތަކެއް ހަދައިގެން އުޅޭކަމަށް އަމިއްލައަށް އިއުތިރާފު ވެފައި ވިޔަސް އޭނާގެ މަންމަ ސެމްރާ އަރްސަލާން އަދިވެސް ގަބޫލުކުރަނީ އޭނާގެ ދަރިފުޅަކީ ކުށެއް ނުކުރާ މައުސޫމް މީހެއް ކަމަށެވެ.

ތުރުކީ ނޫހެއް ކަމަށްވާ ޖުމްހޫރިއްޔަތަށް ދިން އިންޓަވިއު އެއްގައި އޮޒްކިރާޒްގެ މަންމަ ބުނީ އޮޕަރޭޝަން ތިއޭޓަރުގައި ހުރެގެން ވެސް ވަރަށް ގިނައިން އޮޒްކިރާޒް އެމީހުންނާ ވީޑީއޯ ކޯލު ކޮށްގެން ވާހަކަ ދައްކަ އެވެ. އަދި ޑޮކްޓަރުންގެ އެންމެ އިސްކޮށް ހުންނަ މީހާގެ ކައިރީގައި ހުރެގެން ވެސް އެމީހުންނާ ވާޙަކަ ދައްކަ އެވެ. މިހުރިހާ ކަމަކީ ވެސް ހުސް ދޮގު ކަމަށް ގަބޫލުކުރަން އޮޒްކިރާޒްގެ މަންމަ ބޭނުމެއް ނޫނެވެ. މިއީ ކޮންމެވެސް މީހަކު ގަސްތުގައި އޮޒްކިރާޒް އަށް ލަނޑެއް ދޭންވެގެން ފަތުރައިގެން އުޅޭ ދޮގު ވާހަކައެއް ކަމަށް އޭނާގެ މަންމަ ސެމްރާ ގަބޫލު ކުރެ އެވެ.

"އަހަރެންގެ ދަރިފުޅު ދުވަހަކުވެސް އެ ކަހަލަ ގޯސްކަމެއް ނުކުރާނެ،" އޮޒްކިރާޒްގެ މަންމަ ބުންޏެވެ.

އޮޒްކިރާޒްގެ މައްސަލަ މިހާރު ތުރުކީގެ ކޯޓެއްގައި ކުރިޔަށް އެބަދެއެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މެޑިސިން އަދި މެޑިކަލް ސައިންސަސް ޕްރެކްޓިސް ކުރުމުގެ ހުއްދަ ނެތި އެކަން ކޮށްފައިވާތީ އެކަމާ ގުޅޭ ގާނޫނުގެ ދަށުންނެވެ.