ލައިފްސްޓައިލް

ގަރުބަގަންތާ 30 އަހަރު ފަހުން އުފަންވި ދެ ކުދިން ރެކޯޑް ފޮތަށް

އެމެރިކާގެ އޮރެގަންގެ ދެމަފިރިއަކަށް ދާދިފަހުން ލިބުނު އެއްމާބަނޑު ދެބެންނަކީ ދުނިޔޭގައި މިހާތަނަށް އުފަންވި އެންމެ ދޮށީ ދެ ކުދިން ކަމަށް ސީއެންއެން އިން ބުނެފި އެވެ.

މި ދެބެންނަކީ އެންމެ ދޮށީ ދެބެންނަށްވީ މި ދެބެންނަކީ 1992 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ރައްކާކޮށްފައިވާ "ފްރޯޒަން އެމްބްރިޔޯ" (ގަނޑުކޮށްފައިވާ ދަރިފަނި) އިން އުފަންވީ ކުދިންނަށް ވާތީ އެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ 2020ގައި އުފަންވީ މޮލީ ގިބްސަން ކިޔާ ކުއްޖަކަށެވެ. އޭނާއަކީ އޭގެ 27 އަހަރު ކުރިން ނަގައި ގަނޑުކޮށް ރައްކާކުރި ދަރިފަންޏަކުން އުފަންވެފައިވާ ކުއްޖެކެވެ.

"ދުނިޔޭގެ އެންމެ ދޮށީ ކުދިން"ގެ ރެކޯޑް މިހާރު އޮތް އޮރެގަން ޓްވިންސް އުފަންވެފައިވަނީ ފާއިތުވީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ. މި ދެބެންގެ މައިންބަފައިންނަކީ ރޭޝަލް އާއި ފިލިޕް ރިޖްވޭ އެވެ.

އެމެރިކާގެ ނެޝަނަލް އެމްބްރިޔޯ ޑޮނޭޝަން ސެންޓަރުން ބުނި ގޮތުގައި ލީޑިއާ އާއި ޓިމޮތީ ރިޖްވޭގެ ނަން ދީފައިވާ މި އެއްމާބަނޑު ދެބެންނަކީ އެންމެ ގިނަ ދުވަހު ގަނޑުކޮށްފައި ބަހައްޓާފައިހުރި ދަރިފަނިން އުފަންވި ދިރިހުރި ދެބެންނެވެ.

މީގެ ތެރެއިން ތުއްތު ފިރިހެން ކުއްޖާ ޓިމޮތީ އުފަންވީއިރު ހަ ޕައުންޑް ހަތް އައުންސް ހުއްޓެވެ. އަންހެން ކުއްޖާ ލީޑިއާގެ ހުރީ ފަސް ޕައުންޑް 11 އައުންސެވެ. އެއީ ގާތްގަނޑަކަށް 2.92 ކިލޯގްރާމާއި 2.5 ކިލޯގްރާމެވެ.

މި ކުދިންނަކީ ބަޔަކު ހަދިޔާކުރި އެމްބްރިޔޯތަކަކުން އުފަންވެފައިވާ ކުދިންނެވެ. އެކުދިންގެ ހަގީގީ މައިންބަފައިން އައިވީއެފް ހަދަން ބެހެއްޓި އެމްބްރިޔޯޒްގެ ތެރެއިން އެމީހުން ބޭނުންވާ ވަރަށް ކުދިން ލިބުމުން އިތުރަށް ހުރި ބައި ބޭނުން މީހަކަށް ހަދިޔާއަކަށް ދޭން ބަހައްޓާފައި ހުރީ އެވެ.

30 އަހަރު ކުރީގެ ފްރޯޒަން އެމްބްރިޔޯޒް އިން ދަރިން ހޯދަން ރޭޝަލް އާއި ފިރިމީހާ ފިލިޕް ބޭނުންވީ ކޮންމެހެން އެމީހުންނަށް ދަރިން ނުލިބޭތީ އެއް ނޫނެވެ. އެއްމާބަނޑު ދެބެން ލިބުނުއިރުވެސް އެ ދެމަފިރިންގެ ހަތަރު ދަރިން ތިއްބެވެ. އެއީ 8 އަހަރާއި 6 އަހަރު އަދި 3 އަހަރާއި 2 އަހަރުގެ ކުދިންނެވެ.

ސީއެންއެން އާ ވާހަކަ ދައްކަމުން ފިލިޕް ބުނީ އެމީހުން ހޯދީ އެންމެ ގިނަ ދުވަސްވަންދެން ގަނޑުކޮށްފައި ހުރި ދަރިފަންޏެއް ނޫނެވެ. މައިންބަފައިން ލިބުމުގެ އިންތިޒާރުގައި އެންމެ ގިނަ ދުވަހު ތިބި ދަރިފަނިތަކެވެ.

"މީގެ އެންމެ މަޖާ ކަމަކީ އަހަރެމެންގެ އެންމެ ދޮށީ ދަރިންނަށް ވުރެ ވެސް އަހަރެމެންނަށް އެންމެ ފަހުން މި ލިބުނު އެއްމާބަނޑު ދެބެން ހަގީގަތަކަށް ބުނަންޏާ މާ ދޮށީ. ސަބަބަކީ އެކުދިންނަކީ މީގެ 30 އަހަރު ކުރިން ގަރުބަގަނެފައިވާ ކުދިންނަށް ވާތީ،" ފިލިޕް ބުންޏެވެ.

ފިލިޕް، 35، ބުނި ގޮތުގައި ލީޑިއާ އާއި ޓިމޮތީ ވުޖޫދުވީއިރު އޭނާއަށް ވާނީ އެންމެ ފަސް އަހަރެވެ. މިއީ ވެސް އަޖައިބު ކަމެއްކަމަށް އޭނާ ގަބޫލު ކުރެ އެވެ.