ފިނިޕޭޖް

"އެވެޓާ 2" ޗައިނާގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ

ޖޭމްސް ކެމެރަން 2009 ގައި ނެރުނު "އެވެޓާ"ގެ ދެވަނަ ފިލްމް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު ޗައިނާގައި ވެސް އަންނަ މަހު 16 ވަނަ ދުވަހު މި ފިލްމް ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕެންޑެމިކް ފެށިފަހުން ހޮލީވުޑްގެ މަދު ފިލްމެއް މެނުވީ ޗައިނާގައި ރިލީޒްކޮށްފައެއް ނުވެ އެވެ.

"އެވެޓާ"ގެ ފުރަތަމަ ފިލްމަކީވެސް ޗައިނާގެ އޯޑިއަންސަށް ކަމުގޮސް، ވަރަށް ހިނގި ފިލްމެކެވެ. މިގޮތުން މި ފިލްމް ޗައިނާގައި އެތައް ފަހަރަކު އަޅުވައި، މިހާތަނަށް 261.8 މިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ހޯދާފައިވެ އެވެ.

ޗައިނާގައި މި ފިލްމް ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާކަމުގެ ހަބަރު އާންމުކޮށްފައިވަނީ ވޯލްޓް ޑިޒްނީ ކޯގެ ސީއީއޯގެ މަގާމަށް އަނބުރާ ބޮބް އައިގާ އައިތާ ދެ ދުވަސް ފަހުންނެވެ. ހަބަރުތައް ބުނާ ގޮތުގައި ބޮބް އައިގާ އަކީ އެވެޓާގެ ސިކިއުއެލްގެ ސަޕޯޓަރެކެވެ.

"އެވެޓާ: ދަ ވޭ އޮފް ވޯޓާ"ގެ މައިގަނޑު ރޯލްތައް އަދާކޮށްފައިވަނީ ސޭމް ވޯތިންޓަން އާއި ޒޯއީ ޒަލްޑާނާ އާއި ސިގޯނީ ވީވަ އަދި ސްޓީވަން ލޭން ފަދަ ތަރިންނެވެ.

ކޮމްޕިއުޓާ ޖެނެރޭޓަޑް އިމޭޖަރީ ނުވަތަ ސީޖީއައި އާއި ސްޕެޝަލް އިފެކްޓްސް ގާތްގަނޑަކަށް މުޅި ފިލްމްގައި ބޭނުންކޮށްފައިވާ "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ.

މި ފިލްމްގެ ސިކުއެލްގެ ބަޖެޓަކީ މިހާތަނަށް ހޮލީވުޑްގައި އެންމެ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމެވެ. މިފިލްމްގެ ބަޖެޓަކީ 350 މިލިއަނާއި 400 މިލިއަން ޑޮލަރުގެ ރޭންޖެއް ކަމުގައި ބުނެވެ އެވެ.