ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ނުވަ މިލިއަން ރުފިޔާ ހަރަދުކޮށްގެން 12 ކްލާސްރޫމް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަތަރު ބުރީގެ 12 ކްލާސް ރޫމް އަޅަން ހަވާލުކުރީ މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ މިއީ ސަރުކާރާއި ވޯލްޑް ބޭންކު ގުޅިގެން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި މި މަސައްކަތް އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިމޭނެ ކަމަށެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން އިތުރު 11 ސްކޫލެއްގައި ކްލާސް ރޫމް އެޅުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒަކީ 800 އަށްވުރެ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެކެވެ. މިހާރު އެސްކޫލުގައި ކިޔަވައިދެމުންދަނީ ދެ ދަންފަޅިއަކަށެވެ.