ކުޅިވަރު

ކިމިޗް: ގެއްލުނު ޝަރަފް ހޯދަން ބޮޑު ޒިންމާއެއް

ނަން: ޖޯޝުއާ ކިމިޗް އުފަންތާރީހް: 08 ފެބްރުއަރީ 1995 (27 އަހަރު) ގައުމު: ޖާމަނީ ކްލަބް: ބަޔާން މިއުނިކް މަގާމް: ޑިފެންޑަރ/މިޑްފީލްޑަރ

ޑިފެންސާއި މެދުތެރޭގެ އެކި މަގާމުތަކަށް ކުޅޭ ކިމިޗް އަކީ ޖަރުމަނު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ޖަރުމަނުގެ ފިލިޕް ލާމް ގައުމީ ޓީމުން ރިޓަޔާ ކުރުމުން އެ މަގާމް ހަމަ އެގޮތަށް ފުރާނެ ކުޅުންތެރިއެއް ކަމަށް ބެލެވުނީ ކިމިޗް އެވެ. ބޮޑު ޒިންމާއާ އެކު ކިމިޗް އަކީ މިދިޔަ އަހަރުތަކުގައި ޖަރުމަނު ޓީމުގައި އެއްފެންވަރެއްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ އެވެ.

އާރުބީ ލައިޕްޒިގްގެ ޔޫތު އެކަޑެމީ އިން ފުޓްބޯޅަ އަށް ނުކުމެ އެ ކްލަބުގެ ސީނިއާ ޓީމުގައި ކިމިޗް ކުޅެން ފެށީ 2013 ވަނަ އަހަރު އެވެ. އޭގެ ދެއަހަރު ފަހުން ކިމިޗް ވަނީ ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ. ބަޔާންގައި ކިމިޗް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ހަތް ފަހަރު ޖަރުމަނު ލީގު ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގު 2020 ވަނަ އަހަރު ކާމިޔާބު ކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ކިމިޗް އެވެ. ކިމިޗް ހޯދާފައިވާ އެހެނިހެން ކާމިޔާބީތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ޔޫރޯ ޑްރީމް ޓީމުގައި ހިމެނުމާއި ޖަރުމަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2017 އަދި 2021 ވަނަ އަހަރު ހޯދުން ފާހަގަކުރެވެ އެވެ.

ޖަރުމަނުން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދިއިރު ކޮލިފައިންގެ 10 މެޗުގެ ތެރެއިން އަށް މެޗުގައި ކިމިޗް ވަނީ ކުޅެފަ އެވެ. އަށް މެޗުގެ ތެރެއިން ހަ މެޗުގައި ކިމިޗް ވަނީ ފުލްކޮށް ކުޅެފަ އެވެ. ކުޅުނު މަގާމުގެ ގޮތުން ކޮލިފައިންގައި ގޯލެއް ނުޖެހުނު ނަމަވެސް އެއް ގޯލު ޖަހަން ކިމިޗް އެހީތެރިވެދިނެވެ. ދެ މެޗު ކިމިޗް އަށް ގެއްލުނީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުގައި ހުންނަން ޖެހުމުންނެވެ. އެއީ ލިޗެންސްޓައިން އާއި އަރްމީނިއާ އާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ކިމިޗް އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ އެކި އުމުރުފުރާތައް ތަމްސީލުކުރަމުންނެވެ. ކިމިޗް އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2016 ވަނަ އަހަރު އެވެ. އޭރު ކިމިޗްގެ އުމުރުން 21 އަހަރެވެ. އޭގެފަހުން ކިމިޗް އަކީ ގައުމީ ކޯޗު ފުރަތަމަ އެގާރައިގައި އަބަދުވެސް ބޭނުންކުރާ ކުޅުންތެރިއެކެވެ. ކިމިޗް ވަނީ ޖަރުމަނު ޓީމަށް މިހާތަނަށް ކުޅުނު 70 މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ. އަދި 19 ގޯލު ޖަހަން އެހީތެރިވެފައިވެ އެވެ.

ޒުވާން ގައުމީ ޓީމާ އެކު ކިމިޗް ވަނީ ޔޫއެފާ ޔޫރަޕިއަން އަންޑަ 19 ޗެމްޕިއަންޝިޕް 2014 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި، ޖަރުމަނު ސީނިއާ ޓީމާ އެކު 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކިމިޗް ކާމިޔާބުކުރި އެވެ.

މި ސީޒަނުގައި ކިމިޗް އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި ބަޔާނަށް ކުޅުނު ފުރަތަމަ 17 މެޗުގައި ކިމިޗް ތިން ގޯލު ޖަހައި ހަތަރު ގޯލު ޖަހަން މަގުފަހިކޮށްދިނެވެ. ވޯލްޑް ކަޕަށް ޖަރުމަނު ޓީމާ އެކު ނުކުންނައިރު ކިމިޗް ފޯމުގައި ހުރުމަކީ އެޓީމަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.