ކުޅިވަރު

ޓީމް ޕްރޮފައިލް: ޖަރުމަނު

  • ޔޫރަޕްގައި އެންމެ ކާމިޔާބު ގައުމު
  • ބައިނަލްއަގްވާމީ ނުވަ މުބާރާތް ޖަރުމަނުން ވަނީ ކާމިޔާބުކޮށްފަ
  • ގްރޫޕުގައި ދެން ހިމެނެނީ ސްޕެއިން، ކޮސްޓަ ރީކާ، ޖަޕާން

ޓީމުގެ ތާރީހް

ޖަރުމަނަކީ ވޯލްޑް ކަޕްގައި ބްރެޒިލްގެ ފަހަތުން އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވޯލްޑް ކަޕްގައި ވާދަނުކުރަނީ 1930 އަދި 1950 ވަނަ އަހަރު އެވެ. 20 މުބާރާތުގެ ތެރެއިން ގްރޫޕް ސްޓޭޖުން ކެޓީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެކުރިން 1938 ވަނަ އަހަރުގެ މުބާރާތުގައި ފުރަތަމަ ބުރުން ކެޓި އެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެޓީމުން އެންމެ ފަހުން ހޯދީ 2014 ވަނަ އަހަރު އާޖެންޓީނާ ބަލިކޮށްގެންނެވެ. ހަތަރު ތަށި ހޯދުމުގެ އިތުރުން ފައިނަލުގައި ހަތަރު ފަހަރު ޖަރުމަނު ވަނީ ބަލިވެފަ އެވެ. އެއީ 1966، 1982، 1986 އަދި 2002 ވަނަ އަހަރު އެވެ.

2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް އެފް އިން ޖަރުމަނު ދިޔައީ ފުލަށެވެ. އެޓީމަށް މޮޅެއް ލިބުނީ ހަމައެކަނި ސްވިޑެން އަތުންނެވެ. މެކްސިކޯ އާއި ސައުތު ކޮރެއާ އަތުން ބަލިވީ އެވެ.

ޖަރުމަނު މިހާތަނަށް ވާދަކުރި ބައިނަލްއަގްވާމީ ފަސް މުބާރާތުގެ ތެރެއިން ކާމިޔާބު ނުކުރެވެނީ ޔޫއެފާ ނޭޝަންސް ލީގު އެކަންޏެވެ. ހަތަރު ވޯލްޑް ކަޕްގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަންކަން އެގައުމު ވަނީ ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 1972، 1980 އަދި 1996 ވަނަ އަހަރު އެވެ. ޔޫރޯ ފައިނަލުގައި ތިން ފަހަރު ވާދަކޮށް ވަނީ ބަލިވެފަ އެވެ. މީގެ އިތުރުން ޖަރުމަނުން ވަނީ 1976 ވަނަ އަހަރު ސަމާ އޮލިމްޕިކްސް ގޭމްސްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިން ކުޅުނު ފީފާ ކޮންފެޑެރޭޝަންސް ކަޕް 2017 ވަނަ އަހަރު ޖަރުމަނު ކާމިޔާބުކުރި އެވެ.

ކޮލިފައިވީ ކިހިނެއް؟

ވޯލްޑް ކަޕަށް ޖަރުމަނު ކޮލިފައިވީ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ޖަރުމަނު ހަމައެކަނި ބަލިވީ އަމިއްލަ ދަނޑުގައި ނޯތު މެސެޑޯނިއާ މެޗުންނެވެ. ފަހުވަގުތު ނޯތު މެސެޑޯނިއާ އިން އެމެޗު ކާމިޔާބުކުރީ 2-1 އިންނެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗު ޖަރުމަނުން ކާމިޔާބުކުރި އެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

މުހިއްމު ފޯވާޑް ޓިމޯ ވާނާ އާއި މިޑްފީލްޑަރު މާކޯ ރިއުސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ޓީމުގައި ހިމަނާފައެއްނުވެ އެވެ. އަދި، މިދިޔަ އަހަރުތަކުގައި ޖަރުމަނު ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ޓޯނީ ކްރޫސް ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އާއިލާއާ އެކު އިތުރު ވަގުތު ހޭދަކުރަން ބޭނުންވުމާއި އެހެން ކުޅުންތެރިންނަށް ފުރުސަތުދޭން ބޭނުންވާތީ ކަމަށް ބުނެފައިވެ އެވެ. ތަޖުރިބާ އާއި ހުނަރަށް ބަލާއިރު ޖަރުމަނު ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ.

ކައި ހަވާޓްޒް

ވާނާގެ އަނިޔާއާ ގުޅިގެން ޖަރުމަނުގެ ޓީމުގެ ކުރި ބެލެހެއްޓުމުގައި މިފަހަރު އެންމެ ބޮޑު ދައުރެއް އަދާކުރާނީ ޗެލްސީގެ 23 އަހަރުގެ ފޯވާޑް ކައި ހަވާޓްޒް އެވެ. 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަވާޓްޒް ވަނީ ޖަރުމަނު ޓީމަށް ކުޅުނު 30 މެޗުގައި 10 ލަނޑު ޖަހައިފަ އެވެ. ކޮލިފައިންގެ 10 މެޗުގެ ތެރެއިން އަށް މެޗުގައި ހަވާޓްޒް ވަނީ ކުޅެފަ އެވެ. ކޮލިފައިންގައި ތިން ގޯލު ޖަހައި ދެ ގޯލު ޖަހަން ހަވާޓްޒް އެހީތެރިވެދިނެވެ. މިދިޔަ ޔޫރޯގައި ހަވާޓްޒް ދެ ގޯލު ޖެހި އެވެ.

އެންޓޯނިއޯ ރުޑިގާ

ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރުޑިގާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ރޯމާ އިން 2017 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެ ރުޑިގާ އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ރުޑިގާ ވަނީ ޗެލްސީއާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ރުޑިގާ އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 2014 ވަނަ އަހަރު އެވެ. އޭނާ ވަނީ އެގައުމަށް 52 މެޗު ކުޅެ ދެ ގޯލު ޖަހައިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ 10 މެޗުގެ ތެރެއިން ހަތް މެޗުގައި ކުޅެ އައިސްލެންޑް މެޗުގައި ރުޑިގާ ލަނޑު ޖެހި އެވެ.

ކޯޗު: ހަންސީ ފްލިކް

ފްލިކް ޖަރުމަނުގެ ޓީމާ ހަވާލުވީ ބަޔާން މިއުނިކްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ. ދެއަހަރުތެރޭ އެ ކްލަބާ އެކު ހުރިހާ ކާމިޔާބީއެއް ފްލިކް ހޯދި އެވެ. އަދި، 20-2019 ވަނަ ސީޒަނުގައި ޔޫއެފާގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި އެވެ. ފްލިކްގެ ކޯޗުކަމުގައި ޖަރުމަނު ކުޅުނު 15 މެޗުގެ ތެރެއިން ނުވަ މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. ފަސް މެޗުން ބަލިވިއިރު ބަލިވީ އެއް މެޗުންނެވެ.