ކުޅިވަރު

ޓީމް ޕްރޮފައިލް: ކޮސްޓަ ރީކާ

  • 2014 ވަނަ އަހަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ކުޅުނު
  • މިއީ ކޮސްޓަ ރީކާ އިން ވޯލްޑް ކަޕުގައި ކުޅޭ 6 ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ، ސްޕެއިން، ޖަރުމަނު، ޖަޕާން

ޓީމުގެ ތާރީޙް

މިދިޔަ 20 އަހަރުގެ ތެރޭގައި ފީފާ ވޯލްޑް ކަޕްގެ 2010 ވަނަ އަހަރުގެ މުބާރާތް ފިޔަވައި ދެން ކުޅެވުނު ހުރިހާ މުބާރާތެއްގައި ކޮސްޓަ ރީކާ ވަނީ ކުޅެފަ އެވެ.

ވޯލްޑް ކަޕެއްގައި އެ ޓީމުން ހާސިލްކޮށްފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ 2014 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އެ ފަހަރުގެ މުބާރާތުގައި އުރުގުއޭ އާއި އިޓަލީ އަދި އިންގްލެންޑާ އެކު "މަރުގެ ގްރޫޕް" ގައި ހިމެނި ގިނަ ބަޔަކަށް ސިހުން ގެނައުމަށްފަހު ނޮކްއައުޓް ބުރަށް ދަތުރުކުރި އެވެ. ދެވަނަ ބުރުގައި ޕެނަލްޓީ ޝޫޓްއައުޓްގައި ގްރީސް އަތުން މޮޅުވެ، ކުއާޓާ ގައި ނެދަލެންޑްސް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އެކަމަކު، އެންމެ ފަހުގެ ވޯލްޑް ކަޕުގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެ ފަހަރުގެ މުބާރާތުގައި އެ ޓީމު ހިމެނުނީ، ބްރެޒިލާއި ސާބިއާ އަދި ސްވިޒަލެންޑާ އެއް ގްރޫޕެއްގަ އެވެ.

ސެންޓްރަލް އެމެރިކާގެ ފުޓްބޯޅައިގައި ވެސް ކޮސްޓަ ރީކާ އަކީ އެންމެ ކާމިޔާބު އެއް ގައުމެވެ. ސެންޓްރަލް އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ގޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާއިރު، ކޮޕާ ސެންޓްރޯއެމެރިކާނާގެ ތަށި އަށް ފަހަރު އުފުލާލައިފައިވެ އެވެ.

ކޮލިފައިވީ ކިހިނެއް؟

އުތުރު އެމެރިކާގެ ކޮލިފައިން ފައިނަލް ބުރުގައި ގްރޫޕް އެކެއްގައި ކޮސްޓަ ރީކާ ނިންމާލީ ހަތަރު ވަނައިގަ އެވެ. ކޮލިފައިންގައި ކުޅުނު 14 މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކުރި އެވެ. ހަތަރު މެޗު އެއްވަރުވިއިރު ތިން މެޗުން ވަނީ ބަލިވެފަ އެވެ.

އޭގެފަހުން އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގައި އޯޝޭނިއާގެ ޗެމްޕިއަން ނިއު ޒީލެންޑް ބަލިކުރި އެވެ. ޕްލޭއޮފްގައި ނިއު ޒީލެންޑް އަތުން ކޮސްޓަ ރީކާ މޮޅުވީ 1-0 އިންނެވެ.

ކޭލޯ ނަވާސް

ކޮސްޓަ ރީކާގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ކަމަށްވާ ކޭލޯ ނަވާސް އަކީ އެ ޓީމުގެ މައިތަނބެވެ. ނަވާސް އަކީ ސެންޓްރަލް އެމެރިކާ ސަރަހައްދުން ވެސް ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ނަވާސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ކޮސްޓަ ރީކާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ބްރެޒިލް ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރު އުފުލާލި އެވެ. ނަވާސް މިހާރު ކުޅެމުން އަންނަނީ ޕީއެސްޖީއަށެވެ.

ބްރައިއަން ރުއިޒް

ކޮސްޓާ ރިކާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ބްރައިއަން ރުއިޒް އެވެ. އޭނާގެ ކްލަބު ކެރިއަރުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއަށް ކުޅުނެވެ. އަދި ސްޕޯޓިން ލިސްބަން އާއި ޕީއެސްވީ އަށް ވެސް ކުޅެފައިވެ އެވެ.

މިހާރު އުމުރުން 37 އަހަރުގެ ރުއިޒް ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 143 މެޗުގައި 29 ލަނޑު ޖަހައިދީފައިވާއިރު، އެ ޓީމުގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅެދިނުމުގެ ޝަރަފު އޮތީ ވެސް އޭނާ އަތުގަ އެވެ.

ކޮސްޓަ ރީކާގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އެ ޓީމު ދަތުރުކުރިއިރު، ރުއިޒް ވަނީ މުހިންމު ލަނޑުތަކެއް ޖަހައިދީފަ އެވެ.

ކޯޗު: ލުއިސް ފެނާންޑޯ ސުއަރޭޒް

ސުއަރޭޒް ވަނީ ވޯލްޑް ކަޕްގައި އިކުއެޑޯ އާއި ހޮންޑިއުރާސްގެ ކޯޗުކަން ކޮށްފަ އެވެ. 2006 ވަނަ އަހަރު އިކުއެޑޯ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ގެންގޮސްދިނެވެ. ކޮސްޓަ ރީކާގެ ކޯޗުކަމުގައި ކުޅުނު 24 މެޗުގެ ތެރެއިން 3 މެޗުން އެޓީމު މޮޅުވި އެވެ. ބަލިވީ ފަސް މެޗުންނެވެ.