އެޗްޑީސީ

އެޗްޑީސީއިން ހިލޭ ކަސްރަތު ޕްރޮގްރާމުތަކެއް

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރޮގްރާމުތަކެއް ހިންގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

މި ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރިދަމް ފިޓްނަސްއާ ގުޅިގެންނެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އޯނަރު އަޒީރާ ސޯދިގެވެ.

މިފަދަ ޕްރޮގްރާމްތަކެއް ހިންގުމުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުން ކަމުގައި އެޗްޑިސީއިން ބުނެ އެވެ.

މި ޕްރޮގްރާމުތަކުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސް އިން ނަގައިދިނުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމްތަކާއި ބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ލިބެން ހުންނާނެ އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށްޓަކައި އެޗްޑީސީގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެޗްޑީސީން ވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް މީގެކުރިންވެސް ހިންގާފަ އެވެ.