ކުޅިވަރު

މޮރޮކޯއާ އެއްވަރުވެ ކްރޮއޭޝިއާގެ ފެށުން ގޯސްވެއްޖެ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިއަދު ހަވީރު މޮރޮކޯއާ 0-0 އިން އެއްވަރުވެ ކްރޮއޭޝިއާގެ ފެށުން ގޯސްވެއްޖެ އެވެ.

ކްރޮއޭޝިއާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ރަނަރަޕް ޓީމެވެ. އެފަހަރު ފައިނަލުގައި ފްރާންސާ ވާދަކޮށް ކްރޮއޭޝިއާ ބަލިވީ 4-2 އިންނެވެ. އޭގެ ހަތަރު އަހަރު ފަހުން ވޯލްޑް ކަޕަށް ނުކުމެ މިއަދު މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮއޭޝިއާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

މެޗު ފަށައިގެން މޮރޮކޯ އިން ވަނީ މޮޅަށް ކުޅެ ކްރޮއޭޝިއާ އަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު މި ހާފުގައި މޮރޮކޯ އަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗް އަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ގޯލު ޖަހާނެ ހުސް ފުރުސަތެއް އެއްވެސް ޓީމަކަށް ތަނަވަހެއް ނުކުރެވުނެވެ. މެޗުގެ ފަހުކޮޅު ކްރޮއޭޝިއާ އިން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު މޮރޮކޯ އިން ބޮޑަށް ދިޔައީ ޑިފެންސް ކުރަމުންނެވެ.

މިއަދުގެ މެޗާ އެކު މިފަހަރުގެ ވޯލްޑް ކަޕްގައި ގޯލެއް ނުޖެހި ނިމުނު މެޗުގެ އަދަދު ތިނަކަށް އެރީ އެވެ. މުބާރާތުގައި އިއްޔެ ޑެންމާކާއި ޓިއުނީޝިއާ ވާދަކުރި މެޗާއި ޕޮލެންޑާއި މެކްސިކޯ ވާދަކުރި މެޗު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕްގައި މިއަދު އަދި ތިން މެޗު ކުޅޭނެ އެވެ. ހައެއް ޖަހާއިރު ވާދަކުރާ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ޖަޕާން އެވެ. ރޭގަނޑު ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ސްޕެއިން ނުކުންނާނީ ކޮސްޓަ ރީކާއާ ދެކޮޅަށެވެ. މި ދެމެޗަކީ ވެސް ގްރޫޕް އީގެ ދެމެޗެވެ. މިރޭ ކުޅޭ ފަހު މެޗުގައި ބެލްޖިއަމް ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.