- ފުރަތަމަ ވޯލްޑް ކަޕްގައި 1986 ވަނަ އަހަރު ގޯލެއް ނުޖެހި ތިން މެޗުން ބަލިވި
- 2026 ވަނަ އަހަރު ވޯލްޑް ކަޕް ހޯސްޓް ކުރާ އެއް ގައުމަކީ ކެނެޑާ
- ގްރޫޕުގައި ދެން ހިމެނެނީ، ބެލްޖިއަމް، މޮރޮކޯ އަދި ކްރޮއޭޝިއާ
ޓީމުގެ ތާރީހް
މިފަހަރުގެ ވޯލްޑް ކަޕަށް ކެނެޑާ ކުރިމަތިލަނީ 36 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ޓީމުން ވޯލްޑް ކަޕްގައި އަލަށް ވާދަކުރި 1986 ވަނަ އަހަރުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ވޯލްޑް ކަޕްގައި އެގައުމުގެ ދެވަނަ ތަޖުރިބާ އެވެ.
އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތުގައި ވެސް ކެނެޑާ އަށް އެންމެ ފަހުން ކާމިޔާބީއެއް ލިބިފައިވަނީ މީގެ 22 އަހަރު ކުރިންނެވެ. އެއީ، 2000 ވަނަ އަހަރުގަ އެވެ. ކެނެޑާ އިން ވަނީ އެ ފަހަރުގެ ގޯލްޑް ކަޕް ތަށި އުފުލާލައިފަ އެވެ. އޭގެކުރިން، 1985 ވަނަ އަހަރު އެ ޓީމުން ވަނީ ކޮންކާކަފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.
ކެނެޑާ އިން ވަނީ އެންމެ ފަހުން ކުޅެވުނު ތިން ގޯލްޑް ކަޕްގައި ވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެގޮތުން، 2017 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާގައި 2-1 އިން ޖެމެއިކާ އަތުން ބަލިވިއިރު، އޭގެ ދެ އަހަރު ފަހުން ކުޅެވުނު މުބާރާތުގެ ކުއާޓާގައި ހެއިޓީ އަތުން ބަލިވީ 3-2 އިންނެވެ. އަދި އޭގެފަހުން، 2021 ވަނަ އަހަރުގެ ގޯލްޑް ކަޕްގައި ސެމީ ފައިނަލްގައި މެކްސިކޯ އަތުން ބަލިވީ 2-1 އިންނެވެ.
ކޮލިފައިވީ ކިހިނެއް؟
ވޯލްޑް ކަޕްގެ ޖާގައެއް ހޯދީ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ބުރާއި ފައިނަލް ބުރުގައި ވެސް އެއްވަނަ ހޯދައިގެންނެވެ. ފައިނަލް ބުރުގައި ކެނެޑާ އިން ވަނީ މެކްސިކޯ، އެމެރިކާ އަދި ކޮސްޓަ ރީކާ ފަހަތަށް ޖައްސާލާފަ އެވެ. ފައިނަލް ބުރުގައި 23 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ހަތް ގޯލެވެ.
ފުރަތަމަ ބުރު
ކުޅުނު 4 މޮޅުވި 4 އެއްވަރުވި 0 ބަލިވި 0 ޕޮއިންޓް 12
ފައިނަލް ބުރު
ކުޅުނު 14 މޮޅުވި 8 އެއްވަރުވި 4 ބަލިވި 2 ޕޮއިންޓް 28
ފާހަގަކޮށްލެވޭ ކުޅުންތެރިން
ކެނެޑާ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އަލްފޮންސޯ ޑޭވީސް އެވެ. ޑޭވީސްގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ 20-2019 ވަނަ ސީޒަނުގަ އެވެ. ޑޭވީސް ވަނީ 16 އަހަރުގައި ގައުމީ ޓީމުން ފުރުސަތު ހޯދާފަ އެވެ. ޑޭވީސް ފުރަތަމަ ވޯލްޑް ކަޕަށް ނުކުންނައިރު އެގައުމުގެ އުއްމީދާ ގުޅިފައިވާ އެހެން ކުޅުންތެރިން ވެސް އެބަތިއްބެވެ.
ޖޮނަތަން ޑޭވިޑް
ޑޭވިޑް، 22، އަކީ ފޯވާޑްލައިންގެ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެކެވެ. ކްލަބް ލެވެލްގައި ފްރާންސްގެ ލިލް އިން 21-2020 ވަނަ އަހަރުގެ ސީޒަނުގައި ލީގު ކާމިޔާބުކުރިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
2018 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި އޭނާ ވަނީ 34 މެޗުގައި 22 ލަނޑު ޖަހައިފަ އެވެ. އެ ގައުމުގެ ތާރީހުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު ޑޭވިޑް ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ މި ފަހަރުގެ ސީޒަނުގައި ލީގުގައި ލިލް އަށް ކުޅުނު 14 މެޗުގައި 9 ލަނޑު ޖަހައި، އިތުރު ތިން ގޯލު ޖެހުމަށް އެހީތެރިވެދީފަ އެވެ. ކޮލިފައިންގައި ޑޭވިޑް ވަނީ ކެނެޑާ އަށް ނުވަ ގޯލު ޖަހައިދީފަ އެވެ.
ކައިލް ލެރިން
ކެރިއަރުގައި އެންމެ ފުރަތަމަ ގޯލްކީޕަރަކަށް ކުޅެމުންއައި ކައިލް ލެރިން އަކީ މިހާރު ކެނެޑާގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ.
ވޯލްޑް ކަޕްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހީ ލެރިން އެވެ. 13 ގޯލާ އެކު އޭނާ ވަނީ ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން ވެސް ފަހަތަށް ޖައްސާލާފަ އެވެ. ލެރިން މިހާރު ކުޅެމުން އަންނަނީ ބެލްޖިއަމްގެ ކްލަބް ބްރޫހާ އަށެވެ. އޭގެކުރީން އޭނާ ވަނީ ތުރުކީގެ ބެސިކްޓާސް އަށް ވެސް ކުޅެފަ އެވެ.
ލެރިން، 27، އެންމެ ފުރަތަމަ ކެނެޑާގެ ސީނިއާ ޓީމަށް ކުޅުނީ 2014 ގައެވެ. އޭނާ ވަނީ އެ ޓީމަށް ކުޅުނު 51 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ.
ކޯޗު: ޖޯން ހާޑްމަން
ހާޑްމަންގެ އުފަން ގައުމަކީ އިންގްލެންޑެވެ. ކޯޗިން ކެރިއަރުގައި މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް އުތުރު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕަށް ކެނެޑާ ކޮލިފައިކޮށްދިނުމާ އެކު ހާޑްމަންގެ މަގްބޫލްކަން ވަނީ އިތުރުވެފަ އެވެ.
ކެނެޑާގެ ކޯޗުކަމާ 2018 ވަނަ އަހަރު ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު 45 މެޗުގެ ތެރެއިން 31 މެޗުން ވަނީ މޮޅުވެފަ އެވެ. 10 މެޗުން ބަލިވިއިރު، އެއްވަރުވީ ހަތަރު މެޗެވެ.