ހަބަރު

ބޭރުގެ ވަޒީރުންގެ ދަތުރުތަކާއި ނަޝީދުގެ ރިލީޒާ ގުޅުމެއް ނެތް: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވުމާއި ބޭރު ގައުމުތަކުގެ ވާޒިރުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކާ ގުޅުމެއް ނެތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ ބޭރުގެ ވަޒީރުން ރާއްޖެ ވަޑައިގަތީ އެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކަމަށެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ދުންޔާ ވިދާޅުވީ، ރައީސް ނަޝީދުގެ ސިއްހަތާ ގުޅިގެން މެޑިކަލް ލީވެއް އެމަނިކުފާނަށް ދެއްވަން ނިންމީ ސަރުކާރުން އެކަމަށް އިސްނަގައިގެން ކަމަށެވެ. އެކަމަކީ ބޭރު އެއްވެސް ފަރާތެއް އަންގައިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"ވަރަށް ގިނައިން މީޑިއާގައި އެކަމަކީ [ރައީސް ނަޝީދު ޔޫކޭއަށް ފުރާވަޑައިގަތުން] ވަކި ކަމަކާ ގުޅުވާފައި ކުރި ކަމެއް ކަމަށް ވާހަކަ ދައްކާ، މިއީ ސަރުކާރުން ނެގި ޑިޝިޝަނެއް، ސަރުކާރުގެ އިސް ނެގުމެކޭ މިއީ ހާއްސަކޮށް ކުރީގެ ރައީސްއަކަށްވާތީ އަދި އިންސާނީ ހައްގުތަކަށް ބަލާފައި ސިއްހަތަށް ލިބެންޖެހޭ އިހުތިރާމާއި ގަދަރަށް ބަލާފައި އެމަނިކުފާނު ދަތުރު އެ ކުރައްވަނީ ވަކި މުއްދަތަކަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިގުރާރެއްގައި ސޮއި ވެސް ކުރައްވާފައި،" ދުންޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިނގިރޭސިވިލާތަށް ދިއުމުގެ ހުއްދަ ސަރުކާރުން ދިނީ ވަޒީރުންގެ ދަތުރުތަކާ އެއް ދުވަސްވަރެއްގައި ނަމަވެސް އެއީ އެ ދަތުރުތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ދުންޔާ ވިދާޅުވިއެވެ.

"ސަރުކާރުގެ ސްޑޭންޑް އެކަމަށް ބަދަލެއް ނުވޭ، ރައީސް ނަޝީދު ޔޫކޭއަށް ވަޑައިގަތުމަށް އެދި ހާއްސަ ރިއުކުއެސްޓެއް ސަރުކާރަށް ކުރެއްވީމަ އެކަން ސަރުކާރުން ކޮށްދެއްވީ،"

ދުންޔާ ވިދާޅުވީ، ވަރަށް ގިނަ ބޭރުގެ މީޑިއާގައި ވެސް އެކަމަނާއަށް ނަޝީދު އެނބުރި ވަޑައިގަންނަވާނެތޯ ސުވާލުކުރަމުންދާ ކަމަށާއި ދަންނަވަން އޮތީ "ކުރިއަށް ވާނެ ގޮތެއް ދަންނަވަން ނޭނގޭ" ކަމަށެވެ. ރައީސް ނަޝީދަކީ ކޯޓުތަކުން ހުކުމަށް ބަދަލެއް ނުގެންނަހާ ހިނދު އެއީ ގައިދީއެއް ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރާއި ލަންކާގެ ހާރިޖީ ވަޒީރު އަދި އިންޑިއާގެ ފޮރިން ސެކްޓްރީގެ ދަތުރުތަކުގައި އެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވާނީ ރާއްޖެއާ އެ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ކަމަށެވެ. މީގެއިތުރަށް ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވެސް އެ ގައުމުތަކުގެ ހިޔާލާއި ލަފާ ދެއްވާފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައުމުތަަކަށް ކިޔައިދެމުން މިދަނީ ކަންތައްތަކުގެ ހަގީގަތް، އަޅުގަނޑުމެންނަށް ކުރެވޭ އެލިގޭޝަނެއް އެއީ ސިޔާސީ ލީޑަރުން ބަންދުގައި ތިބޭކަން، އެނގި ވަޑައިގަންނަވާނެ އެ ނަން ކިޔާ ބޭފުޅުން އެ ތިބީ ކްރިމިނަލް ޗާޖެއްގަ، ބައެއް ބޭފުޅުނަށް ހުކުމް ކުރެވިފައި އަނެއް ބައި ބޭފުޅުންގެ މައްސަލަތައް ޝަރީއަތުގެ މަރުހަލާގައި، އެހެންވީމާ ޖިނާއީ ކުށެއް ކޮށްފިނަމަ އެއީ ސިޔާސީ ލީޑަރެއް ނަމަވެސް އެ ފަރާތަކަށް އޭގެ އަދަބު ލިބޭނެ،" ދުންޔާ ވިދާޅުވިއެވެ.