މޯލްޑިވްސް ޕޮލިސް ސާވިސް

ޕޯސްޓްމޯޓަމް ހެދުމަށް މުހައްމަދު ހަސަންގެ ހަށިގަނޑުގެ މާލެ ގެނެސްފި

ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

ކުޅުދުއްފުށި ފަޅު ތެރޭގައި މިމަހުގެ 11 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ.

އޭނާގެ ހަށިގަނޑު މާލެ ގެނައި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާނެ ގައުމެއް ފުލުހުން ނުބުނެ އެވެ. އަދި ޕޯސްޓްމޯޓަމް ހަދާނެ ވަކި ދުވަހެއްވެސް ނުބުނެ އެވެ.

މުހައްމަދު ހަސަން މަރުވާން ދިމާވި ވަކި ސަބަބެއް އަދި މިހާތަނަށްވެސް ސާފުވެފައެއް ނުވެ އެވެ.