ކުޅިވަރު

ޓީމް ޕްރޮފައިލް: ބެލްޖިއަމް

  • އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިންވަނަ އަކީ އެގައުމުގެ އެންމެ ބޮޑު ކާމިޔާބީ
  • މިއީ ބެލްޖިއަމުން ވޯލްޑް ކަޕުގައި ކުޅޭ 14 ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ، ކްރޮއޭޝިއާ، މޮރޮކޯ އަދި ކެނެޑާ

ޓީމުގެ ތާރީހް

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އުޅޭ ބެލްޖިއަމް އަކީ ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. މިހާތަނަށް ވޯލްޑް ކަޕްގެ 13 މުބާރާތުގައި ވާދަކޮށްފައިވާއިރު، އެ ޓީމުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެންމެ ފަހުން ކުޅެވުނު 2018 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ މަގާމް ހާސިލްކުރުމެވެ. އޭގެކުރިން، 1986 ވަނަ އަހަރުގެ މުބާރާތުގައި ވެސް ސެމީ ފައިނަލްގައި ކުޅެފައިވެ އެވެ. އެ ފަހަރު ލިބުނީ ހަތަރު ވަނަ އެވެ.

މިއީ އެ ޓީމުން ޖެހިޖެހިގެން ކުޅޭ ތިންވަނަ ވޯލްޑް ކަޕެވެ. މީގެކުރިން، 1982 އާއި 2002 ދެމެދު ކުޅެވުނު ހުރިހާ ވޯލްޑް ކަޕެއްގައި ކުޅެފައިވެ އެވެ. އޭގެތެރެއިން، 1998 ވަނަ އަހަރުގެ މުބާރާތް ފިޔަވައި ކޮންމެ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފައިވެ އެވެ. އެކަމަކު، 2006 އާއި 2010 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވެ އެވެ. އެއަށްފަހު، ރަންޖީލެއް އުފެދި 2014 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެފައިވެ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާ އެއް ގްރޫޕެއްގައި ހިމެނި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ދެވަނަ ބުރަށް ދަތުރުކުރީ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނަ ބުރުގައި ޖަޕާންގެ މައްޗަށް އުނދަގުލުން ކާމިޔާބު ހޯދިއިރު، ކުއާޓާ ފައިނަލްގައި ބްރެޒިލް ބަލިކުރީ ވެސް ހަނި ނަތީޖާއަކުންނެވެ. އެކަމަކު، ސެމީގައި ފްރާންސް އަތުން ބަލިވެ، ފައިނަލަށް ދެވޭގޮތެއްނުވި އެވެ. ނަމަވެސް، ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑް ބަލިކޮށް ތާރީހީ ކާމިޔާބީއެއް ހާސިލްކުރި އެވެ.

ކޮލިފައިވީ ކިިހިނެއް؟

ކޮލިފައިން ވަނީ ބެލްޖިއަމް ވަނީ ފަސޭހަކަމާ އެކު އެއްވަނަ ހޯދައިފަ އެވެ. އަށް މެޗުގައި 25 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަނީ ހަ ގޯލެވެ.
ކޮލިފައިން؛
ކުޅުނު 8 މޮޅުވި 6 އެއްވަރުވި 2 ބަލިވި 0 ޕޮއިންޓް 20

ފާހަގަކޮށްލެވޭ ކުޅުންތެރިން

މިފަހަރުގެ ވޯލްޑް ކަޕަށް ބެލްޖިއަމް ނިކުންނައިރު އެންމެ މުހިއްމު ކުޅުންތެރިއަކީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑި ބްރޭނާ އެވެ. ބެލްޖިއަމުން އެންމެ ފަހުން ކުޅުނު ބޮޑު މުބާރާތް ކަމަށްވާ ޔޫރޯ 2020 ގައި ކުއާޓާ ފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި ވެސް ޑި ބްރޭނާގެ ދައުރު ބޮޑެވެ. ޑި ބްރޭނާގެ އިތުރުން ބެލްޖިއަމްގެ ދެން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު ތިބައުޓް ކޯޓުއާ އާއި ފޯވާޑް ރޮމެލޫ ލުކާކޫ ހިމެނެ އެވެ.

ތިބައު ކޯޓުއާ

ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ވަނީ ކުރިން ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑް ފަދަ ޔޫރަޕްގެ ގަދަބާރުތަކަށް ކުޅެފަ އެވެ.
މިދިޔަ ސީޒަނަކީ ކޯޓުއާގެ ކްލަބް ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް އަހަރެވެ. އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ރެއާލުން ހޯދިއިރު އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ޓީމުން ސްޕެނިޝް ލީގުގެ ތަށި އުފުލާލިއިރު މުހިއްމު ދައުރެއް އަދާކުރިއެވެ.

މި ވޯލްޑް ކަޕަކީ ބެލްޖިއަމްއާ އެކު ކޯޓުއާ ނިކުންނަ ފަސްވަނަ ބޮޑު މުބާރާތެވެ. މީގެކުރިން، އޭނާ ވަނީ ދެ ވޯލްޑް ކަޕާއި ޔޫރޯގެ ދެ މުބާރާތް ކުޅެފައެވެ. ކޯޓުއާ އެންމެ ފުރަތަމަ ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅެންފެށީ 2011 ގައެވެ. އޭނާ ވަނީ އެ ޓީމަށް 96 މެޗު ކުޅެދީފަ އެވެ.

ރޮމެލޫ ލުކާކޫ

ބެލްޖިއަމްގެ އެންޑަލެކްޓް އިން ވިދާލި ރޮމެލޫ ލުކާކޫ އަކީ ގައުމީ ޓީމުގެ އެންމެ އިތުބާރު ފޯވާޑެވެ. ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ލުކާކޫ އަކީ ބެލްޖިއަމްގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިފައިވާ ކުޅުންތެރިޔާ އެވެ. ލުކާކޫ ވަނީ ގައުމީ ޓީމަށް ކުޅެދިން 102 މެޗުގައި 68 ލަނޑުޖަހައިފަ އެވެ.

މިހާރު ކުޅެމުން އަންނަނީ އިންޓަ މިލާނަށެވެ. ސީޒަނުގެ ކުރީކޮޅު އަނިޔާގެ ސަބަބުން މެޗުތައް ގެއްލުނު ނަމަވެސް ވޯލްޑް ކަޕްގެ ކުރިން ލުކާކޫ ވަނީ ފިޓްވެފަ އެވެ.

ކޯޗު: ރޮބާޓޯ މާޓިނޭޒް

މާޓިނޭޒްގެ ކޯޗިން ކެރިއަރުގައި އެންމެ ފުރަތަމަ އިރުޝާދު ދިނީ އިންގްލެންޑްގެ ސްވަންސީ ސިޓީ އަށެވެ. އެއަށްފަހު ވިގަން އެތުލެޓިކް އާއި އެވަޓަން ކޯޗުކޮށްދިނެވެ. ކޯޗިން ކެރިއަރުގައި މިހާތަނަށް ހޯދުނު ހަމައެކަނި ތަށްޓަކީ ވިގަންއާ އެކު 2013 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމެވެ.

ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވީ 2016 ގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން މިހާތަނަށް 75 މެޗު ކުޅެފައިވާއިރު، 55 މެޗުން ވަނީ މޮޅުވެފައެވެ. ބަލިވީ އެންމެ 8 މެޗުންނެވެ.