ބަޖެޓު 2023

ބަޖެޓް ބަހުސް ނިންމާލައިފި

އަންނަ އަހަރަށް ލަފާ ކުރާާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިއަދު ނިންމާލައިފި އެވެ.

ބަޖެޓު ދިރާސާކުރުމަށްފަހު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން ބަހުސް ކުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

ބަޖެޓު ބަހުސް މިއަދު ނިންމާލިކަން މަޖިލީހުގެ ރިޔާސަތުން އިއުލާންކުރެއްވި އިރު ޖުމުލަ 42 މެންބަރުން ބަޖެޓު ބަހުސްގައި ބައިވެރިވެފައިވެ އެވެ.

ބަޖެޓު ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން އެމްއެންޕީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރުގެ ބަޖެޓަކީވެސް ސިޔާސީ ބަޖެޓެއް ކަމަށާއި މިއަހަރުގެ ބަޖެޓަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ބަޖެޓެއްކަން އެނގޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުން ނިމިގެން ދިޔަ ހަތަރު އަހަރަކީ ހަމަހަމަ ހަތަރު އަހަރު ކަމަށް ބައެއް މެންބަރުން ވިދާޅުވާ ކަމަށެވެ. ނަމަވެސް ހަމަހަމަ ހަތަރު އަހަރުން ކޮޅުމަޑުލު ވަނީ ވަރަށް ބޮޑަށް އިހުމާލު ކޮށްފައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ހަމަ އެންމެ ރަށެއްވެސް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރާކަށް ކޮޅުމަޑުލަކުން ނުދޭ. އެންމެ ރަށެއްވެސް އެގްރިކަލްޗާގެ މަސައްކަތަކަށް ދުލެއް ނުކުރޭ. މަސްވެރިކަމުގެ މަސައްކަތައް ދޫކޮށްފައި އޮތް ފުނައްޑޫގެ މަސްގަތުމުގެ މަސައްކަތެއް ނުހިނގާ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ތިމަރަފުށީގައި ހޮސްޕިޓަލަކާއި ޖޫނިއާ ކޮލެޖެއް އަޅާނެ ވާހަކަ އޮތް ކަމަށެވެ. އަދި ހެލްތް މިނިސްޓްރީއަށް ގެންގޮސް ހޮސްޕިޓަލް ބަޔަކަށް އެވޯޑް ކުރިކަމަށާއި ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށްވެސް ވިދާޅުވި އެވެ.

ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރައީސް ސޯލިހަށް މި ބަޖެޓުގައި އޮތީ ކޮން ވާހަކަތަކެއް ކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއްވެސް ވަރަކަށް ނުބައްލަވާ ކަމަށް ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ ބަޖެޓުގައި އާމްދަނީ ޖަހާއިރު އާމްދަނީ ރަނގަޅު އަހަރުތަކުގައި ލިބުނު އަދަދަށްވެސް ބަލަން ޖެހޭ ކަމަށެވެ. ފާއިތުވެ ދިޔަ ހަ އަހަރު އެވަރެޖްކޮށް ރާއްޖެއަށް ލިބިފައިވަނީ 14.6 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިއަހަރުގެ ބަޖެޓުގައި 32 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި ދެ އަދަދުގެ ތަފާތަކީ 17.4 ބިލިއަން ރުފިޔާކަން އޭނާ ފާހަގަ ކުރި އެވެ. އެހެންވެ ސައީދު ވަނީ 17.4 ބިލިއަން ރުފިޔާ ހޯދަނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

"މި ފައިސާ ހޯދަން ސަރުކާރުން މިބުނަނީ ދެތިން ވާހަކައެއް. އެއް ވާހަކައަކީ ތިމަންނަމެން ޕްރިންޓް ކުރާނީއޭ. ދެވަނަ ވާހަކައަކީ ނާށިގަނޑު ހިފައިގެން ގޮސް ސަލާން ޖަހާނީއޭ. ހިލޭ އެހީ ހޯދާނީ އޭ. ތިންވަނަ ވާހަކައަކަށް ސަރުކާރުން ބުނަނީ އަނެއްކާވެސް ލޯނު ނަގާނީއޭ،" ސައީދު ވިދާޅުވި އެވެ.

ޗާޕުކުރި ފައިސާ ހޯދަން އަދިވެސް އެމްއެމްއޭގެ ގަވަރުނަރު ސަރުކާރު ފަހަތުން ސަލާން ޖަހަމުން ދުވާ ކަމަށާއި ނަމަވެސް ސަރުކާރުން ގަވަރުނަރަށް ބިރު ދައްކާ ކަމަށްވެސް ސައީދު ތުހުމަތުކުރެއްވި އެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ފާއިތުވި ހަތަރު އަހަރުގެ ބަޖެޓުގައި ޖަހާފައިވާ އަދަދުގެ 10 އިންސައްތަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މުޅި ދުނިޔޭގައި އަތްފުނާ އަޅައިގެންވެސް ހޯދިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ލޯނު ނެގުމަށް ބަލާއިރު މިސަރުކާރުން ލޯނު ނަގަމުން ގޮސް 113 ބިލިއަނުން ގައުމު ދަރުވާލައިފައިވާ ކަމަށެވެ. އެކަމުން މިސަރުކާރުގެ ނާގާބިލްކަން އެނގޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮބާތޯ ދެން އޮތް އަނެއް ގޮތަކީ؟ ދެން އޮތް އަނެއް ގޮތަކީ ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގަތީއްސުރެ އާންމު އުސޫލުން ފެންނަހެން ރައްޔިތުންގެ ޖީބު މި ފެންނަނީ ރަން ވަޅެއްހެން. ރައްޔިތުންގެ ޖީބަށް ދެއަތް މިލަނީ. ދެން އެމަނިކުފާނުގެ އިތުރު އަތެއް އޮވެއްޖިއްޔާ ރާއްޖޭގައި އަޅުގަނޑުމެން މިބުނާ ރަންބިސް އަޅާ ކުކުޅު އިތުރަށް ފެލައިލަނީ،" ސައީދު ވިދާޅުވި އެވެ.

ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ބަހުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނުގެ ދައުރުގައި ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވި ކަމަށް އިދިކޮޅު މެންބަރުން ދައްކާ ވާހަކަ އަކީ ތެދެއް ނޫން ކަމަށެވެ. އަދި ވައްކަން ނުކޮށް ޖީބަށް ފައިސާ އިތުރުވި އެއްވެސް މެންބަރަކު ނުހުންނާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ ޔާމީނު ސަރުކާރުގައި އެޅި ބްރިޖުގެ އެއް ލޭން ގެއްލުވާލައިފައިވާ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އެއް ޓަވަރު ވަގަށް ނަގާފައިވާ ކަމަށާއި ހިޔާ ފްލެޓުތަކުން 1،000 ފްލެޓުވެސް ގެއްލުވާލައިފައިވާ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީނުގެ ސަރުކާރު ހިންގި ފަސް އަހަރަކީ ދުނިޔޭގެ އިގްތިސޯދު އެންމެ ރަނގަޅު އަހަރު ކަމަށާއި ނަމަވެސް އޭރު ހަ ރުފިޔާއަށް ލިބުނު ތެޔޮ ލީޓަރެއް ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ކުންފުނިތަކާއި ހަވާލުކޮށްގެން 25 ރުފިޔާއަށް ރަށްރަށަށް ވިއްކާފައިވާ ކަމަށްވެސް ޔައުގޫބު ވިދާޅުވި އެވެ.

"މިހާރުގެ ސަރުކާރުން ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުނުތަކާއި ފެނަކައާއި ގުޅިގެން މަސައްކަތް ކުރާތީ ވައްކަން ކުރާ ފަރާތްތަކަށް އެ ފުރުސަތު ނެތީމަ އެވާހަކަ ދައްކާނެ،" ޔައުގޫބު ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން ރިކަރަންޓް ހަރަދު ބޮޑު ވެގެން އުޅޭ އިރު ސަރުކާރުގެ ވަޒީފާގައި ތިބި މީހުންނަށް އެއީ އެމީހުންގެ މުސާރަކަން އިނގެން ޖެހޭ ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އެހެންކަމުން އިދިކޮޅު މެންބަރުން ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް އެ ވިދާޅުވަނީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރާ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔައުގޫބުގެ ވާހަކަ ކުރިއަށް ގެންދިޔަ އިރު ކާށިދޫ ދާއިރާގެ މެންބަރާއި ނައިފަރު ދާއިރާގެ މެންބަރު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އަދި މަޖިލިސް ތެރޭގައި ވަރަށް ބޮޑަށް އަޑު ގަދަ ކޮށްފައިވެސް ވެ އެވެ.

މަޖިލީހުގެ ޖަލްސާ ނިންމާލަމުން ރިޔާސަތުން ވަނީ ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށާއި ހޯމަ ދުވަހުގެ ޖަލްސާއަކީ މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ކަމަށް ވިދާޅުވެފަ އެވެ.