ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނާ ވާދަކޮށް ޖަޕާން 2-1 އިން މޮޅުވެއްޖެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ފުރަތަމަ ލިބުނު ސިހުމަކީ ސައުދީ އަރަބިއާ އިން އާޖެންޓީނާ ބަލިކުރުމެވެ. އޭގެފަހުން މިރޭ ޖަޕާނުން ފަހަތުން އަރައި ޖަރުމަނު ބަލިކުރުމާ އެކު މުބާރާތުގައި އާދަޔާހިލާފު ނަތީޖާތަކެއް ފެނިދާނެކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ.
މެޗުން ބަލިވުމާ އެކު ޖަރުމަނު ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. މި ގްރޫޕުގައި ދެން އޮތީ ސްޕެއިން އާއި ކޮސްޓަ ރީކާ އެވެ. އަނެއް ބުރަށް ދިއުމަށް ޖަރުމަނުން ދެން ޖެހޭނީ ސްޕެއިން އާއި ކޮސްޓަ ރީކާ ބަލިކުރާށެވެ. 2014 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ފަހު 2018 ވަނަ އަހަރު ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެފަހަރު ޖަރުމަނު ކެޓީ ދެކުނު ކޮރެއާ އަތުން ބަލިވުމުންނެވެ.
މިރޭގެ މެޗުގައި ޖަޕާނުން ވަނީ ޖުމްލަކޮށް މޮޅަށް ކުޅެފަ އެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅު އެޓީމުގެ އަވަސް ކުޅުން ހުއްޓުވުމުގައި ޖަރުމަނަށް އުނދަގޫވި އެވެ. އެކަމަކު ފަހުން މެދުތެރެ ކޮންޓްރޯލްކޮށް ޖަރުމަނުން ކުޅުން ރަނގަޅުކުރި އެވެ. ޖަރުމަނުން މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 33 ވަނަ މިނެޓުގައި އިލްކާއީ ގުންޑޮގާން އެވެ. މިއީ ޖަޕާނުގެ ގޯލްކީޕަރު ޝިއޫޗީ ގޮންޑާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ލީޑުގައި އޮވެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖަރުމަނުގެ ކައި ހަވާޓްޒް ގޯލެއް ޖެހި އެވެ. އެކަމަކު ގޯލު ޖެހިއިރު ހަވާޓްޒް އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލު ކެންސަލް ކުރީ އެވެ.
މެޗުގެ ދެވަނަ ހާފު ޖަރުމަނުން ފެށީ ރަނގަޅަށެވެ. މި ހާފުގައި އެޓީމުގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ޖަޕާނުގެ ގޯލްކީޕަރު މޮޅު ކުޅުމެއް ދެއްކި އެވެ. ޖަރުމަނަށް އިތުރު ގޯލެއް ނުޖެހި އުޅެނިކޮށް ދެން ފެނުނީ ޖަޕާނުން އެޓޭކުތައް ކުރަން ފެށިތަނެވެ.
ޖަޕާނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުގެ ކުރިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޖަރުމަނުގެ ކީޕަރު މަނުއެލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު މެޗުގެ 75 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކީޕަރު ނޯޔާ އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ބެންޗުން ކުޅެން އެރި ރިޓްސޯ ޑޯން އެވެ. އޭގެފަހުން ޖަރުމަނަށް ފުލުފުލުގައި ޕްރެޝަރުކޮށް ޖަޕާނުން ލީޑު ނެގި އެވެ. މި ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓަކޫމާ އަސާނޯ އެވެ.
މެޗުގެ އިތުރު ވަގުތުގައި ޖަރުމަނުން ވަނީ މުޅި ޓީމު ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު ޖަޕާނުގެ ކުޅުންތެރިން ވަނީ ހިތްވަރު ދައްކައި އެ ނަތީޖާގައި މެޗު ނިންމާލާފަ އެވެ.
މި ގްރޫޕުގައި ހިމެނޭ ސްޕެއިން އާއި ކޮސްޓަ ރީކާ ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ. 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި ކެނެޑާ އެވެ.