ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔޫރަޕަށް ގެންދާ މަހުގެ ޓެރިފް ކުޑަކޮށްދޭން އަނެއްކާވެސް އެދިއްޖެ

Nov 23, 2022

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާ މިއަދު ކުރިއަށް ދިޔައީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުންގެ ވަފްދުގެ ބޭފުޅުންނާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭއްވެވި ބައްދަލުވުމުގަ އެވެ.

އީޔޫގެ ވަފްދެއް ރާއްޖެ ވަޑައިގެން އުޅުއްވަނީ ހަވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށެވެ. މިޑައިލޮގް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އީޔޫ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެނިސް ޗައިބީ އެވެ.

އީޔޫ ވަފްދުގައި ހިމެނޭ ބޭފުޅުން

  • އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ
  • އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒަ
  • ޖަރުމަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގަ ލޯތަ
  • ނެދަލެންޑްސް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާބޯކް
  • އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓާ ޗިއުޑިއާ
  • ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އޮރެލިއެން މެއިލޭ

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް މަޝްވަރާ ކުރެއްވީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. އަދި ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އީޔޫގެ ވަފުދުގެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިއްމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކޮށް ރާއްޖެއާ އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސްދައުރު ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލް -- ޔޫއެންއެޗްއާރްސީ)ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ ރާއްޖެއަށް މަރުހަބާ ދަންނަވާފަ އެވެ.

މީގެ އިތުރުން ވަފުދުގެ ބޭފުޅުން ވަނީ ޔޫއެންއެޗްއާރުަސީ މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިއްމު ދައުރުވެސް ފާހަގަކުރައްވާފަ އެވެ.