ރަޝިޔާ، ޔޫކްރޭން ހަނގުރާމަ ނިންމަން އެދޭ ނަމަ އެެއްވާން އޮތް ތަނަކީ މަޝްވަރާ މޭޒު ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫތު ޗަވްސޯލޫ ވިދާޅުވެއްޖެ އެވެ.
ހަނގުރާމާއިގެ މައިދާނަކީ ސުލްހަ ގާއިމުކުރަން އޮތް ތަން ކަމަށް ގަބޫލުކުރާ ބަޔަކު ތިބި ނަމަ އެކަން ހަނދާން ނައްތާލެއްވުމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ރަޝިއާ ބަލިކޮށް ޔުކްރޭނަށް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި ބަޔަކު ތިބި ނަމަ ހަނގުރާމައިގެ މައިދާނަކީ އެކަން ކުރަން އެންމެ ރަނގަޅު ތަން ނޫން ކަމަށްވެސް ތުރުކީގެ ވަޒީރު ވިދާޅުވި އެވެ.
"ހަނގުރާމައެއް ނިމެން އޮންނަނީ ދެ ގޮތެއް،" މަވްލޫތު ޗަވްސޯލޫ ވިދާޅުވި އެވެ. "އެއް ގޮތަކީ ބަޔަކު ސުންނާފަތިވުން -- އަނެއް ގޮތަކީ މަޝްވަރާކުރުން"
ވަޒީރު ވިދާޅުވި ގޮތުގައި އަސްކަރީ ގާބިލުކަމަކުން ޔުކްރޭން ހަނގުރާމަ ނިންމޭނެ ކަމަށް ތުރުކީ ގަބޫލެއް ނުކުރެ އެވެ. އޭނާ އަދި ވިދާޅުވި އެ ގޮތުގައި ހަނގުރާމަ ކޮށްކޮށް އެތައް ޒަމާނެއް ހޭދަކުރަން ޖެހިދާނެ ކަމަށެވެ.
ތުރުކީގެ ވެރިރަށް އަންކާރާގައި އޮތް މަޝްވަރާ ބައްދަލުވުމެއްގައި މަވްލޫތު ޗަވްސޯލޫ ވިދާޅުވީ އަސްކަރީ ގާބިލުކަން ގައުމުތަކުގައި ހުރި ވަރަށް ބަލާއިރު ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިއުމުގެ ނުރައްކާ އޮތް ކަމަށެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމާއިގެ ކުރީކޮޅު ގޮތެއް ނިންމަން ގައުމުތަކުން ރުހުނު ނަމަ ހަނގުރާމަ ހުއްޓުވަން ފަސޭހަވީސް ކަމަށެވެ. އެހެންނަމަވެސް، ރަޝިއާ، ޔުކްރޭން އަދި ތުރުކީ ބައިވެރިވެ ކުރި މަޝްވަރާތަކުން ޝަރުތުތަކެއް ގަބޫލުކުރަން ރުހޭ ބަޔަކު ނެތްކަން އެނގިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި އަހަރު ކުރީކޮޅު -- މާޗުގައި ކުރެވުނު މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ހާސިލުކުރެވުނެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ އަދި ޔުކްރޭން ވެސް އެއިރު އެދުނީ ހަނގުރާމަ ނިންމޭނެ ގޮތަކަށް ކަމަށެވެ.
އެހެން ނަމަވެސް، ޔުކްރޭނަށް މަޝްވަރާ ލައިދިން ބަޔަކު ބުނި ގޮތަކަށް ޔުކްރޭން އެނބުރިގަތުމުން މަޝްވަރާތައް ކޮޅެއްގައި ނުޖެހުނީ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރަން އެދި ތިބި ގައުމުތަކުން --- ހުޅަނގަށް ނިސްބަތްވާ ހުރިހާ ގައުމަކުން ޔުކްރޭނަށް ބުނެދީފައި އޮތީ މަޝްވަރާ ކޮށްގެން ހަނގުރާމަ ހުއްޓައިނުލުމަށެވެ.
ހަނގުރާމައިގެ މައިދާނުގައި ރަޝިއާ ބަލިވެ އަދި ފިރުކިފައި އެނބުރި ގައުމަށްދާ މަންޒަރު ދެކެން ހުޅަނގުން އޮތީ ބޭނުންވެފަ އެވެ. އެހެންކަމުން މަޝްވަރާ އަކީ ހުޅަނގުން ގަބޫލުކުރާ ކަމަކަށް ވަނީ ނުވެފަ އެވެ.