ކުޅިވަރު

ބެލްޖިއަމް އުނދަގޫ މޮޅަކުން ވޯލްޑް ކަޕް ފަށައިފި

ފީފާ ވޯލްޑް ކަޕްގައި ރޭ އުނދަގުލުން 1-0 އިން ކެނެޑާ ބަލިކޮށް ބެލްޖިއަމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ވަނީ ތިންވަނަ ހޯދާފަ އެވެ. ވޯލްޑް ކަޕްގެ ދެވަނަ މުބާރާތުގައި ކެނެޑާ ވާދަކުރާއިރު މީގެ ކުރިން އެޓީމު އެ މުބާރާތުގައި ވާދަކުރީ މީގެ 36 އަހަރު ކުރިންނެވެ.

ބެލްޖިއަމް މޮޅުވިޔަސް ކެނެޑާ އިން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ސަމާލުކަން ހޯދާފަ އެވެ. މެޗު ފަށައިގެން ކެނެޑާ އިން ބެލްޖިއަމަށް ޕްރެޝަރުކޮށް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. ހާއްސަކޮށް ބަޔާން މިއުނިކްގެ އަލްފޮންސޯ ޑޭވީސް އާއި ކެނެޑާގެ ފޯވާޑް ޖޮނަތަން ޑޭވިޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.

މެޗުގެ ކުރީކޮޅު ކެނެޑާ އަށް ޕެނަލްޓީއެއް ލިބި ވަނީ ބޭކާރުވެފަ އެވެ. 11 ވަނަ މިނެޓުގައި އަލްފޮންސޯ ޑޭވީސް މި ޕެނަލްޓީ ފޮނުވާލުމުން ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ. ޕެނަލްޓީ އަށް ފަހު ވެސް ކެނެޑާ އިން ހުސް ފުރުސަތުތައް ތަނަވަސްކުރި އެވެ. އެކަމަކު ގޯލު ޖެހުމުގައި އެޓީމަށް އުނދަގޫވީ އެވެ.

ކެނެޑާ އިން މޮޅަށް ކުޅެމުން ދަނިކޮށް ބެލްޖިއަމުން ވަނީ އެޓީމުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މި ގޯލު ކާމިޔާބުކޮށްދިނީ މިޝީ ބަޓްޝުއާޔީ އެވެ. އޭނާ އަށް ލިބުނު ބޯޅަ ކޮންޓްރޯލްކޮށް ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ކެނެޑާ އިން ވަނީ ނަތީޖާ ހަމަހަމަކުރަން އެޓޭކްކޮށްފަ އެވެ. އެކަމަކު އެޓީމުން ވަރުބަލިކަން ފެނުނުއިރު މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.
ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ސްޕެއިނުން ކޮސްޓަ ރީކާ 7-0 އިން ބަލިކުރުމެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ސްޕެއިނަށް ލިބުނު އެންމެ ތަފާތު ބޮޑު މޮޅެވެ.

މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މިއަދު ތިނެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ސްވިޒަލެންޑާއި ކެމެރޫން އެވެ. އޭގެފަހުން ދެން ކުޅޭނީ ގްރޫޕް އެޗްގެ ދެ މެޗެވެ. ހައެއް ޖަހާއިރު އުރުގުއޭ އާއި ސައުތު ކޮރެއާ ވާދަކުރާއިރު އޭގެފަހުން ކުޅޭ މެޗުގައި ޕޯޗުގަލް ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. މިރޭ ކުޅޭ ފަހު މެޗުގައި މަޝްހޫރު ބްރެޒިލް އާއި ސާބިއާ ވާދަކުރާނެ އެވެ.