ކުޅިވަރު

ޓީމް ޕްރޮފައިލް: ކެމެރޫން

  • 2010، 2014 ވޯލްޑް ކަޕް ހުރިހާ މެޗަކުން ބަލިވި، އެންމެ ފަހުގެ މުބާރާތަށް ކޮލިފައިނުވޭ
  • މިއީ ކެމެރޫން ވޯލްޑް ކަޕުގައި ކުޅޭ އަށް ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ، ބްރެޒިލް، ސާބިއާ އަދި ސްވިޒަލެންޑް

ޓީމުގެ ތާރީހް

ކެމެރޫން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1982 ގަ އެވެ. އެ މުބާރާތުގައި އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އޭގެ 8 އަހަރު ފަހުން، 1990 ވަނަ އަހަރުގައި ކުޅެވުނު ދެވަނަ މުބާރާތުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. އެއީ ވޯލްޑް ކަޕެއްގައި އެ ޓީމުން ހޯދީ އެންމެ ބޮޑު ކާމިޔާބީ އެވެ.

އެކަމަކު، އޭގެ ފަހުން ޖެހިޖެހިގެން ދެން ކުޅެވުނު ތިން ވޯލްޑް ކަޕް (1994، 1998 އަދި 2002) ގައި ވެސް ކެމެރޫން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އެއަށްފަހު، ދެން ކުޅެވުނު 2006 ވަނަ އަހަރުގެ މުބާރާތަށް އެ ޓީމު ކޮލިފައިނުވެ އެވެ.

2010 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެޓީމު ކެޓި އެވެ. 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕުން ކެމެރޫން އަށް ޖާގައެއް ނުލިބުނެވެ.

އެފްރިކާ ބައްރުގެ ޓީމުތަކަށް ހާއްސަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތާރީހުގައި ކެމަރޫން އަކީ ކާމިޔާބު ޓީމެކެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފަ އެވެ. އެއީ، 1984، 1988، 2000 އާއި 2002 އަދި 2017 ގަ އެވެ.

ކޮލިފައިވީ ކިހިނެއް؟

އައިވަރީ ކޯސްޓް ކަޓުވާލުމަށް ފަހު ގްރޫޕުގެ އެއްވަނަ ހޯދި އެވެ. ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އޭގެފަހުން ތިންވަނަ ބުރުގައި އަލްޖީރިއާއާ ވާދަކޮށް އެގްރިގޭޓުން މޮޅުވީ އެވެ. އަވޭ ގޯލުގެ އުސޫލުން އަލްޖީރިއާ ބަލިކުރީ އެންމެ ފަހު ސިކުންތުގައި ވައްދާލި ލަނޑުންނެވެ.

ވިންސެންޓް އަބޫބަކުރު

މި ފަހަރުގެ ވޯލްޑް ކަޕަށް ކެމަރޫން ނިކުންނައިރު ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ކެޕްޓަން ވިންސެންޓް އަބޫބަކުރު އެވެ. މިހާރު ސައުދީ އަރަބިއާގެ އަލް-ނަސްރު އަށް ކުޅެމުން އަންނަ އަބޫބަކުރު ވަނީ މީގެކުރީން ތުރުކީގެ ބެސިކްޓާސް އާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ކުޅެފަ އެވެ.

އަބޫބަކުރު، 30، އަކީ ފަހަކަށްއައިސް ބޮޑެތި މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. އެގޮތުން، އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތިންވަނަ މަގާމު ކެމެރޫން ހޯދިއިރު އޭނާ ވަނީ އިސް ދައުރެއް އަދާކޮށް އެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ވެސް ހާސިލްކޮށްފަ އެވެ. އޭގެކުރިން، 2017 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ކެމެރޫން ހޯދިއިރު ފައިނަލް މެޗުގައި އެ ޓީމު މޮޅުވި ލަނޑުޖަހައިދިނީ ވެސް އޭނާ އެވެ.

2010 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި އަބޫބަކުރު ވަނީ ކުޅުނު 88 މެޗުގައި 33 ލަނޑު ޖަހައިފަ އެވެ. މިއީ އަބޫބަކުރުގެ ތިންވަނަ ވޯލްޑް ކަޕެވެ.

އަންދްރޭ އޮނާނާ

ސެމުއެލް އެޓޫ އެކަޑެމީން ތަމްރީންވި އޮނާނާ އިންޓަ މިލާނާ ގުޅުމުގެ ކުރިން ކުޅުނީ ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް އަށެވެ.

އޮނާނާ، 26، ވަނީ އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކެމެރޫނަށް ތިންވަނަ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. 2016 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެންފެށި އޮނާނާ ވަނީ މިހާތަނަށް އެ ޓީމަށް 31 މެޗު ހަމަކޮށްފަ އެވެ.

2021 ވަނަ އަހަރުގެ ތެރޭގައި މަނާބޭހަށް ޕޮޒިޓިވްވުމާއި ގުޅިގެން ސަސްޕެންޝަނަކާ ކުރިމަތިލާންޖެހުނު އޮނާނާ މިހާރު ވަނީ އެ ހުރިހާ ކަމަކުން އަރައިގަނެ، ކުރީގެ ފޯމަށް އައުމަށް މަސައްކަތް ފަށާފަ އެވެ.

ކޯޗު: ރިގޮބާޓް ސޯންގް

ކުޅުންތެރިއެއްގެ ގޮތުގައި ހަތަރު ފަހަރެއްގެ މަތީން ކެމަރޫން އާއެކު ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ ސޯންގް މި ފަހަރުގެ މުބާރާތަށް ނިކުންނަނީ އެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގަ އެވެ. އޭނާގެ ކްލަބް ކެރިއަރުގައި ލިވަޕޫލާއެކު ޔޫއެފާ ކަޕް ކާމިޔާބުކުރި އެވެ. ސޯންގްގެ ކޯޗުކަމުގައި ތިންވަނަ ބުރުގައި އަލްޖީރިއާ ބަލިކުރި އެވެ. އެކަމަކު ސެޕްޓެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ދެކުނު ކޮރެއާ އާއި އުޒްބެކިސްތާން އަތުން ކެމެރޫން ވަނީ ބަލިވެފަ އެވެ. މި ދެ މެޗުގައި ވެސް ކޯޗު ބޭނުންކުރީ ތަފާތު ދެ ފޯމޭޝަނެކެވެ.