ކުޅިވަރު

ޓީމް ޕްރޮފައިލް: ސްވިޒަލެންޑް

  • އެންމެ ފަހުގެ ތިން ވޯލްޑް ކަޕްގެ ތެރެއިން ދެ މުބާރާތުގައި ދެވަނަ ބުރަށް ދަތުރުކުރި
  • މިއީ ސްވިޒަލެންޑް ވޯލްޑް ކަޕުގައި ކުޅޭ 12 ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ، ބްރެޒިލް، ސާބިއާ އަދި ކެމެރޫން

ޓީމުގެ ތާރީހް

މީގެކުރިން ފީފާ ވޯލްޑް ކަޕްގައި 11 ފަހަރެއްގެ މަތިން ސްވިޒަލެންޑް ވަނީ ވާދަކޮށްފަ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރު އެވެ. އަދި 1934، 1938 އަދި 1954ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނެވެ. މިއީ ވޯލްޑް ކަޕެއްގައި އެ ޓީމުން މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީ އެވެ.

ވޯލްޑް ކަޕަށް ކޮލިފައިނުވެ އަހަރުތަކެއް ހޭދަކުރުމަށް ފަހު، ސްވިޒަލެންޑް ދެން ފެނުނީ 1994ގެ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2006 އާއި 2014 އަދި 2018ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލާއި ސާބިއާ އަދި ކޮސްޓަ ރީކާއާ އެކު އެއް ގުރޫޕެއްގައި ހިމެނި ދެވަނަ ބުރަށް ދަތުރުކުރި އެވެ. ފުރަތަމަ މެޗުގައި ބްރެޒިލާއި ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި 2-1 އިން ސާބިއާ ބަލިކުރި އެވެ. އަދި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޮސްޓަ ރީކާއާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން ވީ އެއްވަރެވެ. ދެ ވަނަ ބުރުގައި ސްވިޑެން އަތުން 1-0 އިން ބަލިވެ، މުބާރާތުން ކެޓީ އެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިންގައި އިޓަލީ ހިމެނުނު ގްރޫޕުން ސްވިޒަލެންޑް ވަނީ އެއްވަނަ ހޯދައި ވޯލްޑް ކަޕުން ފުރުސަތު ހޯދާފަ އެވެ. ކޮލިފައިންގައި 15 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ދެ ގޯލެވެ.

ކުޅުނު 8 މޮޅުވި 5 އެއްވަރުވި 3 ބަލިވި 0 ޕޮއިންޓް 18

ގްރޭނިޓް ޒާކާ

އިންގްލެންޑްގެ އާސެނަލަށް ކުޅެމުން އަންނަ ގްރޭނިޓް ޒާކާ އަކީ ސްވިޒަލެންޑްގެ ކެޕްޓަނުގެ އިތުރުން އެ ޓީމުގެ މިޑްފީލްޑްގެ ހިތެވެ. ދަނޑުގެ ކޮންމެ ހިސާބަކުން ދިގު ޕާސްތައް ޖަހާލުމުގެ ގާބިލްކަން ހުރި ޒާކާ އަކީ އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވުމުގެ އިތުރުން އަމިއްލަ ޓީމުގެ އެޓޭކްތައް އުފެއްދުމުގައި މުހިއްމު ކުޅުންތެރިއެކެވެ.

ސްވިޒަލެންޑްގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅުނު ޒާކާ، އެ ގައުމުގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2011 ވަނަ އަހަރު އެވެ. އޭގެފަހުން، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 106 މެޗުގައި 12 ގޯލްޖަހާފަ އެވެ.

ޒާކާ ވަނީ ސްވިޒަލެންޑާ އެކު 2014 އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި ޔޫރޯ 2016 އާއި 2020 ގައި ކުޅެފަ އެވެ.

ޔެން ސޮމާ

ފަހަކަށްއައިސް ކޮންމެ ބޮޑު މުބާރާތަކަށް ސްވިޒަލެންޑް ނިކުންނައިރު އެ ޓީމުގެ ހުރިހާ އުއްމީދެއް ގުޅިފައިވާ އެއް ކުޅުންތެރިއަކީ ގޯލްކީޕަރު ޔެން ސޮމާ އެވެ. ސޮމާ ކުޅެމުން އަންނަނީ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބަކް އަށެވެ.

ކްލަބް ބަސެލްގެ ޔޫތު އެކަޑެމީން ތައާރަފްވި ސޮމާ ވަނީ ސްވިޒަލެންޑްގެ އެކި އުމުރުފުރާގެ ގައުމީ ޓީމަށް ކުޅެފައެވެ. ސޮމާ، 33، އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2012 ވަނަ އަހަރު އެވެ. އޭގެފަހުން، މިހާތަނަށް އައިއިރު ސޮމާ ވަނީ ގައުމީ ޓީމަށް 75 މެޗު ކުޅެދީފަ އެވެ.

މިއީ ސޮމާގެ ތިންވަނަ ވޯލްޑް ކަޕެވެ. މީގެކުރީން، 2014 ވަނަ އަހަރުގެ މުބާރާތުގެ ސްކޮޑުގައި ހިމެނުނުއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނެވެ. އަދި އެންމެ ފަހުން ކުޅެވުނު ޔޫރޯގެ ދެ މުބާރާތް (2016 އާއި 2020) ގައި ވެސް ކުޅެފައިވެ އެވެ.

ކޯޗު: މުރާތު ޔަކީން

ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޓީމަށް 40 މެޗު ޔަކީން ކުޅެނެވެ. އެގައުމުގެ ކޯޗުކަމުގައި ކުޅުނު 15 މެޗުން ހަތް މެޗު ކާމިޔާބުކޮށް ހަތަރު މެޗު އެއްވަރުކުރި އެވެ. ސްވިޒަލެންޑުގެ އެފްސީ ތުން އާއި އެފްސީ ބަސެލް އަދި ރަޝިއާގެ ސްޕާޓަކް މޮސްކޯ އަށް ޔަކީން އިރުޝާދުދިނެވެ. އެންމެ ބޮޑު ކާމިޔާބީއަކީ ބަސެލްއާ އެކު ލީގު ޗެމްޕިއަންކަން ދެފަހަރު ހޯދުމެވެ.