ފިނިޕޭޖް

"އިންޑިއާނާ ޖޯންސް 5"ގައި ހެރިސަން ފޯޑް ޒުވާންކުރަނީ

ހެރިސަން ފޯޑް އުމުރުން 39 އަހަރުގައި ކުޅެން ފެށި އިންޑިއާނާ ޖޯންސް ފިލްމް ފްރެންޗައިޒްގެ ފަސްވަނަ ފިލްމަށް އެނާ ޒުވާން ކުރަނީ އެވެ. ހެރިސަންގެ މިހާރުގެ އުމުރަކީ 80 އަހަރެވެ.

ޖޯޖް ލޫކަސް އާއި ސްޓީވަން ސްޕީލްބާގް ގުޅިގެން އުފެއްދި މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމް، "ރެއިޑާސް އޮފް ދަ ލޮސްޓް އާކް" ރިލީޒްކޮށްފައިވަނީ 1981 ގައެވެ.

މި ދެ ފިލްމް ހަދާ މީހުން ވަނީ ޕެރެމައުންޓް ޕިކްޗާސް އާއެކު ފަސް ފިލްމްގެ ޑީލެއް ހަދާފަ އެވެ.

މި ފިލްމް ރިލީޒްކުރާނީ މި ފްރެންޗައިޒްގެ އެންމެ ފަހުން ނެރުނު ފިލްމް "ކިންގްޑަމް އޮފް ދަ ކްރިސްޓަލް ސްކަލް" ނެރުނުތާ 15 އަހަރު ފަހުންނެވެ. "އިންޑިއާނާ ޖޯންސް 5" އަށް އަދި ޓައިޓަލް އެއް ދީފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

"އިންޑިއާނާ ޖޯންސް 5" ޑައިރެކްޓް ކުރާނީ ސްޓީވަން ސްޕީލްބާގްގެ ބަދަލުގައި ޖޭމްސް މެންގޯލްޑް އެވެ.

ޖޭމްސް ވަނީ މި ފިލްމުގައި އިންޑިއާނާ ޖޯންސްގެ ޒުވާން ދައުރު ބެލުންތެރިންނަށް ފެންނަ ސިކުއެންސެއް ހިމަނާފަ އެވެ. މިގޮތުން މި ފިލްމް ފެށޭއިރު ފެންނަނީ 1944 ވަނަ އަހަރު (ރެއިޑާސް އޮފް ދަ ލޮސްޓް އާކްގެ އިވެންޓްތަކަށް އަށް ވަރަކަށް އަހަރު ފަހުން) ނަޓްޒީ މީހުންނާ ކާސަލްއެއްގައި ކުރިމަތިލާ ތަނެވެ.

މި ސިކުއެންސްގައި ޑީ-އޭޖިން ޓެކްނޮލޮޖީ އާއި ކުރީގެ ފުޓޭޖް ބޭނުންކޮށްގެން ހެރިސަން ފޯޑް ވަނީ ޒުވާންކަމުގެ އިލޫޝަންއެއް އުފައްދާފަ އެވެ. އެއަށްފަހު ފިލްމު 1969 އަށް ދަތުރުކޮށް، ހެރިސަން މިހާރު ހުންނަ ގޮތަށް އެ ކެރެކްޓާ ފެނި، ފިލްމްގެ މައިގަނޑު އެކްޝަން ފެންނާނެ އެވެ.

ޑީ-އޭޖިން ޓެކްނޮލޮޖީން މިހާތަނަށް ބޭނުންކޮށްފައިވާ ފިލްމްތަކުގައި، އެ އެކްޓަރުން ފެންނަނީ ވަރަށް ސްޓިފް އަދި އެ މީހަކާ ވަރަށް ދުރު މީހެއްގެ ސިފަ އަށެވެ. މިސާލަކަށް ކާޓް ރަސަލް "ގާޑިއަންސް އޮފް ދަ ގެލެކްސީ 2" އާއި ރޮބަޓް ޑި ނީރޯ "ދި އައިރިޝްމަން" ބަލާލާށެވެ. އެހެން ނަމަވެސް ހެރިސަން ބުނަނީ މި ފިލްމުގައި އެކަން ކޮށްފައިވަނީ ވަރަށް މޮޅަށް ކަމަށާއި އޭނާ އެކަން ކުރި ގޮތް ބަލަން ބޭނުންނުވިޔަސް، އެކަން ކޮށްފައިވާ ގޮތް ހަމަޖެހޭ ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް ބިނާކޮށްފައިވާ މި ފިލްމު ފްރެންޗައިޒްގައި ޑރ. ހެންރީ ވޯލްޓަން "އިންޑިއާނާ" ޖޯންސް ޖޫނިއާ އަކީ އާކިއޮލޮޖިސްޓެކެވެ. އޭނާ އަކީ އެޑްވެންޗާ، މިސްޓްރީ އަދި ހިސްޓްރީ އަށް ލޯބިކުރާ ކެރޭ އަދި ހިތްވަރު ގަދަ މީހެކެވެ.

މި ފިލްމަކީ މިސްޓްރީ އަދި އެޑްވެންޗާ އިން ފުރިފައިވާ ފިލްމެއް ކަމަށާއި އެކަމަކު އޭގައި ހިތާކުޅޭ ފަދަ ވާހަކައެއް އެކުލެވިގެންވާ ކަމަށް ހެރިސަން ފޯޑް ވަނީ މީގެ ކުރިން ބުނެފަ އެވެ. މި ފިލްމު ވަނީ މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމްގެ ވާހަކައާއި އިހްސާސްތަކާ ގުޅުވާފަ އެވެ.

"އިންޑިއާނާ ޖޯންސް 5"ގައި ހެރިސަންގެ އިތުރުން މެޑްސް މިކެލްސަން، ތޯމަސް ކްރެޝްމަން، ބޮއިޑް ހޯލްބްރޫކް އަދި އެންޓޯނިއޯ ބެންޑޭރާސް ފަދަ ތަރިން ހިމެނެ އެވެ. މި ފިލްމް ސިނަމާތަކަށް ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.