ޗައިނާ އިން އުފައްދާ ޓެލެކޮމިޔުނިކޭޝަން ދާއިރާގެ ބައެއް އުފެއްދުންތަކާއި އަދި ވީޑިއޯ ނަގަން ބޭނުންކުރާ ބައެއް ޗައިނާގެ ބައެއް އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފި އެވެ.
އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަން ކޮމިޝަން (އެފްސީސީ) އިން ބުނީ ޗައިނާގެ ހުވާވޭއާއި، ޒޭޑްޓީއީ ފަދަ ނަން މަޝްހޫރު އެތައް އުފެއްދުމެއް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރަސްއަޅާތީ ކަމަށް ބުންޏެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން ޗައިނާ ހައިޓޭރާ ކޮމިޔުނިކޭޝަންސް، ހަންގްޒޮއު ހިކްވިޒަން ޑިޖިޓަލް ޓެކްނޮލޮޖީ އަދި ދަހުއާ ޓެކްނޮލޮޖީ ކުންފުނީގެ އެއްވެސް އުފެއްދުމެއް އެމެރިކާއަށް އެތެރެކުރުން މަނާވާނެ އެވެ.
އެމެރިކާގެ ނިންމުމާ ގުޅިގެން ޗައިނާގެ ކުންފުނިތަކުން ރައްދުގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާއަށް ޖާސޫސު ކުރާ ކަމަށް ޗައިނާގެ ބައެއް އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މީގެކުރިންވެސް މަނާކޮށްފައިވެ އެވެ. ނަމަވެސް ޗައިނާ އިން އަބަދުވެސް އެ ތުހުމަތުތައް ދޮގުކުރެ އެވެ.
އެމެރިކާގެ ސަލާމަތީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި ހުވާވޭ ފަދަ ޗައިނާގެ ކުންފުނިތަކުން އުފައްދާ ވަސީލަތްތަކުގެ ޒަރިއްޔާއިން ފައިވް-ޖީ ވަޔަލެސް ނެޓްވޯކްތަކުން ހިއްސާކުރެވޭ ސެންސިޓިވް މައުލޫމާތުތައް އެއްކުރެ އެވެ.
އެފްސީސީގެ ރައީސް ބްރެންޑަން ކާރް ވިދާޅުވީ މިއީ އެ ކޮމިޝަނުގެ ތާރީހުގައިވެސް މުވާސަލާތީ އަދި ކަރަންޓު ބޭނުންކުރާ ވަސީލަތްތަކަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނޭ ކަމުގެ ބިރުގައި އެފަދަ ވަސީލަތެއް އެމެރިކާ އަށް އެތެރެކުރުން ހުއްޓުވުމަށް ހުރިހާ މެމްބަރުން އެއްބަސްވީ ފުރަތަމަ ފަހަރު ކަމަށެވެ.
އެފްސީސީގެ ނިންމުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ރުހުން ލިބިފައިވާ ކަމަށްވެސް ބްރެންޑަން ވިދާޅުވެފައިވެ އެވެ.