ކުޅިވަރު

އޮސްޓްރޭލިއާ އިން 12 އަހަރަށް ފަހު ވޯލްޑް ކަޕްގައި މޮޅެއް ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައި މޮޅެއް ނުލިބި ނިންމާލި އޮސްޓްރޭލިއާ އިން 12 އަހަރަށް ފަހު ވޯލްޑް ކަޕް މެޗަކުން މޮޅުވެއްޖެ އެވެ.

ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އިން ވަނީ މިއަދު ޓިއުނީޝިއާ 0-1 އިން ބަލިކޮށްފަ އެވެ. މީގެ ކުރިން އެޓީމަށް ވޯލްޑް ކަޕް މެޗެއް ކާމިޔާބުކުރެވުނީ 2010 ވަނަ އަހަރު އެވެ. އެފަހަރު ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ މޮޅުވީ ސާބިއާ އަތުންނެވެ.

ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ވަނީ ފްރާންސް އަތުން 4-1 އިން ބަލިވެފަ އެވެ. އެކަމަކު މިއަދު ހޯދި މުހިއްމު މޮޅާ އެކު އޮސްޓްރޭލިއާ އޮތީ ތިން ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ފްރާންސުން މިރޭ ނުކުންނާނީ ޕޮއިންޓަކާ އެކު ތިން ވަނައިގައި އޮތް ޑެންމާކާ ދެކޮޅަށެވެ. ދެ މެޗުން އެއް ޕޮއިންޓް ލިބި މި ގްރޫޕުގެ ފުލުގައި އޮތީ ޓިއުނީޝިއާ އެވެ. އެޓީމަށް އަނެއް ބުރަށް ދިއުމަށް މިހާރު އޮތީ ހަނި ފުރުސަތެކެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު 23 ވަނަ މިނެޓުގައި ޖެހީ މިޗެލް ޑިއުކް އެވެ. މިއީ އޮސްޓްރޭލިއާގެ ކްރެއިގް ގުޑްވިން އަރިމަތިން ނަގައިދިން ހުރަހަކުން ބޮލުން ޑިއުކް ޖެހި ލަނޑެކެވެ. ފުރަތަމަ ހާފުގައި އޮސްޓްރޭލިއާ އިން ވަނީ މޮޅަށް ކުޅޭ ޓިއުނީޝިއާ އަށް ޕްރެޝަރުކޮށްފަ އެވެ.

މެޗުގައި ޓިއުނީޝިއާ އަށް ގޯލު ޖަހާނެ އެންމެ ފުރުސަތުތައް ލިބުނީ ކެޕްޓަން ޔޫސުފް ސަކްނީ އަށެވެ. ފުރަތަމަ ހާފުގައި އޭރިޔާ ތެރެއިން ސަކްނީ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ. ދެވަނަ ހާފުގައި ސަކްނީ ފޮނުވާލި ހަމަލާއެއް އޮސްޓްރޭލިއާގެ ގޯލްކީޕަރު މެޓް ރަޔަން ވަނީ މަތަކޮށްފަ އެވެ.

މި ހާފުގައި ޓިއުނީޝިއާ އިން ވަނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވަހްބީ ކަޒްރީ ކުޅެން އަރުވައި އެޓޭކުތައް ވަރުގަދަކޮށްފަ އެވެ. އެކަމަކު ކަޒްރީގެ އެހީތެރިކަމާ އެކު ވެސް ޓިއުނިޝިއާ އަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ. މުޅި މެޗުގައި ވެސް އޮސްޓްރޭލިއާގެ ގޯލްކީޕަރު ރަޔަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރޭލިއާ ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. މިރޭ ޑެންމާކާއި ފްރާންސް މެޗު ވާ ގޮތަކުން ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް އޮސްޓްރޭލިއާ އަށް އަނެއް ބުރަށް ދެވޭނެ އެވެ.

ވޯލްޑް ކަޕްގައި މިއަދު ހަވީރު ހައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލެންޑާއި ސައުދީ އަރަބިއާ އެވެ. މިއީ އާޖެންޓީނާ އާއި މެކްސިކޯ ހިމެނޭ ގްރޫޕް ސީގެ މެޗެކެވެ.