އަންނަ އަހަރު ސަބްސިޑީތަކަށް ކުރާ ހަރަދު ކުޑަކޮށް އެ ހަރަދުތައް މެނޭޖުކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.
އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޔައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ނާޝިޒު ވިދާޅުވީ ސަބްސިޑީތަކަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގެ އެބަ ހުރި ކަމަށާއި އެ މަސައްކަތް އަންނަ އަހަރުން ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނާ ކަމަށެވެ.
ސަބްސިޑީތަކުގެ ތެރެއިން ނާޝިޒް އެންމެ ބޮޑަށް ފާހަގަކުރެއްވީ އާސަންދަ އަދި އެންސްޕާއަށް ދޫކުރާ ސަބްސިޑީ އެވެ.
ނާޝިޒު ވިދާޅުވީ ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ ވަނަ އަހަރު ބަލްކް ޕްރޮކިއުމަންޓް ނުވަތަ ގަނޑުކޮށް ބޭސް ގަންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޭހާއި ބޭސް ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ހިމެނޭ ކަމަށާއި ސަރުކާރުގެ މި ނިންމުމާ ގުޅިގެން ބޭހަށް ދޫކުރާ ސަބްސިޑީގެ ބައެއް ހަރަދުތައް ކުޑަކުރެވޭނެ ކަމުގައި ނާޝިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެންޑަ ކޮށްގެން މިކަމަށް ޝައުގުވެރިކަން ހުރި ކޮންމެ ފަރާތަކަށްވެސް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ ވާދަވެރި މާހައުލެއްގައި އެކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ބޭހުގެ ސަބްސިޑީ ކުޑަކުރެވޭނެ ގޮތެއް ކަމަށެވެ. އޭރުން މިހާރު ބޭހާއި ބޭސް ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ގަންނަން ހިނގާ ހަރަދު ވަރަށް ބޮޑަށް ވެސް ކުޑަކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
"މިހާރު އޮންނަ ގޮތުން ވަކި ގޮތަކަށް ވަކި އެއްޗެއް ގަންނަން އޮންނަނީ. އޭރުން އެބަ ދިމާވޭ އެ އެއްޗެއް ހުންނަ އެންމެ ފަރާތަކާ. ދެން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ހަމައަށް ލިބޭ އިރު މި ލިބެނީ ތިން ހަތަރު ގުނަ ބޮޑުކޮށް،" ނާޝިޒް ވިދާޅުވި އެވެ.
ސިއްހީ އާލާތްތަކާއި ބޭސް މިހާރު ގަންނަ ގޮތުގެ ސަބަބުން ހުޅުގެ ސާޖަރީއެއް ހަދަން ބަލާއިރު ލައްވާ ޕިނެއްވެސް އެމެރިކާއިން ލިބޭ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ރާއްޖެއިން ލިބޭ ކަން ނާޝީޒް ފާހަގަކުރެއްވި އެވެ. އަދި އިންޑިއާއިން ނުވަތަ ލަންކާއިން ޕެނަޑޯލް ގުޅައެއް ގަންނަ އަގާއި ރާއްޖެއިން ޕެނަޑޯލް ގުޅައެއް ގަންނަން ލިބޭ އަގާއި ބަލާލުމުން އަގުގެ ތަފާތުކަން ހުންނަ މިންވަރު ފެނިގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ބޭހާއި ބޭސް ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ގަތުމުގެ ތެރޭގައި ކޮންމެވެސް ބަޔަކު ވަރަށް ބޮޑު އެއްޗެއް ކޮރަޕްޝަންގެ ގޮތުގައި ނަގާކަންވެސް ނާޝިޒު ފާހަގަކުރެއްވި އެވެ. ނާޝިޒް ވިދާޅުވީ ބަލްކް ޕްރޮކިއުމަންޓް ނުވަތަ ގަނޑުކޮށް ބޭސް ގަންނަނަމަ އެ ޕްރޮސެސްގެ ތެރެއިން ދައުލަތުގެ ބަޖެޓަށް ބޮޑު އެއްޗެއް ސަލާމަތް ވެގެން ދާނެ ކަމަށެވެ.
ތެލުގެ ސަބްސިޑީ، ކާޑުގެ ސަބްސިޑީ، މަސްވެރިންނަށްދޭ ސަބްސިޑީ އަދި ރާއްޖޭގެ އެކިއެކި ސެކްޓާ ތަކުގެ އެކިއެކި ފަރާތްތަކަށްދޭ ސަބްސިޑީތަކަކީ ބޭނުން ޖެހިފައިވާ މީހުންނަށް ހާއްސަކޮށްގެން ދޭ ސަބްސިޑީ އަކަށް ނުވާތީ ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުން ހާއްސަކުރުން އަވަސް ކުރަންޖެހޭ ކަމުގައިވެސް ނާޝިޒު ވިދާޅުވި އެވެ. ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދޭނަމަ ބޭނުންނުވާ ފަރާތްތަކަށް އެކަމުން ފައިދާވުން ވަރަށް ބޮޑަށް ހުއްޓުވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގައި ފިއުލް ސަބްސިޑީ ދޭ ގޮތުން ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެ ސަބްސިޑީ ލިބިގެންދޭ. އޭގެ ބަދަލުގައި ފިއުލް ސަބްސިޑީގެ ޓާގެޓަކަށް ވާން ޖެހެނީ އެ ބޭނުންވާ ފަރާތަކާއި މަދު އާމްދަނީ ލިބޭ އަދި އެކަން އެފޯޑް ނުކުރެވޭ ފަރާތައް ނުވަތަ ވަކި އާމްދަނީ އަކަށް ވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކަށް އެ ސަބްސިޑީ ދިނުން،" ނާޝިޒް ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސަބްސިޑީސް ލިބެނީ ވަކި ވަރަކަށް ވުރެ ދަށުން އާމްދަނީ ލިބޭ މީހުންނަށް ކަން ފާހަގަކުރައްވަމުން ނާޝިޒް ވިދާޅުވީ ބިލް ދައްކަން ގާބިލްކަން ހުރި މީހުންނަށް ސަބްސިޑީ ދޭން ނުޖެހޭ ކަމަށެވެ. އަދި އެހެން އެކަން ކުރެވިއްޖެ ކަމަށްވާނަމަ ބޮޑު އެއްޗެއް ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށްވެސް ނާޝިޒު ވިދާޅުވި އެވެ.
ސަބްސިޑީއަށް ކުރާ ހަރަދު މެނޭޖުކުރެވޭނެ ބައިވަރު ގޮތްތައް ހުރި އިރު ސަރުކާރުން އަދި މިކަން ކުރަން ނިންމާފައި އޮތީ ސީދާ ކިހިނެއް ކަމެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމުގައިވެސް ނާޝިޒު ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ ސަބްސިޑީގެ ގޮތުގައި 180 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މިކަމާ ގުޅިގެން ނާޝިޒް ވިދާޅުވީ ހިދުމަތެއް ދޭ ކަމަށްވާނަމަ ކޮންމެވެސް ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މި ސަބްސިޑީ އަކީ އެ ހަރަދު ރައްޔިތުންގެ އަތުން ނަގަން ސަރުކާރުން ބޭނުންނުވާތީ އެ ހިދުމަތްދޭ ކުންފުނިތަކަށް ގެއްލުން ނުވާ ގޮތަކަށް އެކަން ކުރުމައްޓަކައި ދޭ ސަބްސިޑީއެއް ކަމަށެވެ.
"ދައުލަތުން ފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް މިދެނީ ކޮންމެވެސް ފަރާތަކާއި ހަވާލުކޮށްގެން. މިއަދު މިހާ ހަމައަށް އައި އިރު މިއީ އެއްވެސް ފަރާތަކުން އެއްޗެއް ދޭ ކަމެއް ނޫން. މިއީ ބައެއް ކުންފުނިތަކައް ގެއްލުންވާ ކަމެއް. އެކަމަކު އަސާސީ ހިދުމަތަކަށް ވީމަ އެކަން ކުރަނީ،" ނާޝިޒު ވިދާޅުވި އެވެ.
ފެނަށް ބިލް ކުރި ނަމަވެސް އެއްވެސް ރަށެއްގައި ނަރުދަމާއަށް ބިލް ނުކުރާކަން ފާހަގަކުރައްވަމުން ނާޝިޒް ވިދާޅުވީ އަބަދުވެސް ކޮންމެވެސް ރަށެއްގައި ކޮންމެވެސް ޖަންކްޝަނެއްގައި މައްސަލަ ޖެހި ނުވަތަ ކޮންމެވެސް ހޮޅިއެއް ފަޅައިގެން ގޮސް މަރާމާތު ކުރަން ޖެހޭ ކަމަށެވެ. މިއީ އެމްޑަބްލިއުއެސްސީން ކުރި ކަމުގައިވިޔަސް ފެނަކައިން ކުރި ކަމުގައި ވިޔަސް ވަރަށް ގިނަ ހަރަދު ހިނގާ ކަމެއްކަން ނާޝިޒު ފާހަގަކުރެއްވި އެވެ. އެހެންކަމުން ފެނާއި ނަރުދަމާގެ ސަބްސިޑިއަކީ ސަރުކާރުން އެ ހިދުމަތްދޭ ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ދޭ އެއްޗެއް ކަމުގައިވެސް ނާޝިޒު ވިދާޅުވި އެވެ.