ވޯލްޑް ކަޕްގައި ގޯލެއް ނުޖެހި ޕްރެޝަރާ ކުރިމަތިވި ރޮބާޓް ލެވަންޑޯސްކީ މިރޭ ސައުދީ އަރަބިއާ ކޮޅަށް ގޯލު ޖަހައި 0-2 އިން ޕޮލެންޑް މޮޅުކޮށްދީފި އެވެ.
ލެވަންޑޯސްކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗާއި މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ނުޖެހުނެވެ. މިފަހަރު މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ ވެސް ޕެވަންޑޯސްކީ އަތުން ބޭކާރުވީ އެވެ. އެހެންވެ ވޯލްޑް ކަޕަށް ގޯލަކަށް ލެވަންޑޯސްކީ ހުރީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޯލު 39 ވަނަ މިނެޓުގައި ޖެހީ ޕިއޮޓްރޭ ޒިއެލެންސްކީ އެވެ. ލެވަންޑޯސްކީ ޖައްސާލި ބޯޅަ އެއްފަހަރުން ޖަހައި ޒިއެލެންސްކީ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލާފަ އެވެ. ޕޮލެންޑް ލީޑުގައި އޮއްވައި ސައުދީ އަރަބިއާ އަށް ވަނީ ޕެނަލްޓީ އަކުން ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ސާލިމް އަލް ދައުސަރީ ފޮނުވާލި ޕެނަލްޓީ ޕޮލެންޑުގެ ގޯލްކީޕަރި ވޮޒްނިއޭ ޝެޒްނީ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ޝެޒްނީ ދިފާއުކުރި ބޯޅަ އަލް-ބްރެއިކް ފޮނުވާލުމުން ޝެޒްނީ ވަނީ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ.
ދެވަނަ ހާފުގައި ސައުދީ އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ސައުދީ އަށް ގޯލެއް ނުޖެހުނީ ކީޕަރު ޝެޒްނީ ދެއްކި މޮޅު ކުޅުމުންނެވެ. ދެވަނަ ހާފުގައި ޕޮލެންޑުން ޑިފެންސަށް އިސްކަންދީގެން ކުޅެ ކައުންޓަ އެޓޭކުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މިގޮތުން އެޓީމުގެ އަކާޑިއުސް މިލިކް އާއި ލެވަންޑޯސްކީ ފޮނުވާލި ހަމަލާތަކެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.
ވޯލްޑް ކަޕްގައި ލެވަންޑޯސްކީ ފުރަތަމަ ގޯލު ޖެހީ މެޗުގެ 82 ވަނަ މިނެޓުގަ އެވެ. ސައުދީގެ ޑިފެންޑަރަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނު ބޯޅަ ހޯދުމަށް ފަހު ލެވަންޑޯސްކީ ވަނީ ތިރިތިރިން ޖަހައި ގޯލު ކާމިޔާބުކޮށްފަ އެވެ. މިއީ ޕޮލެންޑަށް ލެވަންޑޯސްކީ ޖަހައިދިން 77 ވަނަ ލަނޑެވެ. ލެވަންޑޯސްކީ އަށް ވޯލްޑް ކަޕް ގޯލެއް މި ޖެހުނީ ކެރިއަރުގައި 600 އަށް ވުރެ ގިނަ ގޯލު ޖެހުމަށް ފަހު އެވެ.
މޮޅާ އެކު ޕޮލެންޑް ވަނީ ހަތަރު ޕޮއިންޓް ހޯދައި ގްރޫޕުގެ އެއްވަނަ އަށް އަރައިފަ އެވެ. ދެވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ސައުދީ އަރަބިއާ އެވެ. ތިން ވަނައިގައި އޮތީ ޕޮއިންޓަކާ އެކު މެކްސިކޯ އެވެ. ފުރަތަމަ މެޗުން ބަލިވެ މިވަގުތު ފުލުގައި އޮތް އާޖެންޓީނާ އިން މިރޭ ދަންވަރު މެކްސިކޯއާ ދެކޮޅަށް ނުކުންނާނެ އެވެ.
މިރޭ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑެންމާކް އާއި ފްރާންސް އެވެ. ފުރަތަމަ މެޗުގައި ފްރާންސުން 4-1 އިން އޮސްޓްރޭލިއާ ބަލިކުރިއިރު ޑެންމާކާއި ޓިއުނީޝިއާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.