ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ފްރާންސް ދެވަނަ ބުރު ކަށަވަރުކުރީ މިރޭ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ. މޮޅާ އެކު ފްރާންސް އެއް ވަނައިގައި އޮތީ ދެމެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ މިރޭ 1-0 އިން ޓިއުނީޝިއާ ބަލިކުރި އޮސްޓްރޭލިއާ އެވެ. ޑެންމާކް އާއި ޓިއުނީޝިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
މެޗުން ބަލިވުމުން ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޑެންމާކަށް ވަނީ ހަނިވެފަ އެވެ. އަނެއް ބުރުގެ ޖާގަ ޑެންމާކަށް ލިބޭނީ ފަހު މެޗުގައި އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. އެ މެޗު އެއްވަރުކޮށްގެން އޮސްޓްރޭލިއާ އަށް ދެވަނަ ބުރު ޔަގީންވާނެ އެވެ.
މިރޭގެ މެޗުގައި ފްރާންސްގެ ދެ ގޯލު ވެސް ޖެހީ 23 އަހަރުގެ ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ފުރަތަމަ ގޯލު ޖެހީ 61 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުންނެވެ. އެމްބާޕޭގެ ގޯލު ޖެހިތާ އިރުކޮޅެއް ފަހުން ޑެންމާކްގެ އަންދްރައެސް ކްރިސްޓިއެންސަން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
އެއްވަރުވާން ދަނިކޮށް ފްރާންސް މެޗުން މޮޅުކޮށްދިން ލަނޑު 86 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ އޮންޓުއަން ގްރީޒްމަން ނަގައިދިން ހުރަހަކުންނެވެ.
މިރޭ ޖެހި ގޯލާ އެކު އެމްބާޕޭ މިވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ތިން ގޯލު ޖަހައިފަ އެވެ. މި އަދަދަށް ދެން ގޯލު ޖެހީ އިކުއެޑޯގެ އެނާ ވެލެންސިއާ އެވެ. އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ނުވަ މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ. 2018 ވަނަ އަހަރު ފްރާންސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެމްބާޕޭ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
ވޯލްޑް ކަޕްގައި މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސީގައި ހިމެނޭ އާޖެންޓީނާ އާއި މެކްސިކޯ އެވެ. މުބާރާތުގައި ކުރިއަށް ދިއުމަށް އާޖެންޓީނާ މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ.